12 ފެބުރުވަރީ 2025

"ފެހުރިހި" ކިޔައިދިނީ ކޮން ވާހަކައެއް؟ އެންމެ ފަހުން ބުނީ "ޝުކުރިއްޔާ" އޭ!

ފެހުރިހި ކިޔައިދިން ވާހަކަ ޙިއްސާކޮށްލަމެވެ. އެއީ އާދަޔާ ޚިލާފު ވާހަކަތަކެކެވެ. ޝަޢުޤުވެރި ކަން ގެނުވި ވާހަކަތަކެކެވެ.

އަހަރެންނަކީ މޫދުގައި އުޅޭ މިޔަރެކެވެ. އަހަރެން އުޅެނީ ރާއްޖޭގެ ކަނޑުތަކުގައި އެކަންޏެއް ނޫނެވެ. އަހަރެންގެ އެކި ބާވަތްތައް އުޅެއެވެ. ނަމަވެސް ބުނަން ހެއްޔެވެ؟ އަހަރެންނަކީ މިޔަރުގެ އެކި ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑު މިޔަރެވެ. ހަމައެހެންމެ އަހަރެންނަކީ ކަނޑުގައިއުޅޭ އެންމެ ބިޔަ އެއް މަހެވެ. އަހަރެންގެ ދިގުމިން 12 މީޓަރަށްވުރެ ބޮޑުވެއެވެ.

އަހަރެންނަށް އިނގިރޭސިން ކިޔާ އުޅޭނަމަކީ Whale Shark (ވޭލް ޝާކް) އެވެ.

އަހަރެން ދެކެ ބިރުނުގަންނާށެވެ. އަހަރެންނަކީ އިންސާނުންނަށް ނުރައްކާތެރި މިޔަރެއްނޫނެވެ. ވީމާ، ފެތުންތެރިންނާއި ފީނުންތެރިންނަށް އަހަރެންނާ އެކީ އުޅެވޭނެއެވެ. ވަރަށް ގައިގޯޅިވެސް ވެވޭނެއެވެ.

އަހަރެންނާ އާންމުކޮށް ބާއްދަލުވާނީ ދިވެހިރާއްޖެއިން ނަމަ، ރާއްޖޭގެ އެތެރެވަރީގެ ކަނޑުތަކުންނާއި ބޭރު ކަނޑުންނެވެ.

އަހަރެން ދިވެހިރާއްޖެ ދެކެ ވަރަށް ލޯބިވެއެވެ. އެއީ ކީއްވެހެއްޔެވެ؟ ރާއްޖޭގައި އަހަރެން ވަނީ ޙިމާޔަތްކޮށް ރައްކާތެރިކުރަން ވަރަށް ގިނަ ފިޔަވަޅުތައް އަޅާފައެވެ. އަހަރެންނާ ނުތޮޅެން އަންގާފައެވެ. އަހަރެން ހިފުންވެސް އޮތީ މަނާކޮށްފައެވެ. މެރުންވެސް އޮތީ މަނާކޮށްފައެވެ. އަދި އަހަރެން ނަގައިގެން ގެންދިޔުންވެސް އޮތީ މަނާކޮށްފައެވެ.

އޭ! ރާއްޖޭގެ ގިނަ މީހުން އަސްލު ވަރަށް އޯގާތެރިއެވެ. އަހަރެންނަށް ޙިމާޔަތް ދެއެވެ. އަހަރެމެންގެ އާއިލާއަކީ އާބާދީގެ ގޮތުން މަދުބައެއްކަން ގިނަ ދިވެހިންނަށް ވިސްނެއެވެ،  އަހަރެންނަށް ގޯނާކުރާނަމަ، ދުނިޔެއިން ނެތިފަނާވެދާނެކަމުގެ ބިރު އޮތްކަން ގިނަ ދިވެހިންނަށް މާރަނގަޅަށް އެނގެއެވެ.

އަހަރެންނަށްވެސް ދިރިއުޅެވޭނީ ކައިގެންނެންނު ދޯ! އެހެންވީމަ، އަހަރެން އާދަވެގެން ކައިއުޅެނީ އަނގައަށް ކާނާ ފުރާނާ އުސޫލުންނެވެ. މިގޮތަށް އަހަރެން ކައިއުޅެނީ ވަރަށް ކުދިމަހާއި، ފަނިފަކުސާއާއި ކަނޑުގެ މަތީބައިގައި އުޅޭ ކަކުނިފާޑުގެ ސޫތްޕެވެ. އަހަރެން ކާނާކާން އުޅޭއިރު ފެނުންހިކޭނުހިކޭ ހިސާބަށް އަހަރެންގެ ބޯކޮޅު ބާއްވައިގެން އޮއިމައްޗަށް ދަތުރުކޮށް ހަދަމެވެ.

