އިންތިޚާބީ ރައީސް ހުވާކުރައްވާ ދުވަހު އިސްލާމީ މަރުކަޒަށް ނަމާދަށް ދާ މީހުން މިސްކިތުގެ އުތުރު ފަރާތުގެ ބަދަލުގައި ދެކުނު ފަޅި އާއި އިރުމަތީ ފަރާތް ބޭނުންކުރަން އިސްލާމިކް އެފެއާޒް މިނިސްޓްރީ އިން މިއަދު އެދެފިއެވެ.
އިސްލާމީ މަރުކަޒާ އިންވެގެން އޮންނަ އެ މައިދާނުގައި ބާއްވާ ރަސްމިއްޔާތާ ގުޅިގެން ސަލާމަތީ ސަބަބުތަކަށް އެ ސަރަހައްދު އާންމުންނަށް ބަންދުވާނެއެވެ. އެހެންވެ، އިސްލާމިކް މިނިސްޓްރީ އިން ވަނީ އިސްލާމީ މަރުކަޒަށް ނަމާދަށް ދާ މީހުންގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ވިދާޅުވެފައިވަނީ އިންތިޚާބީ ރައީސް ހުވާކުރެއްވުން 17 ނޮވެމްބަރުގެ ހަވީރު 4:45ގައި ޖުމްހޫރީ މައިދާނުގައި އޮންނާނެތީ އަސުރު ނަމާދާއި މަޣްރިބު ނަމާދަށް އިސްލާމީ މަރުކަޒަށް ދާ މީހުން އެ މިސްކިތުގެ ދެކުނު ފަރާތް ބޭނުންކުރަން އެދޭ ކަމަށެވެ.
އެގޮތުން މިސްކިތަށް ވަންނަން މެދުޒިޔާރަތްމަގު، ކުރީގެ ދިރާގުގެ މައި އޮފީސް ހުރި ފަޅި އާއި އިރުމަތީ ފަރާތުން ނޭޝަނަލް އާޓް ގެލެރީ ހުންނަ ފަޅި ބޭނުންކުރަން މިނިސްޓްރީން ވަނީ އެދިފަ އެވެ. އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންތިޚާބީ ނައިބު ރައީސް ހުސެން މުހައްމަދު ލަތީފް ހުވާކުރެއްވުމުގެ ދަރުބާރު އޮންނާނީ 17 ނޮވެމްބަރުވާ ހުކުރު ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައެވެ.