ހައްދުފަނަ އަޅާފައިވާ އިސްރާއީލް ސަޚްޔޫނީންގެ ބާރުގަދަ ބޮންތައް، ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީފޯރުކޮށްދެމުންދާ ޖަމަޢާތްތަކުގެ "އުޅަނދުތަކަށް" އަޅަންފަށައިފިއެވެ.
ފަލަސްޠީނުގެ ރެޑްކުރެސެންޓުން ހާމަކުރައްވާފައިވާ ގޮތުގައި، ޣައްޒާގެ ޙާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ބައިނަލްއަޤްވާމީ ރެޑްކްރޮސް ޖަމާޢަތުގެ އުޅަނދުތަކަށް އަމާޒުކޮށް ޔަހޫދީ ސަޚްޔޫނިން ބާރުގަދަ ބޮންތައް އަޅަމުންދާ ކަމަށެވެ.
އިންސާނީ އެހީ ފޯރުކޮށްދެމުންދާ ޖަމާޢަތްތަކަށް ހައްދުފަހަނަ އަޅާފައިވާ ޔަހޫދީން، އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުންދާ ޖަމާޢަތްތަކަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކުގައި ޑޮކްޓަރސް ވިތައުޓް ބޯޑަރސްގެ ސްޓާފެއް މަރާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ޔަހޫދީ ސަޚްޔޫނީ ފައުޖުތަކުން ހިންގާ ލާއިންސާނީ ޖަރީމާތަކުގައި ހިންގަމުންދާ ޖަރީމާތަކާއި ލޭ އޮހޮރުވުންތައް ނިމުމަކަށް ގެންނަން ޖެހޭކަމުގައިވެސް އެ ޖަމްޢިއްޔާއިން ވަނީ ހާމަކޮށްފައެވެ. ޣައްޒާގެ އެތައް ކުޑަކުދިންނެއް ޝަހީދުކުރަމުންދާއިރު، ދުނިޔޭގެ ޤައުމުތައް ނިދާފައި ތިބި ތިބުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށްވެސް އެ ޖަމްޢިއްޔާއިން ބުނެއެވެ.
އދ. ގެ ރިލީފް އެޖެންސީ ހަމާކޮށްފައިވާ ގޮތުގައި ހޯމަ ދުވަހުން ފެށިގެން ޣައްޒާގެ ގިނަ ބޭކަރީތައް ވަނީ ބަންދުކޮށްފައެވެ. އަދި ޣައްޒާގެ އެތައް ބޭކަރީއެއް ވަނީ އަނިޔާވެރި ޔަހޫދީންގެ އުދުވާނުގައި ސުންނާފަތިކޮށްލާފައެވެ.
ހައްދުފަނަހަ އަޅާފައިވާ ޔަހޫދީންގެ އުދުވާންތައް ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ޒަޔަނިސްޓު އިސްރާޢީލަށް ކުއްލި ސިހުމެއް ގެނުވި ޖިހާދަށް ރައްދުދީ ބަދަލު ހިފުމުގެ ގޮތުންނެވެ.
ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ގަތުލުއާންމު ވަނީ ކުރިއަށްވުރެ ބޮޑަށް އިތުރުކޮށްފައެވެ. ބަރުހަތިޔާރާއި ބޮމާއި މިސައިލް ހަމަލަތައް އަމާޒުކުރުން ވަނީ އިތުރު ކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުގައި، އިސްރާއީލުން ޣައްޒާއަށް ތިރީސްހާސް ޓަނުގެ ބޮން މިހާތަނަށް އަޅާފައިވެއެވެ. ހައްދުފަހަނައަޅާފައިވާ ޔަހޫދީންގެ އެންމެ ފަހުގެ ހަމަލަތައް އަމާޒު ކުރަމުން ދަނީ ޣައްޒާގެ ހޮސްޕިޓަލްތައް ހުންނަ ސަރަޙައްދުތަކަށް ކަމުގައި ޙަމާސް ޖަމާޢަތުން ބުނާއިރު، މި ހަމަލަތައް ފެށުމުގެ ކުރިން ޣައްޒާއިން މުވާސަލާތީ ޚިދުމަތްތައް ވަނީ ކަނޑައިލާފައެވެ. އެއީ، ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގެ މަންޒަރުތައް ދުނިޔެއަށް ހާމަ ކުރުމަށް ހުރަސް އެޅުމުގެ ގޮތުން ކޮށްފައިވާ ކަމެކެވެ.
އ.ދގެ އިދާރާތަކާއި އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ 18 ޖަމުޢިއްޔާއަކުން، އެ އުދުވާންތައް ވަގުތުން ހުއްޓައިލުމަށް ގޮވައިލާފައިވާ ދަނޑިވަޅެއްގައި، ޣައްޒާއަށް ދެމުންދާ ހަމަލަތައް ވަރުގަދަ ކޮށްފައި މި ވަނީ، ގޮތް ދޫނުކުރުމާއި ހަރުކަށިކަން ދެއްކުމަށެވެ. އާރާއި ބާރު އޮތްކަން ދައްކައި، މުސްލިމުންގެ ނަސްލެއް ނައްތާލުމަށްޓަކައެވެ. ފަލަސްޠީނަށް މިނިވަންކަން ގެނައުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވާ ޙަމާސް ޖަމާޢަތް މި ބިން މަތިން ފޮހެލުމަށްޓަކައެވެ.
ޣައްޒާގައި ހާލުގައި ޖެހިފައިވާ މިލިޔަނަކަށް ވުރެ ގިނަ މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވައިލަމުންދާ ދަނޑިވަޅެއްގައި، ނުބައި ޒައިނިސްޓުން ހިންގަމުންދާ ޖަރީމާތައް އިތުރުކޮށްފައި މިވަނީ ޔަހޫދީންނަށް ގޮތް ހުސްވެގެންކަން އެބަ ސާފުވެއެވެ.
މިދިޔަ އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން، އަނިޔާވެރި ޔަހޫދީން މެދުކެނޑުމެއް ނެތި ޣައްޒާއަށް ދެމުންދާ ހަމަލަތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 10،000 އިން މައްޗަށް އަރާފައިވާއިރު، ތެރޭގައި 4,200 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. މީގެތެރެއިން ގިނަ މީހުން ޝަހީދުކޮށްލާފައިވަނީ ޣައްޒާގެ ދެކުނު ބިތުން ކަމަށް ފަލަސްޠީނުގެ ރަސްމީ އިދާރާތަކުން ހާމަކުރައްވައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 24,000 އަށް އަރާފައެވެ. ޓެރަރިސްޓް ޔަހޫދީންގެ ހަމަލަތަކުގައި ސުންނާފަތި ކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުންގެ ޢަދަދު 2,600 އަށް އަރާއިރު، އޭގެ ތެރޭގައި ވެސް 1,270 އެއްހާ ކުޑަކުދިން ހިމެނޭ ކަމުގައި ޣައްޒާގެ އޮފިޝަލުން ވިދާޅުވެއެވެ.
ފަލަސްޠީނުގެ ޣައްޒާގެ އިތުރުން ހުޅަނގު އައްސޭރީގެ ރަށްތަކަށް އަރައި ވެސް ޔަހޫދީން ދަނީ އުދުވާންތައް ހިންގަމުންނެވެ. އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ހުޅަނގު އައްސޭރީގައި ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް 155 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އަދި 2,100 އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލާފައެވެ.
ޓެރަރިސްޓް ޔަހޫދީން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ގަތުލުއާންމެއް ހިންގަމުން މިދަނީ އެމެރިކާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައެވެ. ޚުދު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ެއެތަކެއް ފަހަރު މަތިން ޔަހޫދީ އިސްރާއީލަށް ވާގިވެރިވާ ފަދަ ބަސްތައް ތަކުރާރުކޮށްފައެވެ. އަދި ޔަހޫދީންނަށް ބޭނުންވާ އަސްކަރީ އެހީ ފޯރުކޮށްދިނުމަށް އެމެރިކާއިން ދަނީ އެތަކެއް މަސައްކަތްތަކެއް ކުރަމުންނެވެ.
މިކަންކަމާ ގުޅިގެން އީރާނުން މި ވަނީ އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދީފައެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި އެންމެ ވަރުގަދައަށް ވަކާލާތުކުރަމުންދާ ޤައުމަކީ އިރާނެވެ. އީރާނުގެ ދިފާޢީ ވަޒީރު މުޙައްމަދު-ރިޟާ އިޝްތިޔާނީ ވިދާޅުވީ، ޔަހޫދީންގެ ގަތުލުއާންމު ހުއްޓުވަން އެމެރިކާއިން މަސައްކަތް ނުކުރާ ނަމަ، ދެން ހަމަލަ ދޭނީ އެމެރިކާއަށް ކަމުގައެވެ.