Thursday, 18 April 2024

ޣައްޒާގެ ބޭކަރީތައް ހުއްޓުމަކަށް؛ "ފުށް" ހުސްވެއްޖެ: އދ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ހައްދުފަހަނަ އަޅާފައިވާ ޓެރަރިސްޓް އިސްރާއީލުގެ ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން ޣައްޒާގެ ހުރިހާ ބޭކަރީތައް ހުއްޓުމަކަށް އައި ޣައްޒާގެ އުތުރުފަޅީގެ އަވައްތަކުން ފުށް ހުސްވެއްޖެ ކަމަށް އދ. ހާމަކޮށްފިއެވެ.

އދ. ގެ އޮފިޝަލަކު ވިދާޅުވެފަައިވަނީ ޣައްޒާގެ އުތުރުފަޅީގެ ބޭކަރީތައް ބަންދުކޮށްފައިވަނީ، ފުށް ލިބެން ނެތުމާއިއެކު، ކަރަންޓާއި ފެން ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ ކަމުގައެވެ.

"ޚާއްޞަކޮށް ޣައްޒާގެ އުތުރުފަޅީގައި ފުށް ލިބޭކަށްނެތް. ފުށް ހުސްވެއްޖެ. އެހީތެރިކަން ފޯރުކޮށްދޭ ޖަމާޢަތްތަކަށް ވޭދުވެދިޔަ 7 ދުވަހުގެ ތެރޭގައި އެއްވެސް މިންވަރަކަށް ކާބޯތަކެތި ފޯރުކޮށްދެވިފައެއް ނެތް". އދ. ގެ އޮފިޝަލް ވިދާޅުވިއެވެ.

ޣައްޒާގެ ދެކެނުފަޅީގެ ގިނަ ތަންތަންވެސް ބަންދުކޮށްފައިވާއިރު، 9 ބޭކަރީއެއް ހުޅުވައިގެން ޚިދުމަތްދޭ ކަމަށާއި އެހެންނަމަވެސް އެކަށީގެންވާ ވަރަށް ފުށް ނުލިބޭތީ ވަރަށް ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައިވާ ކަމަށް އދ. ގެ އޮފިޝަލް ވިދާޅުވިއެވެ.

އދ. ގެ ރިލީފް އެޖެންސީ ހަމާކޮށްފައިވާ ގޮތުގައި ހޯމަ ދުވަހުން ފެށިގެން ގިނަ ބޭކަރީތައް ވަނީ ބަންދުކޮށްފައެވެ. އަދި ޣައްޒާގެ އެތައް ބޭކަރީއެއް ވަނީ އަނިޔާވެރި ޔަހޫދީންގެ އުދުވާނުގައި ސުންނާފަތިކޮށްލާފައެވެ.

ހައްދުފަނަހަ އަޅާފައިވާ ޔަހޫދީންގެ އުދުވާންތައް ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ޒަޔަނިސްޓު އިސްރާޢީލަށް ކުއްލި ސިހުމެއް ގެނުވި ޖިހާދަށް ރައްދުދީ ބަދަލު ހިފުމުގެ ގޮތުންނެވެ.

ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ގަތުލުއާންމު ވަނީ ކުރިއަށްވުރެ ބޮޑަށް އިތުރުކޮށްފައެވެ. ބަރުހަތިޔާރާއި ބޮމާއި މިސައިލް ހަމަލަތައް އަމާޒުކުރުން ވަނީ އިތުރު ކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުގައި، އިސްރާއީލުން ޣައްޒާއަށް ތިރީސްހާސް ޓަނުގެ ބޮން މިހާތަނަށް އަޅާފައިވެއެވެ. ހައްދުފަހަނައަޅާފައިވާ ޔަހޫދީންގެ އެންމެ ފަހުގެ ހަމަލަތައް އަމާޒު ކުރަމުން ދަނީ ޣައްޒާގެ ހޮސްޕިޓަލްތައް ހުންނަ ސަރަޙައްދުތަކަށް ކަމުގައި ޙަމާސް ޖަމާޢަތުން ބުނާއިރު، މި ހަމަލަތައް ފެށުމުގެ ކުރިން ޣައްޒާއިން މުވާސަލާތީ ޚިދުމަތްތައް ވަނީ ކަނޑައިލާފައެވެ. އެއީ، ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގެ މަންޒަރުތައް ދުނިޔެއަށް ހާމަ ކުރުމަށް ހުރަސް އެޅުމުގެ ގޮތުން ކޮށްފައިވާ ކަމެކެވެ.

