Saturday, 13 April 2024

ފަލަސްޠީނުގެ 90،000 މަސައްކަތްތެރިން ބޭރުކޮށް، އިންޑިޔާއިން އެއްލައްކަ މަސައްކަތްތެރިން އިސްރާއީލަށް އެތެރެކުރަނީ

އިސްރާއީލުން ހިންގާ ލާއިންސާނީ ޖަރީމާތައް ފެށުނުފަހުން، އިސްރާއީލުގެ އިޤްތިޞާދު ފުނޑުފުނޑުވެފައިވާ މިދަނޑިވަޅުގައި، ފަލަސްޠީނުގެ މަސައްކަތްތެރިންގެ ވޯކް ޕާމިޓް ކެންސަލުކޮށް އިންޑިޔާއިން މަސައްކަތްތެރިން އެތެރެ ކުރަން ފަށައިފިއެވެ.

ފަލަސްޠީނަށް ވެރިވެގަނެގެން އުޅޭ އިސްރާއީލުގެ އެކިއެކި ސިނާޢަތްތަކަށް ބޭނުންވާ މަސައްކަތްތެރިން އިންޑިޔާއިން އެތެރެކުރަން ފަށާފައިވާއިރު، އިންޑިޔާގެ އެއްލައްކަ މަސައްކަތްތެރިން އިސްރާއީލަށް ގެނައުމަށް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިހާތަނަށް، ފަލަސްޠީނަށް ނިސްބަތްވާ 90،000 މަސައްކަތްތެރިންގެ ވޯކް ޕާމިޓް ކެންސަލުކޮށްފައިވާ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ. ފަލަސްޠީނަށް ނިސްބަތްވާ މަސައްކަތްތެރިންގެ ވޯކް ޕާމިޓް ކެންސަލުކޮށްފައި މިވަނީ އިންޑިޔާއިން މަސައްކަތްތެރިން ގެނައުމަށް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އޮކްޓޫބަރު 7 އިން ފެށިގެން، ޣައްޒާގެ ކުށެއް ނެތް މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ އުދުވާނާ ގުޅިގެން، އިސްރާއީލުގެ ކުންފުނިތަކުގެ އާމްދަނީ 50 އިންސައްތައަަށް ދަށްވެފައިވާ ކަމަށް އިޒުރޭލުގެ ސެންޓްރަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަކޮށްފައިވެއެވެ.

ކާބޯތަކެއްޗާއި އިމާރާތްކުރުމާބެހޭ ދާއިރާގެ ވިޔަފާރިތަކުގެ ތެރެއިން 70 އިންސައްތަ ކުންފުނީގެ ވިޔަފާރި، 70 އިންސައްތައަށް ދަށްވެފައިވާ ކަމަށްވެސް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.

އިސްރާއީލުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވެސް ވަނީ ހަނގުރާމައިގެ ހިޔަނި ވަރަށް ބޮޑަށް އެޅިފައެވެ. އެހެނީ އިސްރާއިލުގެ އަސްކަރިއްޔާ ވަރުގަދަކުރުމަށްޓަކައި އެތައް ހާސް ބަޔަކު ނަގަމުން ދިޔުމާ ގުޅިގެން އެ ވިޔަފާރިތައް ހިންގުމަށްވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. 11 އިންސައްތަ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައ،ި ކުންފުނިތަކުގައި ހަރަކާތްތެރިވަމުން ދިޔަ 21 އިންސައްތަ މުވައްޒަފުން، އިސްރާއީލުގެ އަސްކަރިއްޔާގެ ޚިދުމަތަށްދާން މަޖުބޫރުވެފައިވެއެވެ.

އިމާރާތްކުރުމުގެ ސިނާޢަތުގައި ގިނަ އަދަދެއްގެ ފަލަސްޠީނުގެ ރައްޔިތުން ހަރަކާތްތެރިވަމުންދެއެވެ. އެހެންކަމުން، މި ހަނގުރާމައިގެ ސަަބަބުން ފަލަސްޠީނުގެ ރައްޔިތުންނަށް އެ ދާއިރާގައި މަސައްކަތްކުރުމަށް ވަނީ ނުކުޅެދިފައެވެ. ނަތީޖާއެއްގެ ގޮތުން މިކަމުގެ އެންމެ ބޮޑު ގެއްލުމެއް ފޯރަނީ އިސްރާއީލުގެ އިމާރާތްކުުރުމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ވިޔަފާރިވެރިންނަށެވެ. އެގޮތުން ހަނގުރާމައިގެ ސަބަބުން ކޮންސްޓްރަކްޝަން ސައިޓުތަކުގެ މަސައްކަތްތައް ވަނީ ހުއްޓިފައެވެ.

މި ސާރވޭ ހަދާފައިވަނީ އިސްރާއީލުގެ 1،680 ކުންފުނިން މަޢުލޫމާތު އެއްކޮށްގެން، އޮކްޓޫބަރު މަހުގެ 24 އިން 26 އަށެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ޣައްޒާއަށް ދެމުންދާ ހަމަލަތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 10,569 އަށް އަރާފައެވެ. އޭގެ ތެރޭގައި 4,300 އެއްހާ ކުޑަކުދިން ހިމެނެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 24,000 އަށް އަރައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީން ދީފައިވާ ހަމަލަތަކުގައި 214 މީހުން ޝަހީދު ކޮށްލާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މިފަދަ ދުވަސްވަރެއްގައި އެްއްލައްކަ މަސައްކަތްތއރިންނޭކިޔާފަ މުސްލިމުން ނައްތާލަން އެްއްލައްކަ ހަގުރާމަވެރިންވެސް ނުފޮނުވާނެ ކަމެއްނޭތްގޭހަމަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *