ރައީސް މުހައްމަދު ނަޝީދު މަޤާމުން ދުރުކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅާފައިވާއިރު، އެ މައްސަލަ މަޖިލީހުގެ ތަޅުމުގައި ކުރިއަށް ގެންދިއުމަށް އުޒުރުވެރިވެވަޑައިގަންނަވާކަމަށް މަޖިލީހުގެ ނައިބުރައީސް އީވާ ވިދާޅުވެއްޖެއެވެ.
އެމްޑީޕީއިން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅީ އެ ކޯޓުން މައްސަލައިގައި ގޮތް ނިންމުން މުހިންމު ކަމަށް އެބޭފުޅުން ދެކޭތީކަމަށާއި، ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅާފައިވަނީ ރައީސް ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންގޮސް ގާނޫނުއަސާސީއާއި ހިލާފުވެފައިވާކަމަށް ބުނެ ޖަލްސާ ކުރިއަށް ގެންދަންޖެހޭނެކަމަށް ކަނޑައަޅައިދިނުމަށްކަމަށް އީވާ ވިދާޅުވިއެވެ.
ކޯޓުގައި މައްސަލައެއް ކުރިއަށް ދާއިރު، އެ މައްސަލައާއިމެދު މަޖިލީހުން ގޮތް ނިންމުމަކީ އެ މުއައްސަސާއިން އަމަލުކުރަމުން އައިސްފައިވާ އުސޫލެއް ނޫންކަން ފާހަގަކުރައްވަމުން، އަދި ރައްޔިތުންގެ މަޖިލީހުގައި އެ މައްސަލަ ކުރިއަށް ގެންދިއުމުން ޝަރީއަތަށް ނުފޫޒު ފޯރާނެކަމަށާއި އޭގެ އިތުރުން މައްސަލައެއް ހުށައަޅާފައިވާއިރު، ހުށައެޅި ފަރާތުން ކޯޓުގެ ނިންމުމަށް ބެލުމެއް ނެތި ވަކި ގޮތަކަށް މަޖިލީހުން ނިންމުމަށް މަސައްކަތްކުރުންވަނީ ކޯޓަށް ގަދަރާއި އިހުތިރާމް ކުޑަކުރުންކަމަށްވެސް އީވާ ވިދާޅުވިއެވެ.
އެހެން ޕާޓީތައްވެސް ދަނީ މި މައްސަލައަށް ތަދައްހުލްވަމުންކަން ފާހަގަކުރައްވަމުން، ބާރުތައް ވަކިވެފައި އޮންނަ އޮތުމުގެ ތަސައްވުރަށް ހިޔަނި ނޭޅުމުގެ ގޮތުން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދާ މައްސަލައިގައި ވަކި ގޮތެއް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމަށް ހުށައަޅާފައިވާ ގަރާރުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރިޔާސަތުގައި އިންނެވުމަށް އުޒުރުވެރިވެވަޑައިގަންނަވާކަމަށް އީވާ ވަނީ ވިދާޅުވެފައެވެ.