Tuesday, 18 June 2024

ޣައްޒާއަށް ނިއުކްލިއާ ބޮމެއް ވައްޓާލަން ބުނި ބުނުން ރާއްޖޭން ކުށްވެރިކޮށްފި

ފަލަސްތީނުގެ ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް އޮތް ހައްލަކީ އެ އަވަށަށް ނިއުކްލިއާ ބޮމެއް ވައްޓައިލުން ކަމަށް އިޒްރޭލުގެ ހެރިޓޭޖު މިނިސްޓަރު ބުނި ބުނުން ރާއްޖެ އިން ކުށްވެރިކުރައްވައިފިއެވެ.

ހައްދުފަހަނަ އަޅާފައިވާ އިޒްރޭލުގެ ހެރިޓޭޖު މިނިސްޓަރު އަމިޗޭ އެލީޔާހޫ އިއްޔެ އެ ގައުމުގެ ރޭޑިއޯ އަކަށް ދިން އިންޓަވިއުއެއްގައި ބުނީ ޣައްޒާ އަށް ނިއުކްލިއާ ބޮން އެޅުމަކީ ގޮތެއް ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ނެރުއްވި ބަޔާނުގައި، ނިއުކްލިއާ ބޮން އެޅުމަކީ އޮތް ގޮތެއް ކަމަށް ބުނި ބުނުން ކުށްވެރިކުރައްވާފައިވެއެވެ.

އެ ބަޔާނުގައި ވިދާޅުވެފައިވަނީ އިޒްރޭލުން މެދުނުކެނޑި ޣައްޒާ އަށް ހަމަލާދެމުންދާ މި ދަނޑިވަޅުގައި އެފަދަ ވާހަކައެއް ދެއްކުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

ޚާއްސަކޮށް ފަލަސްތީނުގެ ކުށެއް ނެތް އެެތައް އާންމުންނެއް އެ ހަމަލާތަކުގައި ދުނިޔެ ދޫކޮށްފައިވާއިރު އަދި އެތައް ބަޔަކު އެ ހަމަލާތަކުގެ ޝިކާރައަކަށްވެ ޒަހަމް ވަމުންދާއިރު އިޒްރޭލު ސަރުކާރުގެ އިސް ފަރާތެއް މިފަދަ ޒިންމާދާރުކަން ކުޑަ ވާހަކައެއް ދެއްކުމަކީ ކަންބޮޑުވާ އަދި ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށާއި، އެ ވާހަކަތަކަކީ ބައިނަލްއަގުވާމީ މުއާހަދާތަކާއި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވަމީ ގާނޫނުތަކާ ވެސް ހިލާފުވާހަކައެއް ކަން ރާއްޖޭގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ގެއްލުން ދޭން ގޮވަލާ ދައްކާ މިފަދަ ވާހަކަތައް ކުށްވެރިކުރުމަށް ބައިނަލްއަގުވާމީ އިދާރާތަކަށާއި އެހެން ގައުމުތަކަށް ރާއްޖެއިން ވަނީ ގޮވާލާފައްވާފައެވެ.

މީގެއިތުރުން ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ދޭ ހަމަލާތައް ކުށްވެރިކޮށް އެ ހަމަލާތައް ހުއްޓާލުމަށް ބާރުއަޅަން ބައިނަލްއަގުވާމީ ދުނިޔެއަށް، ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ގޮވާލައިފައެވެ. އަދި ޣައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާލައި، ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން ރާއްޖެއިން ގޮވާލައްވާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު