ނަޝީދުގެ މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުން ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުދާތީ، މަޖިލީހުގެ ޤަވާއިދު މާނަކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފިއެވެ.

މި މައްސަލައިގެ އަޑުއެހުންތައް އިއްޔެ ފަށާފައިވާއިރު، އަޑުއެހުންތަކުގައި ދައުލަތާއި، ރައްޔިތުންގެ މަޖިލީހާއި، ތަދައްޚުލްވި ފަރާތްތަކުންވެސް ބޭނުންވާ ކަންކަން ހުށައެޅުމަށް ވަނީ ފުރުޞަތު ދެއްވަފައެވެ. މި މައްސަލައަށް ތަދައްޚުލްވެފައިވަނީ ޕީޕީއެމް ޕީއެންސީންނާއި ރައީސް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްއިންނެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލާގައިވެއެވެ. މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނަމަ މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ މެންބަރަކު ރިޔާސަތު ބަލަހަންޓަން ވާނެކަމަށެވެ. އަދި އެ މެމްބަރަކީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރަށް ވާންޖެހޭނެކަމަށްވެސް އެ މާއްދާގައިވެއެވެ.

މި މައްސަލައިގެ އަޑުއެހުމުގައި، ދަޢުލަތާއި، އެމްޑީޕީ އަދި ޕީޕީއެމް ޕީއެންސީއިން ބުނީ، އާއްމު ޖަލްސާތަކުގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް މަޖިލީހަށް ހާޒިރު ނުވެވޭނަމަ، މަޖިލީހުގައި އެންމެ ގިނަދުވަސްވީ މެންބަރު ހިމެނޭގޮތަށް ޖަލްސާ ކުރިއަށްގެންދެވޭނެ ގޮތެއް މިފަދަ މައްސަލަތަކުގައިވެސް ހަމަޖެހިފައި އޮންނަންޖެހޭކަމަށެެވެ. އެގޮތަށް އެކަން ކޮށްފިނަމަ، ވަކި ބައެއްގެ މަސްލަޙަތު މައްސަލައިގެ ތެރެއަށް ނުވަންނާނެކަމަށާއި، އެއީ މަޖިލީހުގެ ޖަލްސާ ކުރިއަށްގެންދަން އޮންނަ އާއްމު އުސޫލުކަން ވަކީލުން ފާހަގަކުރެއްވިއެވެ. މި މައްސަލައަށް ތަދައްޚުލްވެފައިވާ ޕީޕީއެމް ޕީއެންސީގެ ޤާނޫނީ ވަކީލް، އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ، މި މައްސަލައިގައި އުޅެނީ ގާނޫނު އަސާސީ ތަރުޖަމާކުރުމުގެ މައްސަލައެއްކަމަށެވެ. ހަމައެއާއެކު މަޖިލީހުގެ ޤަވާއިދު މާނަކުރުމުގެ މައްސަލައެއްކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.

ޑިމޮކްރެޓްސް އިން ބުނާގޮތުން ގާނޫނު އަސާސީގައި އެހެން ގޮތެއް ބަޔާންކޮށްފައި ނުވާހިނދު ރައްޔިތުންގެ މަޖިލީހުގައި ހިނގާ އެއްވެސް ކަމެއް ހިނގި ގޮތުގެ ސައްހަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށަނޭޅޭނެއެވެ. މި ނިންމުމަކީ ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވައިދާ ވެސް އެއްގޮތް ނިންމުމެއް ކަމަށް ޑިމޮކްރެޓްސްއިން ބުނެއެވެ. ޑިމޮކްރެޓްސްއިން ބުނީ މި މައްސަލައިގައި އެމްޑީޕީން އަމަލުކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށެވެ.

ދަ ޑިމޮކްރެޓްސް ޕާޓީން މި މައްސަލައިގައި އެދިފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލަ އަދި މަޖިލީހަށް ހުށަހެޅިފައިނުވާތީ މަޖިލީހުގެ އެހެން މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި ޑިމޮކްރެޓްސްއިން ވަނީ މި މައްސަލައިގައި ސުޕްރީމް ކޯޓުން ވަންނަން ޖެހޭވަރުގެ ކަމެއް އަދި ނެތްކަމަށް ވެސް ބުނެފައެވެ.

އެމްޑީޕީގެ ވަކީލް ވަނީ ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވައިދާއި، މަޖިލީހުގައި އަމަލުކުރަމުންދާ އާންމު އުސޫލަށް ބަލާއިރު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅަކު ނެތްގޮތަށް މަޖިލީހާ ގުޅޭ އެއްވެސް ކަމެއް ތަރުތީބު ކުރެވިފައި ނެތްކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެމްޑީޕީން އެދުނީ އެޕާޓީން ހުށަހަޅާފައިވާ ގޮތަށް މައްސަލަ ނިންމައިދިނުމަށެވެ. ދައުލަތުންވެސް ތާޢިދުކުރަނީ އެގޮތަށެވެ. މި މައްސަލާގައި ވާހަކަ ދައްކަވަމުން ދައުލަތް ތަމްސީލްކުރާ ބަންޑާރަ ނާއިބުގެ އޮފީހުގެ ވަކީލް ވިދާޅުވީ، މި މައްސަލައަކީ މަޖިލީހުގެ އިދާރާއިން ގަވާއިދު މާނަކުރުމުގައި އުފެދުނު ޚިޔާލު ތަފާތުވުމަކާ ހެދި ހުށަހެޅިފައި އޮތް ދުސްތޫރީ މައްސަަލައެއްކަމަށެވެ.

މި މައްސަލާގައި މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާޠިމަރު ފިލްޒާ ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނާއިބު ރައީސް ރިޔާސަތުގައި އިންނަވައިގެން ކަމަށާއި، އެނޫން ބޭފުޅަކަށް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ މަޖިލީހުގެ ގަވައިދު އިސްލާހުކޮށްގެން ކަމަށެވެ. އަދި ރައީސް ނަޝީދުގެ އިތުބާރުނެތް ކަމުގެމައްސަލަ މަޖިލީހަށް ހުށަހެޅިފައިވިޔަސް ތަޅުމަށް އެ މައްސަލަ ހުށައަޅާފައިނުވާތީ މަޖިލިސް ހުއްޓެންޖެހޭ އަދި މަޖިލީހުގެ އެހެން މަސައްކަތްތައް ނުކުރެވެންވީ ސަބަބެއް ނެތްކަމަށް ފިލްޒާ ވިދާޅުވެފައިވެއެވެ.

މި މައްސަލަ ކުރިއަށް ގެންދަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. މައްސަލަބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒު ޢަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.

މިމައްސަލައިގެ އަޑުއެހުންތައް ނިންމާލައްވަމުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ، މިއަދުގެ އަޑުއެހުންތަކާއިއެކު މި މައްސަލައިގެ އަޑުއެހުންތައް ނިމުނީކަމަށެވެ. އަދި ވީހާވެސް އަވަހަށް މި މައްސައިގައި ގޮތެއް ނިންމުމަށް ފަނޑިޔާރުންގެ ބެންޗުން މަސައްކަތްކައް ކުރައްވާނެކަމަށް ވިދާޅުވިއެވެ. ނަމަވެސް މައްސަލައިގައި ގޮތެއް ނިންމާނެ ވަކި ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