ހާލުގައި ޖެހިފައިވާ މީހުން ތިބި ވަގުތީ ހިޔާއަކަށް ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ފައުޖުތަކުން އަނެއްކާވެސް ޙަމަލަދީފިއެވެ. މިފަހަރު ބޮން އަޅާފައި މިވަނީ، ޔަހޫދީންގެ ހަމަލާތަކުގެ ސަބަބުން ޖަބާލިޔާ ރެފިއުޖީ ކޭމްޕަށް ވެދެ ތިބި މީހުންނަށެވެ.
އަލް ޝިފާ ހޮސްޕިޓަލުން ހާމަކުރައްވާފައިވާ ގޮތުގައި އދ އިން ހިންގަމުންދާ ސްކޫލުގައި ޖަބާލިޔާ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި ގެދޮރު ފަނާވި މީހުން ވަގުތީ ހިޔާވަހިކަމުގައި ތިއްބާ ޔަހޫދީ އަސްކަރިއްޔާއިން ދިން ވައިގެ ހަމަލާތަކެއްގައި 15 މީހުން ޝަހީދުކޮށް އެތައް ބަޔަކު ޒަޚަމްކޮށްލާފައިވެއެވެ. ޝަހީދުވި މީހުންގެ އަދަދު ކުރިޔަށް އޮތް ތަނުގައި އިތުރުވާނެކަމަށް ލަފާކުރެވެއެވެ.
ޔަހޫދީން ވަނީ ހުކުރު ދުވަހު ފަލަސްޠީނުގެ ރެޑް ކްރެސެންޓުގެ އެމްބިޔުލާންސްއަކަށްވެސް ހަމާލާ ދީފައެވެ. މި ހަމަލާގައި 15 މީހުން ޝަހީދުކޮށްލާފައިވެއެވެ. އަދި އިތުރު 60 އެއްހާ މީހުން ވަނީ ޒަޚަމުކޮށްލާފައިވާއިރު، ޔަހޫދީން އެމްބިޔުލާންސްތަކަށް މިސައިލް ހަމަލަތައް ދީފައި ވަނީ ފަލަސްޠީނުގެ ޢާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން ދިޔަ ވަގުތެއްގައެވެ.
ހައްދުފަހަނަ އަޅާފައިވާ އަނިޔާވެރި އިސްރާޢީލުގެ އަސްކަރިއްޔާއިން ވަނީ އަލް-ޝިފާ ހޮސްޕިޓަލް ކައިރީގައި އޮތް އެމްބިޔުލާންސަކަށް މިސައިލް ހަމަލަތަކެއް ދީފައެވެ.
އިސްރާއީލް އަސްކަރިއްޔާއިން ބަޔާނެއްގައި އިސްރާއީލުގެ އަސްކަރިއްޔާއިން އެމްބިއުލާންސާ ހަމާސްއާ ގުޅުން ހުރި ކަމަށް ބުނާ ބުނުމަށް ތާއީދުކުރާ އެއްވެސް ހެއްކެއް ދީފައި ނުވި ނަމަވެސް އިތުރު މަޢުލޫމާތު އާންމު ކުރަން ގަސްތުކުރާ ކަމަށް ބުނެފައިވެއެވެ.
ޔަހޫދީންގެ މި ނުބައި އަނިޔާވެރި ޢަމަލުދަނީ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުން ކޮށްވެރިކުރަމުންނެވެ.