12 ފެބުރުވަރީ 2025

އަމިއްލަ ދިފާޢުގައި ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ޙައްޤު އިސްރާޢީލަށް ލިބިގެންވޭ: އެމެރިކާ

ޔަހޫދީންގެ އަމިއްލަ ދިފާޢުގައި ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ހައްޤު އިސްރާޢީލަށް ލިބިގެންވާ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވިދާޅުވެއްޖެއެވެ.

ނަމަވެސް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަންއާއެކު ބޭއްވި ބައްދަލުވުމެއްގައި، ޢަރަބި ޤައުމުތަކުގެ ވެރިން ވަނީ، ޔަހޫދީންގެ ޖަރީމާތައް ހުއްޓައިލަން ޒަޔަނިސްޓު އިސްރާޢީލަށް ބާރު އެޅުމަށް ބްލިންކަންގެ އަރިހުގައި އެދިވަޑައިގަންނަވާފައެވެ.

އޭނާ މެދުއިރުމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބްލިންކަން ވަނީ އުރުދުނާއި މިޞްރުގެ އިތުރުން ސަޢޫދީ ޢަރަބިއްޔާއާއި، ޤަޠަރާއި، އެކުވެރި ޢަރަބި ޢިމާރާތުގެ އިތުރުން ފަލަސްޠީނުގެ މަންދޫބުންނާ ވެސް ބައްދަލު ކުރައްވާފައެވެ. އެ ބޭފުޅުން ވަނީ، ޔަހޫދީންގެ އަމަލުތަކާ ގުޅިގެން މެދުއިރުމަތި ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓިދާނެ ކަމުގެ ބިރު އިތުރުވަމުންދާ ކަން ފާހަގަ ކުރައްވާފައެވެ.

އުރުދުންގެ ވެރިރަށް ޢައްމާންގައި ބްލިންކަންއާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އެ ޤައުމާއި މިޞްރުގެ ޚާރިޖީ ވަޒީރު ވަނީ ޔަހޫދީންގެ ހަމަލާތައް ހުއްޓުވައިދިނުމަށް ތަކުރާރުކޮށް ބްލިންކަންގެ އަރިހުގައި ދަންނަވާފައެވެ. އަދި، ޔަހޫދީންގެ އަމިއްލަ ދިފާޢުގެ ނަމުގައި ފަލަސްޠީނުގެ މުސްލިމުން ޤަތުލުކުރަމުން ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި އެ ދެ ބޭފުޅުން ވިދާޅުވިއެވެ.

އެހެން ނަމަވެސް،  ބްލިންކަން ވިދާޅުވީ، މިއީ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ގަތުލުއާންމު ހުއްޓުވަން އެންމެ ރަނގަޅު ވަގުތު ނޫން ކަމުގައެވެ.

"ޣައްޒާގެ މުސްލިމުން ގަތުލުކުރުން ހުއްޓައިލުމަކީ ޙަމާސް ޖަމާޢަތަށް ހަނގުރާމައިގައި ލިބޭނެ ކާމިޔާބީއެއް. ޔަހޫދީންނާ ދެކޮޅަށް އިތުރު ހަމަލަތައް ދިނުމަށް އިތުރަށް ތައްޔާރުވާން ލިބޭ ފުރުޞަތެއް. އެއްވެސް ޤައުމަކުން އެ ގޮތް ބޭނުމެއް ނުވާނެ. އެހެންވީމަ، ޔަހޫދީންގެ އަމިއްލަ ދިފާޢުގައި ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ހައްޤު އިސްރާޢީލަށް ލިބިގެންވޭ،" ބްލިންކަން ވިދާޅުވިއެވެ. އޭނާ މިހެން ވިދާޅުވެފައިވާއިރު، މުޅިި ދުނިޔެ ވެސް އެއް އަޑަކުން ގޮވަމުން އެ ދަނީ ޔަހޫދީންގެ ލާއިންސާނީ ޖަރީމާތައް ހުއްޓައިލުމަށެވެ.

ޒަޔަނިސްޓު އިސްރާޢީލުން ބުނަމުން ދަނީ ޤަތުލުއާންމު ހުއްޓައިލާނީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތް ނައްތައިލުމަށް ފަހު ކަމުގައެވެ. ޔަހޫދީން އެދޭ ގޮތަށް ޙަމާސް ޖަމާޢަތުގެ ހުރިހާ މެންބަރުން ނެތިކޮށްލުމަށް ފަހު ޔަހޫދީން ދެން އަމަލު ކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރައްވަން ބްލިންކަން ވެސް ޢަރަބި ޤައުމުތަކުގެ އިސްވެރިން ވެސް ދެކޮޅު ހައްދަވާފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.

ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް އުދުވާންތައް ހިންގަމުން ދަނީ އެމެރިކާގެ އެހީތެރިކަމާއި އެއްބާރުލުމާ އެކުގައި ކަން މުޅި ދުނިޔެ ވެސް ދަނެއެވެ. މުސްލިމުންގެ ގެދޮރަށް އަޅަމުންދާ ބޮންތަކާއި މިސައިލްތަކަކީ އެމެރިކާއިން ފޯރުކޮށްދީފައިވާ ތަކެއްޗެވެ. އެމެރިކާއިން ޔަހޫދީންނަށް ކޮންމެ އަހަރަކު ފޯރުކޮށްދޭ ހަތިޔާރާއި އަސްކަރީ އެހީގެ އަގު އެތަކެއް ބިލިޔަން ޑޮލަރަކަށް އަރައެވެ.

ހަމައެހެންމެ، ޔަހޫދީންގެ އުދުވާންތަކަށް ނިމުމެއް ގެންނަން ބައިނަލްއަޤުވާމީ މައިދާނުގައި ކުރަމުންދާ މަސައްކަތްތަކަށް ވެސް ހުރަސް އަޅަމުން ދަނީ އެމެރިކާއިންނެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން ކުރީގައި ހުންނަވައިގެންނެވެ. ޒަޔަނިސްޓު އިސްރާޢީލުގެ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް އ.ދގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާ ކޮންމެ ޤަރާރަކަށް އެމެރިކާއިން ދަނީ ހުރަސް އަޅަމުންނެވެ. މި ހުރިހާ ކަމެއްގެ ފަހަތުގައި ހުންނެވީ ބައިޑަން ކަން ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ހައްދުފަހަނަ އަޅާފައިވާ ޔަހޫދީންގެ ޖަރީމާތައް ވަގުތުން ހުއްޓުވުމަށް ޢަރަބި ޤައުމުގެ އިސްވެރިން ގޮވައިލައްވާފައިވާއިރު، އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާންތަކުގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު ވަނީ 9,488 އަށް އުފުލިފައެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު