ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު، އެމަޖިލީހުން މާނަކޮށްފައިވަނީ ރަނގަޅަކަށް ނޫން ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުގެ ވަކީލު ފާތިމަތު ހަލީމް ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނައިބު އޮފީހުން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަޤާމުން ވަކިކުރުމަށް ހުށައަޅާފައިވާ މައްސަލަ ކުރިއަށް ގެންދާނެގޮތެއް ހޯދުމަށް އެމްޑީޕީއިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވަމުންނެވެ.
ސުޕްރީމް ކޯޓަށް އެމްޑީޕީއިން މި މައްސަލަ ވައްދާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމުގެ ޒިންމާ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސްއަށް އޮތުމަށް މަޖިލީހުން ގަވައިދު މާނަކުރާތީ އެނޫން ގޮތަކަށް އެކަން މާނަކުރުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްފަހު މަޤާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅި ޤަރާރަށް އަމަލުކުރުމުގައި ރައްޔިތުންގެ މަޖިލީހުން، މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) މާނަކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބަންޑާރަ ނައިބު އޮފީހުން ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ ޤަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބުނާގޮތުން މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނާއިބު ރައީސްއެވެ.
ބަންޑާރަނާއިބުގެ އޮފީހުން އެހެން ބުނެފައިވަނީ ސުޕްރީމް ކޯޓަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައިގައި މަޖިލިސް ތަމްސީލުކޮށް ދެއްކި ވާހަކައިގައެވެ.
މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގެ (ބ) ގެ ދަށުން 5 މެންބަރުންނަށް ބެލެނީވެސް ވަކި ބާވަތްތަކެއްގެ މައްސަލަތަކެއް ކަމަށާއި، އެގޮތަށްވެސް މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން 3 ޖަލްސާގެ މުއްދަަތަކަށް ކަމަށް ވިދާޅުވެފައެވެ. އަދި މަޖިލީހުގެ މަސައްކަތްތައް ހުއްޓެންޖެހޭ ސަބަބެއްވެސް މިވަގުތަކަށް ނެތް ކަމަށް ފިޒްލާ ވަނީ ވިދާޅުވެފައެވެ. ފިޒްލާ ވިދާޅުވި ގޮތުގައި މަޖިލީހަށް ޤަރާރެއް ހުށަހެޅި ކަމަށް ބެލެވޭނީ މަޖިލީހުގެ ޤާނޫނީ ޖަލްސާއެއްގައި ޤަރާރު ހުށަހެޅިގެންނެވެ.
ފާތިމަތު ހަލީމް ވިދާޅުވީ މި މައްސަލައިގެ މައިގަނޑު ޚުސޫމަތު އުފެދިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ދީފައިވަނިކޮށް ނާއިބްރައީސް ސަލާމް ބުނުމާއި ގުޅިގެން ޖަލްސާ ކެންސަލް ކުރުމާއި ގުޅިގެންނެވެ. އަދި އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި ނައިބު ރައީސަށް ކަމަށް މާނަ ކުރި ސަބަބުތައް މަޖިލީހުން ލިއުމުން ހިއްސާކޮށްފައިވާ ލިއުންތަކުގެ ތެރޭގައި ހިމެނިފައިވާނެކަން ވަކީލު ފާހަގަ ކުރެއްވިއެވެ.
އަދި ހަމައެއާއެކު މަޖިލީހުގެ މަސައްކަތްތައް ކުރުމަށް ވަކި މީހަކަށް ވަކި މަސްއޫލިއްޔަތެއް ދީފައިވާއިރު، އެ މަސްއޫލިއްޔަތު އެހެން ފަރާތަކަށް ދިނުމަކީ މަޖިލީހަށް ކުރެވޭނެ ކަމެއްނޫންކަމަށް މަޖިލީހުން ބުނެފައިވާކަން ބަންޑާރަ ނައީބު އޮފީހުން ފާހަގަކޮށްލިއެވެ. އެހެންނަމަވެސް، މަޖިލީހުން އެ ޤަވާއިދު މާނަކޮށްފައިވާ ގޮތް ރަނގަޅު ނޫންކަމަށް ބަންޑާރަނައިބުގެ އޮފީހަށް ޤަބޫލު ކުރެވޭކަމަށް ވަކީލު ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ ނައިބު ރައީސް ހާޒިރު ނުވިކަމުގައިވިޔަސް މަޖިލީހުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާނެ ޖެހޭނެކަމަށް ބަންޑާރަ ނައިބު އޮފީހުން ދެކެއެވެ. އަދި މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް އަންނަ ގޮތަކަަށް މާނަ ކުރުމަކީ ޤާނޫނުއަސާސީއާ އެއްގޮތަށް ކުރެވޭ މާނަ ކުރުމެއް ނޫންކަމަށް ވަކީލު ވަނީ ވިދާޅުވެފައެވެ.
ވަކީލު އިތުރަށް ވިދާޅުވީ، 44 ވަނަ މާއްދާގައި ބުނާ 5 މެމްބަރުންނާ ރިޔާސަތު ޙަވާލުކުރުމުގެ އިޖުރާއަތާއެކު ކުރިއަށް ނުދެވޭނެ ސަބަބެއްކަމަށް މަޖިލިސް އިދާރާއިން ދައްކަނީ 205 ވަަަނަ މާއްދާގެ (ބ) ކަމަށެވެ. އެހެންނަމަވެސް ޙަވާލާ ދެވިފައިވާ ހުރިހާ މާއްދާއެއް އެކުއެކީގައި ކިޔާއިރު ފަހުމުވަނީ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައެޅިފައި އޮއްވައި އެ މައްސަލައެއް އެންމެ އަވަހަކަށް އިސްކަންދީގެން ނިންމުންކަން ވަކީލު ފާހަގަ ކުރެއްވިއެެވެ.
އެހެންކަމުން އެއް މާއްދާގެ ސަބަބުން އަނެއް މާއްދާގެ ބާރު ކެނޑޭ ގޮތަށް މާނަކުރެވިގެން ނުވާނެ ކަމަށް ބަންޑާރަ ނައިބުގެ ވަކީލު ވިދާޅުވިއެވެ.
ބަންޑާރަނައިބުގެ އޮފީހުން ވަނީ މަޖިލީހުން ނިންމާފައިވާ ނިންމުމުގައި މަޖިލީހުގެ ޤަވާއިދުގެ މާއްދާ މާނަކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިފައެވެ. އަދި މަޖިލީހުގެ ނައިބްރައީސް ހާޒިރުނުވާ ޙާލަތުގައި 44 ވަނަ މާއްދާގައި ބުނާ 5 މެންބަރުންނާ ރިޔާސަތު ޙަވާލުކުރުމުގެ އިޖުރާއަތާއެކު ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅުއްވައި ދެއްވުމަށްވެސް ވަނީ އެދިފައެވެ.
މި މައްސަލައިގައި ބަންޑާރަ ނައިބު އޮފީހުގެ ފަރާތުން ވަކާލާތު ކުރައްވަމުން ވަކީލް ފާތުމަތު ހަލީމް ވިދާޅުވީ، ހުށައެޅިފައި މިއޮތް މައްސަލައާ ގުޅިގެން އިންތިޚާބީ ރައީސް ހުވާ ކުރެއްވުމަށް އެއްވެސް ހުރަހެއް ނެތްކަމަށެވެ. އެއީ މަޖިލިސް ޖަލްސާ ހުއްޓުމަކަށް އަންނަން ޖެހޭވަރުގެ މައްސަލައެއްކަމަށް މި މައްސަލަ ނުދެކޭތީކަމަށް ވަކީލް ވިދާޅުވިއެވެ.
ބަންޑާރަ ނައިބުގެ ވަކީލް ފާތުމަތު ހަލީމް މިހެން ވިދާޅުވީ، މަޖިލީހުގެ ނާއިބު ރައީސްގެ ޒިންމާ އަދާކުރުމަށް ވަރަށް ސާފުކޮށް މަޖިލިސް ގަވާއިދުގެ 42 މާއްދާގައި ބަޔާންކޮށްފައި އޮތްއިރު، އެޒިންމާ މަޖިލީހުގެ އިތުރު އެއްވެސް މީހަކަށް އަދާނުކުރެވޭނެކަމަށް ދެއްކެވި ވާހަކަފުޅަށް ރިޔާޔަތްކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ބަންޑާރަ ނައިބު އޮފީހުގެ ފަރާތުން މި މައްސަލައަށް ވަކާލާތު ކުރަމުން ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) ގައި ބުނަނީ މަޖިލީހުގެ ރައީސްއާއި، މަޖުލީހުގެ ނާއިބުރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ޙާލަތެއްގައި އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ މެންބަރުން، ޤާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ށ) ގައިވާގޮތުގެ މަތިން މަޖިލީހުގެ ރައީސް ކަނޑައަޅަން ވާނެކަމަށް އޮތްނަމަވެސް އެއީ ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސްގެ ޒިންމާ އެ މެންބަރުންނަށް އަދާކުރެވޭނެކަމެއް ނޫންކަމަށެވެ.
މި މައްސަލައިގައި މަޖިލިސް ތަމްސީލު ކުރައްވަނީ ބަންޑާރަނާއިބުގެ އޮފީހުންނެވެ.