ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކުރުމާއެކު ގިނަ ބަޔަކު އިހްތިޖާޖުކޮށް ކަންބޮޑުވުން ފާޅުކުރަމުންދާތީ، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހައުސިންގ މިނިސްޓްރީ ގެދޮރުވެރިޔާ ޕްރޮގުރާމުގެ ދަށުން ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފައިވަނީ އިއްޔެއެވެ. މި ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ 13،000 މީހުން ތިބިއިރު އޭގެ ތެރެއިން، މި ސަރުކާރުން ދޭ ފުރަތަމަ 4،000 ފްލެޓް ލިބޭނެ މީހުން ވަނީ ޕޮއިންޓި އުސޫލުން ކަނޑައަޅާފައެވެ.
އާންމުކޮށްފައިވާ އިޢުލާންގައިވާ ގޮތުން، ތިން ކޮޓަރީގެ ފްލެޓަށް ހުށަހެޅި މީހުންގެ ތެރެއިން 76 ޕޮއިންޓަށް ވުރެ މަތިން ލިބޭ މީހުންނަށް މި 4000 ފުލެޓުން އެޕާޓުމެންޓެއް ލިބޭނެއެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ހުށަހެޅި މީހުންގެ ތެރެއިން 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންނަށް އެޕާޓުމެންޓު ލިބޭނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އަދި މި ފުލެޓުތައް ކަނޑައަޅާނީ ގުރުއަތަކުން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މި ލިސްޓަށް ޝަކުވާ ހުށަހަޅަން މިއަދުން ފެށިގެން ހުޅުވާލީ އާންމުންގެ ބަޔަކު ހައުސިން މިނިސްޓްރީ ދޮށަށް އެއްވެ ކަންބޮޑުވުންފާޅުކުރުމުންނެވެ. އެއްބަޔަކު ބުނަމުންދަނީ ސަރުކާރު ހިންގާ ޕާޓީތަކަށް ނިސްބަތްވާ މީހުންނާއި މިނިސްޓަރުގެ ގާތްމީހުންނަށް މަތިން ޕޮއިންޓުދީ ފުލެޓު ޔަގީންކޮށްފައިވާ ކަމަށެވެ. ގިނަ ބައެއްގެ ކަންބޮޑުވުން އޮތީ ޕޮއިންޓު ދިން ގޮތް ހާމަ ކޮށްފައިނުވާތީއެވެ. ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 16:00 އަށެވެ. ޝަކުވާ ހުށަހަޅަން ޖެހެނީ ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށެވެ.