Thursday, 18 April 2024

ޣައްޒާގެ ދުލުން: ކޮން އިރަކުން، ކިހިނެތް ކަމެއް ނޭނގެ؛ އެކަމަކު އަހަރެމެން ތެދުވާނަން

އޮކްޓޫބަރު 7 ވަނަ ދުވަހުގެ ފަތިހެވެ. އަހަރެން އެނދުގައި ހަމަޖެހިލައިގެން އޮތީމެވެ. އަހަރެންގެ 13 އަހަރުގެ ދަރިފުޅު ތައްޔާރުވަމުން ދިޔައީ ސްކޫލަށް ދާށެވެ. އަހަރެން ތެދުވެ، ދަރިފުޅަށް ސޭންޑް ވިޗެއް ތައްޔާރުކޮށްދިނީމެވެ. ދަރިފުޅުގެ ފޮތްތައް ހަމަކޮށް ފޮތް ދަބަހަށް ފޮތްތައް އަޅައިދިނީމެވެ.

"މަންމާ ދަނީ އިނގޭ." ދަރިފުޅު މިހެން ބުނެ، ގެއިން ނިކުތެވެ.

ކުއްލިއަކަށް އިވުނީ ފިއްކަނޑައިގެންދާ ވަރުގެ އަޑުފައްގަނޑެކެވެ. އަޑުފައްގަނޑު ބާރެވެ. ޣައްޒާ ސިޓީއިންނެވެ. ބިރާއި ހާސްކަން ވެރިވިއެވެ. ޤަބޫލުކުރެވޭ ގޮތުގައި، މުޅި ޣައްޒާ އެވަގުތު ތެދުވާނެއެވެ. އެއީ ރުޅިއަރައިގެން އަންނަ ބާރުގަދަ ވިލާގަނޑެކޭވެސް ހީވިއެވެ. ޤިޔާމަތްވާން އުޅޭ ފަދަ އިޙްސާސެއްވެސް ކުރެވުނެވެ.

އަހަރެން ގަޑި ބަލާލީމެވެ. ގަޑިން 6:25 އެވެ. އެއީ އަހަރެންގެ ޙަޔާތް އަނެއް ފުށަށް ޖަހާލި ފަޅި ސިކުންތެކެވެ.

އަހަރެމެންނަށް ފުރަތަމަ ހީވީ އެއީ އިސްރާއީލުގެ ޙަމަލާއެއް ކަމަށެވެ. އެހެންނަމަވެސް އެއީ ހަމާސްގެ ޙަމަލައެކެވެ. އެކަމަކު، އޭގެ އެއްގަޑިއިރު ފަހުން އިސްރާއީލްގެ ރައްދު ހަމަލައެއް އައެވެ.

ޖެހިގެން އައި ތިން ދުވަހުވެސް ހޭދަކުރީ ދުމާއި އަލިފާނުގެ ހާސްކަމުގެ ތެރޭގައެވެ. ޙަމަލާތައް އަންނަނީއެވެ. އަހަރެމެންގެ އަވައްޓެރިޔާގެ ގެ އަނިޔާވެރި ދުޝްމަނުންގެ ޙަމާލާއިން ބިމާ ހަމަވިއެވެ. އަހަރެންގެ ދެ ދަރިންނަށް ބަލަހައްޓައިގެން އިނދެ ރުއިން ނޫން ކަމެއް ނުކުރެވުނެވެ. އެ ކުދިން އަހަރެން ދޫކޮށްފައި ގޮސްދާނެ ކަމަށްޓަކައެވެ.

އަހަރެމެންގެ އަސްލު ގެއަށް ދާކަށް ފުރުޞަތެއް ނުލިބުނެވެ. އެއީ އަހަރެމެންގެ "ކަރުނަ އާއި ލެއިން" ބިނާ ކުރި ގެއެވެ.

އަހަރެމެންނަކީ ކުށެއް ނެތް ބައެއްކަން ދުނިޔެ ޤަބޫލުކުރަންޖެހެއެވެ. އަހަރެމެން ޙަމަލައެއް ނުދެމެވެ. ޖެއްސުމެއް ނުކުރަމެވެ. އަހަރެމެންގެ އަތުގައި ހަތިޔާރެއް ނެތެވެ. ރައިފަލެއް، ބަޑިއެއް، ފިސްތޯލައެއް ނެތެވެ. ބޮމެއް ވެސް ނެތެވެ.