އ.ދގެ އިދާރާތަކާއި އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ 18 ޖަމުޢިއްޔާއަކުން، އެ އުދުވާންތައް ވަގުތުން ހުއްޓައިލުމަށް ގޮވައިލާފައިވާ ދަނޑިވަޅެއްގައި، ޣައްޒާއަށް ދެމުންދާ ހަމަލަތައް ވަރުގަދަ ކޮށްފައި މި ވަނީ، ގޮތް ދޫނުކުރުމާއި ހަރުކަށިކަން ދެއްކުމަށެވެ. އާރާއި ބާރު އޮތްކަން ދައްކައި، މުސްލިމުންގެ ނަސްލެއް ނައްތާލުމަށްޓަކައެވެ. ފަލަސްޠީނަށް މިނިވަންކަން ގެނައުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވާ ޙަމާސް ޖަމާޢަތް މި ބިން މަތިން ފޮހެލުމަށްޓަކައެވެ.

ޣައްޒާގައި ހާލުގައި ޖެހިފައިވާ މިލިޔަނަކަށް ވުރެ ގިނަ މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވައިލަމުންދާ ދަނޑިވަޅެއްގައި، ނުބައި ޒައިނިސްޓުން ހިންގަމުންދާ ޖަރީމާތައް އިތުރުކޮށްފައި މިވަނީ ޔަހޫދީންނަށް ގޮތް ހުސްވެގެންކަން އެބަ ސާފުވެއެވެ.

މިދިޔަ އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން، އަނިޔާވެރި ޔަހޫދީން މެދުކެނޑުމެއް ނެތި ޣައްޒާއަށް ދެމުންދާ ހަމަލަތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 10،000 އިން މައްޗަށް އަރާފައިވާއިރު، ތެރޭގައި 4,200 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. މީގެތެރެއިން ގިނަ މީހުން ޝަހީދުކޮށްލާފައިވަނީ ޣައްޒާގެ ދެކުނު ބިތުން ކަމަށް ފަލަސްޠީނުގެ ރަސްމީ އިދާރާތަކުން ހާމަކުރައްވައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 24,000 އަށް އަރާފައެވެ. ޓެރަރިސްޓް ޔަހޫދީންގެ ހަމަލަތަކުގައި ސުންނާފަތި ކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުންގެ ޢަދަދު 2,600 އަށް އަރާއިރު، އޭގެ ތެރޭގައި ވެސް 1,270 އެއްހާ ކުޑަކުދިން ހިމެނޭ ކަމުގައި ޣައްޒާގެ އޮފިޝަލުން ވިދާޅުވެއެވެ.

ފަލަސްޠީނުގެ ޣައްޒާގެ އިތުރުން ހުޅަނގު އައްސޭރީގެ ރަށްތަކަށް އަރައި ވެސް ޔަހޫދީން ދަނީ އުދުވާންތައް ހިންގަމުންނެވެ. އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ހުޅަނގު އައްސޭރީގައި ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް 155 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އަދި 2,100 އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލާފައެވެ.

ޓެރަރިސްޓް ޔަހޫދީން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ގަތުލުއާންމެއް ހިންގަމުން މިދަނީ އެމެރިކާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައެވެ. ޚުދު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ެއެތަކެއް ފަހަރު މަތިން ޔަހޫދީ އިސްރާއީލަށް ވާގިވެރިވާ ފަދަ ބަސްތައް ތަކުރާރުކޮށްފައެވެ. އަދި ޔަހޫދީންނަށް ބޭނުންވާ އަސްކަރީ އެހީ ފޯރުކޮށްދިނުމަށް އެމެރިކާއިން ދަނީ އެތަކެއް މަސައްކަތްތަކެއް ކުރަމުންނެވެ.

މިކަންކަމާ ގުޅިގެން އީރާނުން މި ވަނީ އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދީފައެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި އެންމެ ވަރުގަދައަށް ވަކާލާތުކުރަމުންދާ ޤައުމަކީ އިރާނެވެ. އީރާނުގެ ދިފާޢީ ވަޒީރު މުޙައްމަދު-ރިޟާ އިޝްތިޔާނީ ވިދާޅުވީ، ޔަހޫދީންގެ ގަތުލުއާންމު ހުއްޓުވަން އެމެރިކާއިން މަސައްކަތް ނުކުރާ ނަމަ، ދެން ހަމަލަ ދޭނީ އެމެރިކާއަށް ކަމުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *