އިސްލާމްދީނާ އިދިކޮޅު ހަރުކަށި ފިކުރު ގެންގުޅޭ އިސްލާމިކް ސްޓޭޓް، އައިއެސްގެ ރާއްޖޭގެ ލީޑަރުކަމަށް ތުހުމަތު ކުރާ މުޙައްމަދު އަމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް ސާބިތުވުމާގުޅިގެން 27 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. އަމީންގެ ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ އާންމުކޮށް ހުޅުވާނުލައި ސިއްރުކޮށްގެންނެވެ.
ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ މުޙައްމަދު އަމީނަށް ކުރީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާތައް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅާ، 27 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވިނަމަވެސް އެ މައްސަލާގައި އޭނާ ބަންދުގައި ހުންނަތާ ހަތަރު އަހަރެއްހާ ދުވަސް ވުމާއެކު އޭނާ ހުކުމުން ދެން ތަންފީޒުކުރަން އޮންނާނީ 23 އަހަރެވެ.
މީނާއަކީ 2007 ވަނަ އަހަރު ސަލްޓަންޕާކްގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެންވެސް ފުލުހުން ހޯދަން އިޢުލާންކުރި މީހެކެވެ.
އޭރު އަމީން ހައްޔަރުކުރަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވެއެވެ. އެހެންވެ، އޭނާ ހައްޔަރުކުރީ ސްރީލަންކާގައި އުޅެނިކޮށް 2011 ވަނަ އަހަރުއެވެ. އޭގެފަހުން އޭނާ ރާއްޖެ ގެނެސް ދޫކޮށްލާފައި ބެހެއްޓުމަށްފަހު ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރީ 2019 ވަނަ އަހަރުއެވެ.
މީގެ އިތުރުން، އަމީނަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނާފައިވާ މީހެއްކަން ފާހަގަކޮށްލެވެއެވެ.