މި ޙަމަލާތަކުގެ ސަބަބުން އިންޓަރނެޓް ލިބެނީވެސް ވަރަށް މަދު ފަހަރެއްގައެވެ. ފޯނަކުން ނުގުޅެއެވެ. ރޭންޖެއް ނުލިބެއެވެ. އެހެންނަމަވެސް، ޢުދުވާން ހުއްޓާލުމަށް މުޅި ދުނިޔެއިން ގޮވާލަމުންދާކަންވެސް އެނގެއެވެ. ހަމައެކަނި އެދުމަކީވެސް އެއީއެވެ.

އުދުވާން ހުއްޓާލުމަށް އިންސާނުން ވާގިވެރިވާންވެއްޖެއެވެ. އެއްވެސް ހުރަހެއް ނެތި އިންސާނީ އެހީ ފޯރުކޮށްދެވެންޖެހޭނެއެވެ. އަހަރެމެން މިތިބީ އަސާސީ ޙައްޤުތަކުން މަޙްރޫމްވެފައެވެ. ކެވޭނެ ގޮތެއް ނެތެވެ. އަހަރެމެންގެ ވަށައިގެން އެދަނީ އެތަކެއް ފުރާނަތަކެކެވެ. ދުނިޔެ ދޫކުރަނީއެވެ. ބަލަބަލާ ތިއްބައެވެ. ވަށައިގެންވަނީ ކަރުނައާއި މޮޅިވެރިކަމެވެ.

އަހަރެން ދެ ދަރިންނާއެކު ޣައްޒާގައި ހުންނަ އަހަރެންގެ އަމިއްލަ ގެއަށް ބަދަލުވީމެވެ. އެކަމަކު އެތަންވެސް ރައްކާތެރި ނުވާނެކަންވެސް އެނގެއެވެ. ނަމަވެސް، އެއީ އަހަރެންގެ ދިރިއުޅުން އާރާސްތު ކުރި ފަސްގަނޑެވެ. އުފަންވީ އެތަނުގައެވެ. ކިޔެވީ އެތަނުގައެވެ. މީހަކާ އިނދެ މަޔަކަށް ވީވެސް އެތަނުގައެވެ.

އޮކްޓޫބަރު 13 ވީ ހުކުރު ދުވަހު، ފަލަސްޠީނަށް ވެރިވެގަނެގެން އުޅޭ ޔަހޫދީން އަހަރެމެންގެ ބިމުން ނިކުތުމަށް އަމުރުކުރިއެވެ. އެތަން ދޫކޮށް ދެކުނަށް ނިކުތުމަށް އެންގިއެވެ.

މަޖުބޫރީ ޙާލަތެއްގައި އަހަރެމެން ގެއިން ނިކުތީމެވެ. ބޯހިޔާވަހި ކަމެއް ހޯދީ ޓްރެއިނިންގ ސެންޓަރަކުންނެވެ. އެތަނަށް ބަަދަލުވީ ފުރަތަމަ އެއްހާސް މީހުންގެ ތެރޭގައި އަހަރެމެން ހިމެނޭނެއެވެ. އަހަރެމެންނަށްޓަކައި އެތަނުގައި އެއްވެސް ކަމެއް ނެތެވެ. އަސާސީ އެއްވެސް ބޭނުމެއް ފުއްދޭނެ ގޮތެއް ނެތެވެ. ކަރަންޓެއް ނެތެވެ. ފެނެއް ނެތެވެ. ކާއެއްޗެއް ނުލިބެއެވެ. ބޭސްވެސް ހުރީ ވަރަށް މަދުންނެވެ.

އަހަރެންނަކީ ކުރިން ރޮއި ހަދާ މީހެއް ނޫނެވެ. ނަމަވެސް އަހަރެންގެ ހިތަށް ކުރިއަސަރަކުން ބަޑިފަޅައިގެންގޮސް ރޮވުނެވެ. އަހަރެމެން އެތަނުގައި ދެދުވަސް ހޭދަ ކުރީމެވެ. ނިދީ ތަޅުންގަނޑު މަތީގައެވެ.

ދެވަނަ ދުވަހުގެ ހެނދުނު އަހަރެން އެތާ އިން އަންހެނެއް ކައިރި ބުނީމެވެ. "ހަމަލާއެއްގައި އަހަރެމެން މަރު ނުވިޔަސް، އަހަރެމެން މަރުވެގެންދާނީ ބަނޑުހައިހޫނު ކަން މަތީގަ".

ދެން އަހަރެމެންގެ ރައްޓެހިންނާއެކު ބަދަލުވީ، 200 އެއްހާ މީހުން ތިބި ހިޔާވައްސަކަށެވެ. އެތާނގައި ގިނައިން ތިބީ އަންހެނުންނާއި ކުޑަކުދިންނެވެ. ކުރިން ތިބި ތަނަށްވުރެ މިތަން ރަނގަޅެވެ. މަދު އެތިކޮޅަކުން ނަމަވެސް ދެއިރު ކާން ލިބެއެވެ. ޕާން ފޮއްޗެއްގެ ދެބައިކުޅަ އެއްބަޔާއި، ބައި ލީޓަރ ފެން ކޮންމެ ކެއުމަކަށް ލިބުނެވެ. 3 ދުވަހުން އެއް ފަހަރު، ގައި ދޮވެލައި ހެދެއެވެ. ފެނެއް ނުވެރެއެވެ.

މިކަންކަމުގެ ސަބަބުން ކުޑަކުދިންގެ މެދުގައި ހަމުގެ ބައްޔެއް ފެތުރެން ފެށިއެވެ. އެތަނަަށް ކަރަންޓް ލިބެނި ސޯލާއިންނެވެ. ކަރަންޓް ކެނޑެއެވެ. ތޭދެތެރެއަކުން އިންޓަރނެޓް ލިބެއެވެ. އެހެންނަމަވެސް ލިބެނީ މާޔޫސްކަން އިތުރުވާފަދަ ޚަބަރުތަކެވެ.

ކޮންމެ ދުވަހަކު އަހަރެންގެ ޢާއިލާގެ މެންބަރުންގެ އަދަދުތައް ގުނަމެވެ. އަހަރެންމެ ދެބެންގެދެދަރި 2 ކުއްޖަކު ޝަހީދުވެއްޖެއެވެ. ޔަހޫދީން ދިން ޙަމަލާތަކެއްގައެވެ. އެއްކުއްޖަކީ ދެ ކުދިންގެ މަންމައެވެ. އެ ދެކުދިންވެސް ޝަހީދުވީއެވެ.

އަހަރެންގެ ވަރަށް ގާާތް ރައްޓެއްވެސް ޝަހީދުވެއްޖެއެވެ. އަހަރެންގެ ހިތް ކުދިކުދި ވިއެވެ. އެހެންނަމަވެސް، މި ޚަބަރުތައް ލިބިފައިވަނި ދެތިން ދުވަސް ފަހުންނެވެ. އިންޓަރނެޓް ނުލިބޭތީ ޚަބަރުތައް ލިބެނީ ލަހުންނެވެ.

އަހަރެމެންގެ ޙަޔާތުގެ ކޮންމެ ސުކުންތެއްގައި ވަނީ ބޮމުގެ ދުންތަކާއި އަލިފާނުގެ އަސަރުތަކެެވެ. ގަދަބާރު އަޑުފައްގަނޑާއެކު ދެމުންދާ ހަމަލާތަކެވެ. އަހަރެމެންގެ ވަޒަން ހަފުސްކޮށްފިއެވެ. ސުންނާފަތިކޮށްފިއެވެ. އަހަރެމެން ލޯބިވާ ޣައްޒާ ފަނާކޮށްފިއެވެ. ނޫން! އަހަރެމެންގެ ލޮލެއް އަދި ފަނައެއް ނުވެއެވެ. އަހަރެމެން ތެދުވާނަމެވެ. ކިހާ ދުވަހަކުން ކަމެއް ނޭނގެއެވެ. ކޮން ގޮތަކަށް ކަމެއް ނޭނގެއެވެ.

 


މިއީ އެކްޓިވިސްޓެއް އަދި ނޫސްވެރިއެއް ކަމަށްވާ "ނޫރް ސްވިރްކީ" ފާޅުކޮށްފައިވާ ޝުޢޫރެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *