Thursday, 18 April 2024

ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓާލުމަށް އެމެރިކާގެ ނައިބު ރައީސް ގޮވާލައްވައިފި

ފަލަސްޠީނަށް ވެރިވެގަނެގެން އުޅޭ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓާލުމަށާއި، އެމީހުން ހިންގަމުންދާ އިންސާނިއްޔާތާ ޚިލާފު ޢަމަލުތަކަށް ޖަވާބުދާރީކުރުވައި ފިޔަވަޅު އަޅަންޖެހޭކަމަށް އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް ވިދާޅުވެއްޖެއެވެ.

އިސްރާއީލުގެ ރައީސް އިސާކް ހާޒޮކް އަށް ފޯނުން ގުޅުއްވާ ކަމަލާ ދެއްކެވި ވާހަކަފުޅުގައި، އަމިއްލަ ދިފާޢުގައި ފިޔަވަޅުތައް އެޅުމަށާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމަށް ތާޢީދުކުރައްވާ ކަމަށާއި، ނަމަވެސް ކުށެއް ނެތް އާންމު ރައްޔިތުން ހިމާޔަތްކުރުމަށް އެދޭ ކަމުގައި ވިދާޅުވެފައިވެއެވެ.

"ވަޒަންވެރިވެގެން އުޅޭ ޔަހޫދީން ހިންގަމުންދާ ޖަރީމާތައް ހުއްޓުވައި ޖަވާބުދާރިކުރުވަންޖެހޭ." ކަމަލާ ވިދާޅުވިއެވެ.

މެދުއިތުރުމަތީގައި ސުލްޙަ ޤާއިމުކުރުމުގެ މުހިއްމުކަމުގެ މައްޗަށް ބައްލަވާލައްވަމުން، ސަރަޙައްދުގައި ސުލްޙަ ޤާއިމުކުރުމަށް ހިންގާ އެންމެހައި މަސައްކަތްތަކުގައި އެމެރިކާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަށްވެސް ކަމަލާ ވަނީ ދެއްވާފައެވެ.

ފަލަސްޠީނުގެ ޣައްޒާގެ އިތުރުން ހުޅަނގު އައްސޭރީގެ ރަށްތަކަށް އަރައި ވެސް ޔަހޫދީން ދަނީ އުދުވާންތައް ހިންގަމުންނެވެ. އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ހުޅަނގު އައްސޭރީގައި ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް 163 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އަދި 2,200 އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލާފައެވެ.

ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓާލުމަށް އެމެރިކާގެ ނައިބު ގޮވާލައްވައިފައިވީނަމަވެސް، ޣައްޒާގައި ހައްދުފަހަނައަޅާފައިވާ ޔަހޫދީން ހިންގަމުންދާ ޖަރީމާތައް ހުއްޓާލުމަށް އޭނާ ގޮވާލައްވާފައެއް ނުވެއެވެ.

މިދިޔަ އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން، އަނިޔާވެރި ޔަހޫދީން މެދުކެނޑުމެއް ނެތި ޣައްޒާއަށް ދެމުންދާ ހަމަލަތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 10،000 އިން މައްޗަށް އަރާފައިވާއިރު، ތެރޭގައި 4,200 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. މީގެތެރެއިން ގިނަ މީހުން ޝަހީދުކޮށްލާފައިވަނީ ޣައްޒާގެ ދެކުނު ބިތުން ކަމަށް ފަލަސްޠީނުގެ ރަސްމީ އިދާރާތަކުން ހާމަކުރައްވައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 24,000 އަށް އަރާފައެވެ. ޓެރަރިސްޓް ޔަހޫދީންގެ ހަމަލަތަކުގައި ސުންނާފަތި ކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުންގެ ޢަދަދު 2,600 އަށް އަރާއިރު، އޭގެ ތެރޭގައި ވެސް 1,270 އެއްހާ ކުޑަކުދިން ހިމެނޭ ކަމުގައި ޣައްޒާގެ އޮފިޝަލުން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *