7 ފެބުރުވަރީ 2025

މާލޭ މަގުމަތިން ފެނުނު ކަންޒު ކަހަނބެއް ސަލާމަތްކޮށްފި

މާލޭ މަގުމަތިން ފެނުނު ކަންޒު ކަހަނބެއް ސަލާމަތްކޮށްފިއެވެ.

މިކަން ހާމަކުރައްވައި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭއިން) އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި ހަފްތާގެ ކުރީކޮޅު މާލޭގެ މަގުމަތީގައި އޮތް ކަންޒު ކަހަނބެއް އާންމުންގެ މީހަކު ސަލާމަތްކޮށްފައިވާ ކަމަށެވެ. އަދި އެކަން އީޕީއަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

އެ ކަންޒު ކަހަނބު އީޕީއޭގެ ބެލުމުގެ ދަށުން ކ.ކާށިދޫގެ ޗަސްބިން ސަރަހައްދަށް ގެންގޮސް އެތަނަށް ދޫކޮށްލާފައިވާ ކަމަށާއި،  ކާށިދޫ ޗަސްބިން ސަރަހައްދަކީ ރާއްޖޭގައި އެންމެ ގިނަ ކަންޒު ކަހަނބު ދިރިއުޅެމުންދާ ސަރަހައްދު ކަމަށް އީޕީއޭއިން ވިދާޅުވެއެވެ.

އެ ކަންޒު ކަހަނބު ހޮވައި އެއަށް އަޅާލި މީހުންނަށާއި، އެ ކަހަނބު ކާށިދޫއަށް ގެންގޮސްދިނީތީ ވެލާ އެކްސްޕްރެސް ސްޕީޑް ބޯޓަށާއި ކާށިދޫ ކައުންސިލަށް އީފީއޭއިން ޝުކުރު އަދާކޮށްފައިވެއެވެ.

ކަންޒު ކަހަނބަކީ ޤާނޫނުގެ ދަށުން ރައްކާތެރިކޮށްފައިވާ ޖަނަވާރެއް ކަމަށްވާތީ، ގޭގޭގައި ކޮށްޓަށް ލައިގެން ގެންގުޅެމުންދާ ކަންޒު ކަހަނބުތައް އެ އޭޖެންސީގެ ބެލުމުގެ ދަށަށް ގެނެސްދިނުމަށް އީޕީއޭއިން ވަނީ އެދިފައެވެ.

ކާށިދޫ ޗަސްބިން ސަރަހައްދަކީ 2021 ވަނަ އަހަރު ހިމާޔަތް ކުރެވިފައިވާ ސަރަހައްދެކެވެ. ގިނަ އަދަދެއްގެ ކަންޒު ކަހަނބު ދިރިއުޅެމުންދެއެވެ. އެ ސަރަހައްދަކީ ކަނޑޫފާ، ކުއްޅަވަށްފާ އަދި ކަށިކޭލާއި ރުކުގެ މުއްސަނދިކަން ލިބިފައިވާ ސަރަހައްދެއް ކަމަށްވާއިރު، ގިނަ އަދަދެއްގެ ކަނބިލިވެސް ދިރިއުޅޭ ސަރަހައްދެކެވެ. އެ ސަރަހައްދަކީ ކަންޒުކަހަނބުގެ މައިގަނޑު ކާނާ ކަމުގައިވާ ކަށިކެޔޮ، ބޯކެޔޮ އަދި ކުއްޅަވައް މޭވާއާއި މާރުނަ ވިނައިން ތިޔާގި މާހައުލެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު