ރާއްޖޭގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަޝްރޫއު ނިންމަން ބޭނުންވާ 1.2 ބިލިއަން ރުފިޔާ ހަމަޖައްސައި ދިނުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ނިންމައިފިއެވެ.
އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން މި އެހީ ދިނުމަށް ނިންމީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު އަބޫ ދާބީ އަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މިކަން ހާމަކުރައްވައި، އިންތިހާބީ އޮފީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރްޒުލް ވިދާޅުވީ އިންތިހާބީ ރައީސް އަބޫދާބީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައި އެއާޕޯޓް މަޝްރޫއު ނިންމުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށެވެ.
އެއާޕޯޓް މަޝްރޫއު އަވަސް ކުރުމަށް އިންތިހާބީ ރައީސް އިސްކަމެއް ދެއްވާ ކަމަށާއި އެމަނިކުފާނު ދުބާއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައި އެކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށްފިރުޒުލް ވިދާޅުވިއެވެ.
"ޔޫއޭއީއަށް އެމަނިކުފާނު ކުރެއްވި އަމިއްލަ ދަތުރުފުޅުގެ ތެރެއިން ލިބިވަޑަިއގެންނެވި ފުރުސަތުގެ ތެރޭގައި ކުރެއްވި މަޝްވަރާތަކުގެ ތެރެއިން އެ ފައިސާ ހަމަޖެއްސަވައިދެއްވުމަށް ޔޫއެސް ސަރުކާރުގެ ތެރެއިން އަބޫދާބީގެ ސަރުކާރުގައި އެދިވަޑައިގެންފައިވޭ. އެކަމަށް އިޖާބަދެއްވައި އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމެންޓް އިން 80 މިލިޔަން ޑޮލަރު (1.2 ބިލިޔަން ރުފިޔާ) ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވޭ." ފިރުޒުލް ވިދާޅުވިއެވެ.
އިންތިހާބީ ރައީސް އަބޫދާބީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅެއްގައި ގިނަ ކަންތައްތަކާއި މަޝްވަރާ ކުރެވުނު ކަމަށް އެ މަޝްވަރާތަކުން މުހިންމު ކަންކަން ހާސިލް ކުރެވިފައިވާ ކަމަށް ފިރުޒުލް ވަނީ ވިދާޅުވެފައެވެ.
އިންތިހާބީ ރައީސްގެ އަމާޒަކީ 2024 ވަނަ އަހަރުގެ ޕީކް ސީޒަނަށް އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއު ނިންމުން ކަމަށް ފިރުޒުލް ވިދާޅުވިއެވެ.