އިންތިޚާބީ ރައީސްގެ ވިސްނުންފުޅަކީ މިހާރަށްވުރެ ބޮޑަށް މުއައްސަސާތަކުގެ މާލީ މުސްތަޤިއްލުކަން އިތުރުކޮށްދިނުން ކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން މިއަދު ވިދާޅުވެއްޖެއެވެ.
އިންތިޤާލީ މަރުހަލާގެ މަސައްކަތްތަކާ ގުޅޭ ތަފްސީލް ހިއްސާކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ، އާ ސަރުކާރުގައި މިނިވަން މުއައްސަސާތަކުން ފާހަގަކުރެވުނު މައްސަލަތަކަށް ހައްލު ހޯދުމަށް ވިސްނުންތަކެއް އެބަހުރި ކަމަށާއި އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ މުއައްސަސާތަކަށް މާލީ މުސްތަގިއްލުކަން އިތުރުކުރުން ކަމަށެވެ.
"އިންތިޚާބީ ރައީސްގެ ވިސްނުންފުޅަކީ މިހާރަށްވުރެ ވަރަށް ބޮޑަށް އިތުރަށް މުއައްސަސާތަކުގެ މާލީ މުސްތަގިއްލުކަން އިތުރުކޮށްދިނުން،" ފިރުޒުލް ވިދާޅުވި އެވެ.
ފިރުޒުލް ވިދާޅުވީ މުއައްސަސާތަކުގެ އިހްތިސާސް އާއި ޒިންމާއަށް ސަރުކާރުގެ ކުންފުނިތަކުން ޗެލެންޖްކުރާ ކަމަށާއި އެ ކުންފުނިތަކަށް މުއައްސަސާތަކަށް ފިޔަވަޅު ނޭޅޭނެ ކަމަށް ބުނާ މައްސަލަ ވެސް އެބަހުރި ކަމަށެވެ.
"ޤާނޫނު ތަސައްވުރު ކުރާ މިންވަރަށް މިދިޔަ ފަސް އަހަރު ތެރޭ މުއައްސަސާތަކުގެ މެންޑޭޓް އަދާކުރެވިފައެއް ނެތް. މެންޑޭޓް ވަރަށް ފުޅާކޮށް އޮތް ކަމަށް ވިޔަސް މުއައްސަސާތައް ވަރަށް ހަނިކޮށް މާނަ ކުރުމުގެ ސަބަބުން މަސައްކަތްތައް ނުކުރެވި އޮތްކަން ވެސް ފާހަގަކުރެވޭ،" ފިރުޒުލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މުއައްސަސާތަކަށް ސިޔާސީ ނުފޫޒު އޮތްކަން ވެސް ހާމަވި އެވެ. ބައެއް ތަހުގީގުތައް ހިންގާތީ ދައުލަތުން ފައިސާ ހިފެހެއްޓުން ފަދަ ކަންކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މުއައްސަސާތަކުގެ މެންބަރުންގެ ވަޒީފާ އާއި ދައުރުގެ ޔަގީންކަން ނެތުމަކީ ވެސް މަސައްކަތަށް ހުރަސްއެޅޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމައެހެންމެ މުއައްސަސާތަކުގެ ކުލީގެ ގޮތުގައި ކުރާ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން އިންވެސްޓްތައްކޮށް، ކުލިން ސަލާމަތް ކުރެވޭ ހަރަދު އެހެން ފަންނީ މަސައްކަތްތަކަށް ހާއްސަކުރުމަށް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ބައެއް މުއައްސަސާތަކުގެ މެންޑޭޓް ފުށުއަރާ މައްސަލަތައް ވެސް ފާހަގަ ކުރެވިފައިވާތީ އެކަންކަން ހައްލު ކުރުމަށް ގާނޫނަށް އިސްލާހުތައް ގެންނާނެ ކަމަށާއި، އެންމެ އެކަށީގެންވާ ގޮތެއްގައި މުއައްސަސާތަކަށް މަސައްކަތް ކުރެވޭނެ މަގަށް ގާނޫނުތައް ބައްޓަން ކުރުމަކީ ވަރަށް އިސްކަންދޭ ކަމެއް ކަމަށެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ވާހަކަ ކިހާ ސަޅި
މ ސިޓީ ކައުންސިލ ރަށ ކައުންސިލްތަކުގ ބާރުތަ އަތުލ މީހުން