ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ނިންމުމަށް، ޔުނައިޓެޑު އަރަބު އެމިރޭޓްސްއިން ފޯރުކޮށްދޭން ނިންމި 80 މިލިއަން ޑޮލަރާ ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްކެވި ވާހަކަތަކަށް، ޕީއެންސީގެ ޗެއާޕާސަން އަބުދުއްރަހީމް (އަދުރޭ) ރައްދު ދެއްވައިފިއެވެ.
ފިރުޒުލްގެ ވާހަކަފުޅާ ގުޅިގެން ބައެއް މީޑިއާއަށް މައުލޫމާތުދެއްވަމުން މިސަރުކާރުގެ ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވެފައިވަނީ އެ ފައިސާއަކީ މި ސަރުކާރުން ހަމަޖައްސާފައިވާ ފައިސާ ކަމަށާއި، އަދި އެފައިސާ ހޯދުމުގެ ހުރިހާ މަސައްކަތެއް ނިމި، އެ ފައިސާ ލިބޭނެކަމުގެ ޔަޤީންކަން މިސަރުކާރަށް އެޤައުމުން ދީފައިވާ ކަމަށެވެ.
މިނިސްޓަރ އަމީރުގެ ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވަމުން ސޯޝަލް މީޑީޔާގައި ކުރެއްވި ޕޯސްޓެއްގައި އަދުރޭ ސިފަކުރެއްވި ގޮތުގައި އަމީރުގެ ވާހަކަފުޅަކީ ރޯމާދުވާލު ހަދާ ބޮޑެތި ދޮގުތަކެއްގެ ގޮތުގައެވެ. އަދި މިފަދަ ދޮގުހަދައި އޮޅުވައިލުމުގެ ނަތީޖާ ސަރުކާރަށް އަދިވެސް ނުފެންނަނީތޯ ވިދާޅުވެ އަދުރޭ ސުވާލު އުފެއްދެވިއެވެ.
އެ ފައިސާ އަކީ އެއީ ރައީސް ސޯލިހުގެ ސަރުކާރުން ހޯދި ފައިސާއެއް ނޫން ކަމަށާއި އެފައިސާ އަކީ މުއިއްޒު ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހޯއްދެވި ފައިސާ ކަމަށެވެ.
"އެއާޕޯޓު މަޝްރޫއަށް ބޭނުންވާ 80 މިލިއަން ޑޮލަރަކީ އިބޫ ސޯލިހުގެ ސަރުކާރުން ހޯދި އެއްޗެއް ނޫން. އެ ފައިސާ ހޯއްދެވީ އިންތިޚާބީ ރައީސް ޑރ.މުޢިއްޒު ދާދި ފަހުން ޔޫއޭއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައި،" އެ ފައިސާ ލިބުނު ގޮތާމެދު ފިރުޒުލް ދެއްކެވި ވާހަކަފުޅަށް އިތުރަށް ބާރުދެއްވައި އަދުރޭ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ، ނިމުނު ރިޔާސީ އިންތިހާބުގެ ނަތީޖާއިން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ކިތަންމެ ވަރަކަށް ރައްޔިތުންނަށް އޮޅުވައިލަން މަސައްކަތް ކުރެއްވިޔަސް ރައްޔިތުން ބަލައިނުގަންނާނޭ ކަން ވަރަށް ސާފުކޮށް ފެންނާން އޮތް ކަމަށެވެ.