ހުވާ ކުރައްވާ ރަސްމިއްޔާތަށް ދައުވަތު ދެނީ ޤައުމުތަކަށް، ވަކިވަކި ބޭފުޅުންނަކަށް ނޫން: ފިރުޒުލް

އިންތިޚާބީ ރައީސް، ޑރ. މުޙައްމަދު މުއިއްޒު ރައީސް ކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތަށް ދައުވަތު ދެނީ ގައުމުތަކަށް ކަމަށާއި އެ ދައުވަތަކީ ވަކިވަކި ބޭފުޅުންނަށް ދޭ ދައުވަތެއް ނޫން ކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

ފިރްޒުލް މިހެން ވިދާޅުވީ، ޑރ. މުއިއްޒު ހުވާ ކުރައްވާ ޖަލްސާއަށް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދްރަ މޮދީއަށް ދައުވަތު ފޮނުވާފައިވާ ކަމަށް  ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމާ ގުޅިގެންނެވެ.

ފިރުޒުލް ވިދާޅުވީ، ވަކި އެއްވެސް ދައުވަތަކަށްް ޚާއްސަ ފޯކަސްއެއް ނުދެއްވާ ކަމަށާއި، ރަސްމިއްޔާތުގެ ދައުވަތުތަކާ ގުޅޭގޮތުން ކުރިންވެސް އެކި ފަހަރުމަތިން ފާހަގަކޮށްފައިވާހެން އަވަށްޓެރި ހުރިހާ ޤައުމުތަކަށާއި، ދިވެހިރާއްޖެއާއި ގާތް ގުޅުމެއް އޮންނަ ވަރަށް ގިނަ ޤައުމުތަކަށް ދައުވަތު ދެއްވާފައިވާ ކަމަށެވެ.

އިންޑިއާގެ މީޑިއާތަކަށް ވެސް މައުލޫމާތު ދީފައިވާނީ ހަމަ އެގޮތަށް ކަމަށާއި، ދައުވަތު ފޮނުވާފައިވަނީ ރާއްޖެއާއި ޙާރިޖީ ގުޅުން ގާއިމު ކޮށްފައިވާ ގައުމުތަކަށާއި މަލްޓިލޭޓަރަލް އޯގަނައިޒޭޝަންތަކަށް ކަމަށާއި، އަދި ވަކިވަކި ބޭފުޅުންނަށް ދައުވަތު އަރުވާފައި ނުވާނެ ކަމަށް ފިރުޒުލް ވިދާޅުވެފައެވެ.

17 ވަނަ ދުވަހު ބާއްވާ ހުވާ ކުރުމުގެ ރަސްމިއްޔާތަށް 3،500 އަށްވުރެ ގިނަ މީހުންނަށް ދައުވަތު ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން މީގެ ކުރިން ވިދާޅުވެފައިވެއެވެ. މީގެއިތުރުން، އާންމުންގެ ތެރެއިން ހާހަކަށްވުރެ ގިނަ މީހުންނަށް ދައުވަތު ދެއްވާނެ ކަމަށް ވެސް މަޖިލީހުން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު