މި ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ޝަރުތު ހަމަވެގެން 4،000 ފްލެޓު ލިބޭނެ ކަމަށް ދާއިމީ ލިސްޓްގައި ކަނޑައެޅިފައިވާ މީހުންނަށް ފްލެޓު ލިބުނީ ޙައްޤުވެރިންނަށް، އިންސާފުވެރިކޮށްތޯ ދަ ޑިމޮކްރެޓްސް އިން ކަށަވަރު ކުރާނެ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ހައުސިން މިނިސްޓްރީން މިދިޔަ ހޮނިހިރު ދުވަހު 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކުރުމާ ގުޅިގެން ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި، އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ މި ސަރުކާރުން ދޫކުރަން މިހާރު އިއުލާންކޮށްފައިވާ 4000 ފްލެޓް މި ސަރުކާރުގެ ވެރިންނާއި މަޖިލިސް ބައެއް މެމްބަރުންނާ، ގާތް މީހުންގެ ލިސްޓުތަކަށް ބަހާލާފައިވާ ކަމަށް ތުހުމަތުކުރެވިފައިވާ ކަމަށާއި އެކަންކޮށްފައިވާ ގޮތް ބަލާނެ ކަމަށެވެ. އަދި އެ ފްލެޓްތަކުގެ ހައްޤުވެރިންނަށް އިންސާފުވެރިކަމާއެކު ފްލެޓް ލިބޭނެ ކަމުގެ ޔަގީން ކަން އޭނާ ވަނީ ދެއްވައިފައެވެ.
މި މައްސަލައާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގާ ތަހުގީގަށް، އެ ކޮމިޝަންގެ ބޭފުޅުންތަކެއް ޕްލޭނިން މިނިސްޓްރީއަށް މިއަދު ވަޑައިގެންފައިވެއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓް ކަނޑައަޅައި އާންމުކުރުމުން ޝަކުވާތަކެއް ހުރުމާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ފުރުސަތު ވަނީ އިއްޔެ އިން ފެށިގެން މިމަހުގެ ނުވަ ވަނަ ދުވަހުގެ ހަވީރު 4:00ގެ ނިޔަލަށް ހުޅުވާލާފައެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ކުރިމަތިލާން ހުޅުވާލުމުން 20،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އިރު 13،000 އަށް ވުރެ ގިނަ މީހުންގެ ޝަރުތު ހަމަވިއެވެ. މި ސަރުކާރުން ނިންމާފައި ވަނީ ޝަރުތު ހަމަވި އެންމެންނަށް ވެސް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ފްލެޓު ދިނުމަށެވެ. ހައުސިން މިނިސްޓްރީން މިދިޔަ ހޮނިހިރު ދުވަހު ވަނީ 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފައެވެ.
އެ އިއުލާނުގައި ބުނީ، 4،000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ނުހިމެނުނު ނަމަވެސް ޝަރުތު ހަމަވާ ކަމަށް ދާއިމީ ލިސްޓުގައި ކަނޑައަޅާފައިވާ މީހުންނަށް ސަރުކާރުން ކުރިޔަށް ގެންދާ ހައުސިން މަސްރޫއުތަކުގެ ތެރެއިން ފުލެޓެއް ދިނުމަށް ހަމަޖެހިފައިވާ ކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ފޮނުވާނެ ކަމަށެވެ.
ފުރަތަމަ 4،000 ފްލެޓްގެ ތެރެއިން ތިން ކޮޓަރީގެ އެޕާޓްމަންޓުތައް ލިބެނީ ދާއިމީ ލިސްޓުގައި 76 އަށް ވުރެ ގިނަ ޕޮއިންޓް ލިބޭ މީހުންނަށެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ލިބެނީ 73 އަށް ވުރެ ގިނަ ޕޮއިންޓް ލިބޭ މީހުންނަށެވެ.