މިއަދަކީ ވެސް ހަމަ އެފަދަ ހިތްދަތި ދުވަހެކެެވެ. ހިތްދަތިކަން ވެރިނުވާ ދުވަހެއް ނާދެއެވެ. އައު ކޮންމެ ދުވަހަކަށް މަރުހަބާ ކިޔަން ޖެހެނީ އެތައް ހިތްދަތިކަމަކާ އެކުގައެވެ.
ޣައްޒާގެ އެންމެ ބޮޑު ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލް، އަލް ޝިފާގައި އަވަދިނެތި މަސައްކަތް ކުރަމުންގެންދާ ޒުވާން ޑޮކްޓަރ، ސާރާ އަލް ސައްޣާ ކިޔާދިނެވެ.
އެއީ ހިމާޔަތާއި ރައްކާތެރިކަން ހޯދަން އެތައް ބަޔަކު ވަދެތިބުމުގެ ސަބަބުން ތޮއްޖެހެމުން އަންނަ އަލް ޝިފާ ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުން ފެންނަނީ ފުރިބާރުވެފައިވާ މަންޒަރެވެ. މަރުވެފައިވާ ހަށިތަކެވެ. އަނިޔާވެފައިވާ އެތަކެއް ބައެކެވެ. ޒަޚަމުތަކާއި ކެކުޅުމުގައިވާ އެތަކެއް ބަލިމީހުންނެވެ.
ސާރާވެސް މަސައްކަތްކުރަމުންދަނީ ހުރިހާ ބަލިމީހުންނަށްވެސް ކޮންމެވެސް މިންވަރެެއްގެ ފަރުވާއެއް ފޯރުކޮށްދެވޭތޯއެވެ. އިތުރު އޮޕަރޭޓިން އަދި ރިކަވަރީ ރޫމްސް ނެތުމުގެ ސަބަބުން ބިންމަތީގައާއި، ސްޓްރެޗަރ އަދި ހޯލްވޭތަކުގައި ފަރުވާދިނުމުގެ ކަންތައްތައް ކުރިއަށްގެންދިއުމަށް ވަނީ މަޖުބޫރުވެފައެވެ އަދި ޖާގައިގެ ދަތިކަމުން ލާނެ ރިކަވަރީ ރޫމްތައް ނެތުމުގެ ސަބަބުން އެތައް ބައެއްވަނީ މަރުވެ ގޮސްފައެވެ.
އެކިވަރުގެ ޒަޚަމްތަކާއި އަނިޔާތައް ލިބިފައިވާ މީހުންގެ ތެރޭގައި ފިރިހެނުންނާއި، އަންހެނުންނާއި އަދި މައުސޫމް ކުޑަކުދިން ހިމެނެއެވެ. ތުރުތުލާ ޙާލު ގިސްލާ ރޮމުންދާ މީހުން މަދެއްނޫނެވެ. އަދި ވަގުތީގޮތުން ބިންމަތީ ހެދިފައިވާ އެނދުތަކުގައި ނިދާ ހަދައެވެ. ސާރާގެ މަސައްކަތުގައި އެންމެ އުނދަގޫ ދަތި ކަމަކީ ކޮބާތޯ ސުވާލުކުރުމުން އޭގެ ޖަވާބުގައި އޭނާ ބުނެފައިވަނީ، އެތަކެއް ވޭނެއް ތަޙައްމަލުކުރަމުންދާ ކުޑަކުދިން އުޅޭ ޙާލުފެނިފައި ހިތަށް ކުރަމުންދާ އަސަރުގެ ސަބަބުން ކަންކަން ކުރުމަށް ހިތްވަރު އެލި މާޔޫސްވެރިވުމެވެ.
"ކުޑަކުދިންގެ ކެކުޅުންތައް ބަލަން އަހަރެންނަށް ކެތެއްނުކުރެވޭ. ކުއްޖަކު ރޯލާއަޑު އިވުނަސް ވަރަށް އަސަރުކުރޭ. ކުޑަކުދިންގެ ޑޮކްޓަރަކަށްވާން ބޭނުން ނުވީވެސް ކުޑަކުދިންގެ މިފަދަ ކަންކަން ބެލުމަށް ހިތްވަރު ނުހުންނާތީ. އެހެންނަމަވެސް މިއަދު މިވަނީ ކޮންމެ ގޮތަކުންވެސް ކުޑަކުދިންނަށް ފަރުވާދީ އަޅައިލަން މަޖުބޫރުވެފަ." ސާރާ ބުންޏެވެ.
އަލް ޝިފާ ހޮސްޕިޓަލްގައިވާ މޯޗަރީ ވަނީ ފުރިފައެވެ. މަރުވެފައިވާ ހަށިތައް ބެލެހެއްޓުމަށް އިތުރު ގޮތްތައް ހޯދުމަށްވަނީ ނުކުޅެދިފައެވެ.
އިސްރާއީލުން ޣައްޒާއަށް ހަމަލާދެތާ އެއްމަސް ވީއިރު 10،000 މީހުންނަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެވެ އަދި މީގެތެރޭގައި 4،880 ކުޑަކުދިން ހިމެނެއެވެ.