އަހަރެންގެ ތުންގަޑުކުރެވެ. ނިގޫކޮޅަށް ހިމަ ނިގުލުގެ ކަފިކަން ބޮޑު ވާނެއެވެ. އަހަރެން ތަފާތު ދޯ!

އަހަރެންގެ ބުރަކަށިމަތީގެ ކުލައަކީ ގަދައަޅި ކުލައެވެ. އަހަރެންގެ ބަނޑުދަށް ފަރާތް ހުންނަނީ ހުދު ނުވަތަ ރީނދޫކުލައެއްގައެވެ. އަހަރެންގެ ގައިގައި ހުދު ނުވަތަ ރީނދޫ ކުލައެއްގެ ލައްތަކަކާއި ގޮޅިތަކެއް ހުންނާނެއެވެ. އަހަރެންގެ ދެއަރިމަތީން މަތީބައިގައި ދިގަށްވާގޮތަށް ތިން ކުރަގަޑު ހުންނާނެއެވެ.

އަހަރެންނަކީ ވަރަށް މީހުންނާ ގާތްކޮށް އުޅޭ މަހެކެވެ. އެހެންކަމުން އަހަރެންނަށް ދެރައެއް ދޭކަށް ބޭނުމެއް ނުވާނެއެވެ. އަހަރެން ހިމާޔަތްކުރަން ރާއްޖެއިން ތިކުރާ މަސައްކަތަށް ސާބަހެވެ.

އިއްޔެ އަނެއްކާ އަހަރެންނަށް ތިޔަ ދިނީ ވަރަށްވެސް އުފާވެރި ޚަބަރެކެވެ.

ދިވެހިރާއްޖޭގައި ފެހުރިހި ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ކުރާކަމެއްގެ ގޮތުގައި ބަދަލުކުރައްވަން، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ސީދާ ރައީސުލްޖުމްހޫރިއްޔާ ނިންމެވި ކަމުގެ އުފާވެރި ޚަބަރެވެ.

އަހަރެންނަށްވެސް އެނގެއެވެ. ރާއްޖޭގައި ފެހުރިހި މިހާރު ހިމާޔަތްކޮށްފައި ވަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު (ޤާނޫނު ނަންބަރު:14/2019 ) ގެ ދަށުންނެވެ.

އަހަރެންނަކީ 2016 ވަނަ އަހަރުގެ ޖުލައި މަހުގައި އިންޓަރނޭޝަނަލް ޔޫނިއަން ފޯ ކޮންސަވޭޝަން އޮފް ނޭޗަރ (އައި. ޔޫ. ސީ. އެން)ގެ ރެޑް ލިސްޓް އޮފް ތްރެޓަންޑް ސްޕީޝީސްގައި ނެތި ދިއުމުގެ ބިރުހީވެފައިވާ ދިރުމެއްކަމަށް ކަނޑައަޅާފައިވެއެވެ.

ނަމަވެސް، ކޮންމެވެސް ވަރަކަށް އަހަރެންނަށް ރާއްޖޭގައިވެސް ގެއްލުންތަކެއް ދޭކަން ފާހަގަކޮށްލަން ބޭނުމެވެ. އަހަރެން ޙިމާޔަތްކުރި ވަރަކަށް އެކަމުގެ ފައިދާކުރާނީ ހަމަ ރާއްޖެއަށެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން އަހަރެން ހިމާޔަތްކުރުމުން، އަހަރެންނަށް ލިބޭ ގެއްލުންތައް މަދުވެ، މާހައުލީގޮތުން ވެސް ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ. އަދި ރާއްޖެއަށް ތިމާވެށީގެ ގޮތުންނާއި އިޤްތިޞާދީގޮތުން އަދި އިޖުތިމާޢީ ގޮތުން ވެސް ގިނަގުނަ ފައިދާތައް ލިބިގެންދާނެއެވެ. އެކަން ރަނގަޅަށް ޤަބޫލުކުރާ ކަމަށްޓަކައި ފަށްފަށުން ޝުކުރިއްޔާއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު