ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ފައުޖުން ލުބުނާނަށް ދިން ރަޙުމު ކުޑަ ހަމަލައެއްގައި ނޫސްވެރިއެއްގެ ޢާއިލާގެ ހަތަރު މެންބަރުން ޝަހީދުކޮށްލައިފިއެވެ.
އެ ޙަމާލާގައި ޝަހީދުކޮށްލާފައިވަނީ ލުބުނާނުގެ ރޭޑިޔޯއެއްގައި މަސައްކަތް ކުރާ ނޫސްވެރިއެއް ކަމުގައިވާ ސަމީރު އައްޔޫބުގެ ޢާއިލާގެ މެންބަރުންތަކެކެވެ. އެ މީހުން ޝަހީދުކޮށްލާފައި ވަނީ، އެ ޤައުމުގެ ދެކުނުގައި އޮންނަ ރަށެއްގައި އެ މީހުން ދަތުރު ކުރަމުން ދިޔަ ކާރަށް ޔަހޫދީ ފައުޖުން ދިން މިސައިލް ހަމަލައެއްގައެވެ.
އެ ޙަަމަލާގައި ޝަހީދު ކޮށްލާފައި ވަނީ ސަމީރުގެ ދައްތައާއި، ދައްތަގެ މާމަދަރިންތަކެއް ކަމަށާއި، އެއީ 10 އަހަރާއި، 12 އަހަރާއި، 14 އަހަރުގެ ތިން ކުދިން ކަމުގައި އެން.އެން.އޭން ބުނެއެވެ. އެ މީހުން ދަތުރު ކުރަމުން ދިޔަ ކާރަށް ޔަހޫދީން މިސައިލް ހަމަލަ ދިން ވަގުތު ސަމީރު އިނީ އެހެން ކާރެއްގައި ކަމަށާއި، މި ހަމަލާގައި އޭނާއަށް ވެސް ޒަޚަމުތަކެއް ލިބުނު ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
އެ ޙަމާލާއާ ގުޅިގެން، އެ ކަމުގެ ބަދަލު ހިފުމަށް ލުބުނާނުގެ ޙިޒްބުالله ޖަމާޢަތުން ވަނީ ޒަޔަނިސްޓު އިސްރާޢީލުގެ ރަށެއް ކަމުގައިވާ ކިރިޔަތް ޝްމޯނާއަށް އަމާޒުކޮށް ރޮކެޓް ހަމަލަތަކެއް ދީފައެވެ. އޮކްޓޫބަރު 7 ވަނަ ދުވަހު ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ލާއިންސާނީ އުދުވާންތަކެއް ފެށުމާ ގުޅިގެން ލުބުނާނުގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތްތަކުން ވެސް ވަނީ ޒަޔަނިސްޓު އިސްރާޢީލަށް ހަމަލަދޭން ފަށާފައެވެ.
މީގެއިތުރުން، ސަމީރުގެ ޢާއިލާ ދަތުރު ކުރި ކާރުގެ އިތުރުން އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން ދިޔަ ދެ އެމްބިޔުލާންސަކަށް ވެސް ޔަހޫދީ ފައުޖުން ވަނީ ހަމަލަ ދީފައެވެ. މި ހަމަލަތަކުގައި ޞިއްޙީ ޚިދުމަތްތެރިންގެ ހަތަރު މީހަކު ޒަޚަމުވެފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ޔަހޫދީންގެ ހަމަލަތައް އަމާޒު ކޮށްފައި ވަނީ ރިސާލާ ސްކައުޓް އެސޯސިއޭޝަންގެ ދެ އެމްބިޔުލާންސަކަށެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހަށް ފަހު ޔަހޫދީ ފައުޖުން ލުބުނާނަށް ދީފައިވާ ތަފާތު އެކި ހަމަލަތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 81 އަށް އަރާއިރު، އޭގެ ތެރެއިން 59 މީހުންނަކީ ޙިޒްބުالله ޖަމާޢަތުގެ މެންބަރުންނެވެ. އެ ޖަމާޢަތުގެ ހަމަލަތަކުގައި ޔަހޫދީ ސިފައިންގެ ހަ މީހުންނާއި ޢާންމުންގެ އެކަކު ވަނީ މަރައިލާފައެވެ.