އެއް ދުވަހު އެއް ޕޯޑިއަމްގައި، އަނެއް ދުވަހު އަނެއް ޕޯޑިއަމްގައި ތިބެގެން ސިޔާސީ ވާހަކަ ނުދައްކަވާ ކަމަށް ވިދާޅުވެ، ޕީއެންސީގެ ޗެއަރމަން އަބުދުއްރަޙީމް (އަދުރޭ) ރައީސް ޔާމީންގެ އިސް ޤާނޫނީ ވަކީލު ޑރ. މުޙައްމަދު ޖަމީލް އަޙްމަދަށް ރައްދުދެއްވައިފިއެވެ.
އަބްދުއްރަހީމް އައްޑޫގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ދެ ދުވަހު ދެގޮތަށް ވާހަކަތައް ދައްކައި ހިޔާލު ބަދަލު ކުރާ މީހަކަށް އޭނާ ނުވާނެ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ އަބަދުވަސް ވާހަކަ ދައްކަވަނީ ކަން އޮތްގޮތަށް، ސާބިތުވެ ތިބެގެންކަމަށާއި އަދި ވާހަކަ ދައްކާނީ ވެސް އެއް ޕޯޑިއަމެއްގައި ކަމަށެވެ.
"އެއް ދުވަހު އެއް ޕޯޑިއަމްގައި، އަނެއް ދުވަހު އަނެއް ޕޯޑިއަމްގައި ތިބެގެން އަޅުގަނޑުމެންނެއް ސިޔާސީ ވާހަކައެއް ނުދައްކަން." އަދުރޭ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ހަނދނާން ނައްތާ ނުލަންވީ ޤައުމަށް ހިޔާނާތްވެ، އެކަމުގައި ބައިވެރިވި މީހުން މަތީންނެވެ.
އަބްދުއްރަހީމް ވިދާޅުވީ ވެރިކަމާއި ހަމައަށް އާދެވުނު ގޮތް ހަނދާން ނުނެތޭނެކަމަށާއި، މިއީ އެތައް ބައެއްގެ ބުރަ މަސައްކަތް ކަމަށާއި، ޕާޓީ ވެރިކަމަށް ގެނައުމަށާއި، ޕާޓީއަށް ދެރަ ދިން ބޭފުޅުން މަތީން ވެސް ހަނދާން ހުންނާނެކަމަށެވެ.
އައްޑޫގެ ޖަލްސާގައި އަބްދުއްރަހީމް ވަކިބޭފުޅެއްގެ ނަން ބޭނުން ނުކުރެއްވި ނަމަވެސް ބެލެވޭ ގޮތުގައި ރައްދު ދެއްވީ ޖަމީލަށެވެ. އަދި އައްބުއްރަހީމް އެ މައުޟޫއަށް އިތުރަށް ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ އޭރުގެ އިދިކޮޅުން ރައީސް ޔާމީންގެ ބޮލުގައި އެތައް އިލްޒާމެއް އެޅުވިއިރު އެއަށް ތާއީދު ވެސް ކުރި، އަދި އިތުރު ދޮގު ފެތުރި ބޭފުޅުން ވެސް ތިބި ކަމަށެވެ.
އަދުރޭ ޖަމީލަށް ރައްދުވާ މޭރުމުން ވާހަކަދައްކަވާފައިވާއިރު، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވެރިކަން ލިބިވަޑައިގަތީ ކުރީގެ ރައީސް ޔާމީންގެ ގުރުބާނީ އާއި، އެމަނިކުފާނުގެ މައްޗަށް ރައްޔިތުން ކުރާ އިތުބާރެއްގެ ބޮޑުކަމުންކަމަށް ވިދާޅުވެ ޕީޕީއެމް ޕީއެންސީ އޮފީހުގެ ޖަލްސާއެއްގައި ދާދިފަހުން ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވާހަކަ ދައްކަވާފައިވެއެވެ. ރައީސް ޔާމީންގެ އިސް ޤާނޫނީ ވަކީލުކަން ވެސް ކުރައްވާ ޖަމީލް އެރޭގެ ޖަލްސާގައި ވާހަކަ ދެއްކެވިއިރު ރައީސް ޔާމީން ވެސް އިންނެވިއެވެ. އެއީ ބަންދަށް ލިބުނު ލުއިތަކެއްގެ ތެރެއިންކަމަށް ވިދާޅުވެ ރައީސް ޔާމީން ވެސް ބައިވެރިވި ޖަލްސާއެކެވެ.