ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކާމިޔާބުކުރުމުގައި އެއްގަލަކަށް އެރުމަށް ޕީއެންސީގެ ޗެއަރމަން ޢަބްދުރަޙީމް (އަދުރޭ) އިލްތިމާސްކުރައްވައިފިއެވެ.
އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު އިންތިޚާބީ ރައީސުލްޖުމްހުރީއްޔާގެ ފަރާތުން އެންމެ ފުރަތަމަ ޕާޓީގެ ލީޑަރޝިޕްއިން ދަތުރު ކުރައްވާފައިވަނީ އައްޑޫ ސިޓީއަށެވެ.
އަދުރޭ ވިދާޅުވީ، ކުރިއަށްއޮތް މަޖިލިސް އިންތިޚާބުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ ކާމިޔާބުކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް ފުރިހަމަ އެއްބާރުލުން ދެއްވުން މުހިއްމު ކަމަށެވެ.
އިންތިޚާބު ކާމިޔާބު ކުރެއްވުމުން ކާމިޔާބު ވީކަމަށް ޤަބޫލުކޮށްގެން ތިބެވެން ނެތްކަން ފާހަގަކުރައްވާ ޢަބްދުއްރަޙީމް ވިދާޅުވީ، ކުރިއަށް އޮތް މަޖިލިސް އިންތިޚާބު ކާމިޔާބުކުރުމަކީ ޕީޕީއެމް ޕީއެންސީގެ ސަރުކާރުން ކަނޑައަޅާފައިވާ މެނިފެސްޓޯ ތަންފީޒުކުރުމުގައި މުހިންމު ކަމެއްކަމަށެވެ.
"ކުރިއަށް މިއޮތް ޕްރައިމަރީގައި ކޮންމެ ބޭފުޅަކަށް ކާމިޔާބުވިކަމުގައިވީނަމަވެސް ހުރިހާ ބޭފުޅުންވާނެ އެބޭފުޅަކަށް ތާޢީދުކުރައްވާ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރެއްވުމުގައި އެހީތެރިވާން. ޕާޓީގެ ލީޑަރޝިޕްގެ ފުރިހަމަ އެއްބާރުލުން އެބޭފުޅަކަށް ލިބޭނެކަމުގެ ޔަގީންކަން އަރުވަން." ޢަބްދުއްރަޙިމް ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް ވަނީ ޕާޓީ ބައިބައިކުރުމަށް އެއްވެސް ފަރާތަކަށް ފުރުޞަތު ނުދެއްވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ސަރުކާރު ދެމެހެއްޓުމަށް އެކަތިގަނޑެއްގެ ގޮތުގައި އޮތުމަކީ މުހިންމު ކަމެއްކަމަށް ޢަބްދުރަޙީމް ފާހަގަކުރެއްވިއެވެ.
ޕީޕީއެމް ޕީއެންސީގެ ލިޑަރޝިޕްއިން އައްޑޫ ސިޓީއަށް ކުރައްވާ ދަތުރަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ހޯމަށާއި އެ ދެ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ކުރައްވާ ދަތުރުތަކެކެވެ. މިދަތުރުފުޅުގައި އައްޑޫ ސިޓީގެ އެކި ދާއިރާތަކުގެ ރައްޔިތުންނާއި އަދި ޕާޓީގެ މެމްބަރުންނާއި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އައްޑުއަށް ވަޑައިގެން އެސިޓީގެ ޕީޕީއެމް ޕީއެންސީގެ މެމްބަރުންނާއި އަދި ކުރިއަށް އޮތް މަޖިލީސް އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ޢަބްދުރަޙީމް ވިދާޅުވީ، އިންތިޚާބަށްފަހު އެންމެ ފުރަތަމަ އައްޑުއަށް އެޕާޓީގެ ލީޑަރޝިޕުން ދަތުރުކުރެއްވީ އިންތިޚާބީ ރައީސްގެ އެދިލެއްވުމަށްކަމަށެވެ. އަދި އިންތިޚާބުގައި އައްޑޫ ސިޓީއިން ދެއްވި އެއްބާރުލުމަށްޓަކައި އިންތިޚާބީ ރައީސް ޝުކުރުއަދާކުރައްވާކަމުގައި ޢަބްދުއްރަޙީމް ވިދާޅުވިއެވެ.