ފެނަކަ ކޯޕަރޭޝަންގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ)ގެ މަގާމަށް އެހެން މުވައްޒަފަކު ނުނަގާ މަޑުކުރުމަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލް އިން ފެނަކަައިގެ މައްޗަށް އަމުރު ކޮށްފިއެވެ.
މިގޮތަށް ޢަމުރުކޮށްފައިވަނީ އެ މަގާމު އަދާ ކުރަމުން ދިޔަ ހއ. ހޯރަފުށި، އަބްދުﷲ ވަހީދު މަގާމުން ވަކިކުރި މައްސަލައިގައި އޭނާ ޓްރައިބިއުނަލްއަށް އެ މައްސަލަ ހުށަހެޅުމުންނެވެ.
އެމައްސަލައިގައި އަބްދުﷲ ވަހީދު ހުށަހެޅި މައްސަލައިގައި ޓްރައިބިއުނަލް އިން ނެރުނު އަމުރުގައި ބުނެފައިވަނީ، އެކުންފުނީގެ ކުރީގެ ސީއޯއެފް އަބްދުﷲ ވަހީދު އަދާކުރަމުންދިޔަ ފެނަކައިގެ މަގާމަށް އެހެން ފަރާތެއް ނެގުމުގެ ފުރުސަތު އޮވެ، އެމަގާމަށް މުވައްޒަފަކު ހަމަޖައްސައިފިނަމަ، އެމައްސަލަ ނިމޭއިރު މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށެވެ.
މިމައްސަލައާ ގުޅިގެން އަބްދުﷲ ވަހީދުގެ ފަރާތުން ހުށަހަޅާފައިވާ ފެނަކައިގެ ސާރކިއުލާރ އިން އޭނާ ވަޒީފާއިން ވަކިކުރުމުގެ ކުރިން ޗީފް ފައިނޭންސްގެ މަސްއޫލިއްޔަތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން އެހެން މުވައްޒަފަކާށް ވަގުތީގޮތުން ހަވާލުކޮށްފައިވާކަން އެނގޭ ކަމަށް އަމުރުގައި ވަނީ ބުނެފައެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން ވަކިގޮތެއް އަންގަންދެން ފެނަކަ ކޯޕަރޭޝަންގެ ސީއޯއެފްގެ މަގާމަށް އިތުރު މީހަކު ނެގުމަށް އެއްވެސް މައްސަކަތެއް ކުރާނަމަ ފެނަކައިގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އަބްދުﷲ ވަހީދުގެ ފަރާތުން ވަނީ އެދިފައެވެ.
ވަގުތީ އަމުރުގައި ވަނީ އަބްދުﷲ ވަހީދު އެކޯޕަރޭޝަންގައި އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ ދިނުމަށާއި، އޭނާ އެ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށް ޓަރައިބިއުނަލް އަށް ފެނިއްޖެ ހިނދެއްގައި ވަޒީފާއާޢި ބެހޭ ޓަރައިބިއުނަލުން އަމުރެއް ނެރުމުގައި ބަލަންވާނީ އޭނާ ކުރިން ހުރި ވަޒީފާގައި އަލުން ބެހެއްޓުމަށް ކަމަށް ވަޒީފާއާބެހޭ ގާނޫނަށް ބެލުމުން އެނގެން އޮތް ކަމަށްވެސް ބުނެފައިވެއެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ވަގުތީ އަމުރުގައި ބުނެފައިވަނީ ވަކިގޮތެއްް އަންގަންދެން އަބްދުﷲ ވަހީދު އަދާކުރަމުން ގެންދިޔަ ފެނަކައިގެ ޗީފް ފައިނޭންޝިއަލް އޮފިސަރުގެ މަގާމަށް ދާއިމީ މުވައްޒަފަކު އައްޔަން ނުކުރުމަށާއި، އެ މަގާމަށް ދާއިމީ ގޮތެއްގައި އިތުރު މީހަކު ނެގުމަށް އެއްވެސް މަސައްކަތެއް ކުރަމުންދާނަމަ އެކަން ވަގުތުން ހުއްޓާލުމަށް އަންގައިފައެވެ.
އަބްދުﷲ ވަހީދު އެ މަގާމަށް އައްޔަން ކޮށްފައިވަނީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. ފެނަކައިން އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އޭގެ 9 އަހަރު ފަހުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އޭގެ ކުރިން އޮކްޓޯބަރު މަހުން ފެށިގެން އޭނާ ހުރީ މަގާމުތަކުގެ މަސްއޫލިއްތުތަކުން ދުރުކޮށްފައެވެ.