1967 ވަނަ އަހަރަކީ އާބާދުކުރުމުގެ ސިޔާސަތުގައި މުޅިން އައު މަރުހަލާއަަކަށް ސަހްޔޫނީ އިސްރާއީލު ވާސިލުވި އަހަރެކެވެ. އަރަބި – އިސްރާއީލު ހަނގުރާމައިގެ ތެރެއިން އިސްރާއީލުގެ އަތްދަށަށް ފަލަސްޠީނުގެ ގިނަ ބިންތަކެއް އައެވެ. އެ ބިންތަކުގައި ސަހުޔޫނީ އާބާދުކުރުންތައް ޤާއިމުކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އިތުރު ޔަހޫދީން ގެނައުމުގެ އަމަލީ މަސައްކަތް އެ ހިސާބުން މެކުހަށް ޖެހިއެވެ. ފަލަސްޠީނުއަށް އަތްގަދަކޮށް ހަންފެތުރުމުގެ ސިލްސިލާ ބޮޅުތަކެއް އަމުނަން ފެށިއެވެ.
ސަހްޔޫނީ ފިކުރުގެ އަސާސަކީ އާބާދުކުރުމާއި ބިން ފޭރުމުގެ ފަލްސަފާއެވެ. ފަލަސްޠީނުގެ ފަޚްރުވެރި އިސްލާމީ ތާރީޚު ނެތިކޮށްލުމުގެ ވިސްނުމެވެ. ޢަރަބި އުންމަތާއި ޤައުމީ ވަންތަކަމަށް ފަލަސްޠީނުން ޖާގައެއް ނުދީ، ދީނާ ދުރުން ޔަހޫދީ ޤައުމިއްޔަތެއް ބިނާކޮށް، އެ ޤައުމިއްޔަތުގެ ވަށައިގެން ދައުލަތެއް ބިނާކުރަން ކުރަމުންދާ ހައްދުފަހަނަ އަޅާފައިވާ ނާތަހްޒީބު އަމަލެވެ.
ސަހްޔޫނީ ޔަހޫދީ ފައުޖުން ޣައްޒާއަށް ދެމުންދާ ރަޙުމު ކުޑަ ހަމަލަތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދަށް ބަލައިލި ނަމަވެސް، ޔަހޫދީންގެ އޮޕަރޭޝަން ނާކާމިޔާބުވެފައިވާ ކަން ސާފުކޮށް ހާމަވެގެންދެއެވެ. މިވާހަކަ ވަނީ އ.ދގެ ސެކްރެޓަރީ ޖެނެރަލް ވެސް ފާހަގަކުރައްވާފައެވެ.
ރޮއިޓަރސްގެ 'ނެކްސްޓް' ޕުރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން ގުތެރޭޝް ވިދާޅުވީ ޙަމާސް ޖަމާޢަތުން ޣައްޒާގެ ޢާންމު ރައްޔިތުން އައްޑަނަތަކެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށް ތުހުމަތު ކުރި ނަމަވެސް، ޣައްޒާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދަށް ބަލައިލުމުން ޔަހޫދީންގެ އޮޕަރޭޝަންގައި ހުރި ގޯސްތައް ހާމަވެގެންދާ ކަމުގައެވެ. އޭނާ ވަނީ، ހަނގުރާމައިގެ ކުރީ ސަފަށް ޢާންމު ނުނެރުމަށް ޙަމާސް ޖަމާޢަތަށް ވެސް ގޮވައިލައްވާފައެވެ.
ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސްއަޅާ ކޮންމެ ދުވަހަކީ އިސްރާޢީލުގެ މަސްލަޙަތަށް ގެއްލުންވާނެ ދުވަހެއް ކަން ސަހްޔޫނީން ވިސްނާންޖެހޭނެއެވެ. އަދި، ބައިނަލްއަޤުވާމީ މައިދާނުގައި އިސްރާޢީލުގެ އަގު ވެއްޓެމުންދާ ދުވަހެއް ކަންވެސް ސަހްޔޫނީން ވިސްނަންޖެހޭނެއެވެ.
ސަހްޔޫނީ އިސްރާޢީލަކީ އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ހުރި ބައެއް ނޫނެވެ. އެ މީހުންގެ ހަމައެކަނި އަޒުމަކީ ފަލަސްޠީނުގެ ވީހާވެސް ގިނަ ޢަދަދެއްގެ މުސްލިމުންގެ ލޭއޮހޮރުވައިލުމެވެ. ނަސްލު ފޮހެލުމެެވެ.
ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި ހިނގަމުންދާ ޢުދުވާންތަކާއި ޖަރީމާތަކުގެ ޝިކާރައަކަށްވާ ކުޑަކުދިންގެ ޢަދަދު ނިސްބަތުން މަދު ކަމެވެ. އެންމެ ގިނަވެގެން ވެސް އުޅެނީ ސަތޭކައިގެ ތެރޭގައި ކަމެވެ. އެހެންނަމަވެސް، ޣައްޒާއިން ފެންނަނީ ޤަބޫލުކުރަން ދަތި، ހިތްދަތި މަންޒަރެކެވެ. ފެނިގެން މި ދަނީ މަދު ދުވަސް ކޮޅެއްގެ ތެރޭގައި އެތަކެއް ހާސް މައުސޫމް ކުޑަކުދިންނެއް ޝަހީދު ކޮށްލާފައިވާ މަންޒަރެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖާރީމާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 10,569 އަށް އުފުލިފައިވާއިރު، އޭގެ ތެރޭގައި 4,300 އަށްވުރެ ގިނަ ޢަދަދެއްގެ މައުސޫމް ކުޑަކުދިން ވެސް ހިމެނެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މުސްލިމުންގެ ޢަދަދު ވަނީ 24,000 އަށްވުރެ މައްޗަށް އުފުލިފައެވެ.
ސަހްޔޫނީ ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ބައިވެރިވުމުގެ ގޮތުން 320 މިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ހަތިޔާރު ޔަހޫދީންނަށް ފޯރުކޮށްދޭން ސަހްޔޫނީންނަށް ވާގިވެރިވާ އެމެރިކާއިން ނިންމާފައިވާ ކަން ވަނީ ހާމަވެފައެވެ. މި ކަން ފުރަތަމަ ރިޕޯޓު ކޮށްފައި ވަނީ އެމެރިކާގެ ނޫހެއް ކަމުގައިވާ ވޯލް ސްޓްރީޓް ޖަރނަލް (ޑަބްލިޔު.އެސް.ޖޭ)ންނެވެ. އެމެރިކާއިން ޔަހޫދީންނަށް ފޯރުކޮށްދޭން ނިންމާފައިވާ ހަތިޔާރުގެ ތެރޭގައި 'ހައި-ޕްރިސިޝަން' ބޮމާއި މިސައިލް ފަދަ ހަތިޔާރު ހިމެނެއެވެ. މަޤްޞަދަކީ ކޮބައިހެއްޔެވެ؟ އިސްލާމީ ނަސްލު ފޮހެލުމެވެ.
ސަހްޔޫނީންގެ މަސައްކަތަކީ މުޅި ފަލަސްޠީނު ހިފައި އަތްގަދަ ކުރުމެވެ. މިއަތްގަދަ ކުރުމާއި އާރާއި ބާރާއި، ލާއިންސާނީ ޢަމަލުތަކާއި ޖަރީމާތަކަކީ، ވަގުތީ ކަންކަމެވެ. މަންޒިލެއް ނެތް ބޭކާރު ކަންކަމެވެ. މިހުރިހާ ކަމެއް ވާނީ ނާކާމިޔާބެވެ. ނަޞްރު ލިބޭނީ ޙައްޤަށެވެ. ފަލަސްޠީނުގެ މުޖާހިދުން އެކުރަނީ ޖިހާދެވެ. އިސްލާމްދީނަށް ނަޞްރު ދިނުމަށްޓަކައި ޤުރުބާން ވަނީއެވެ. އިސްލާމީ މަތިވެރި ފަސްގަނޑުގެ ޙައްޤުގައެވެ. މަތިވެރިވެގެންވާ ފަލަސްޠީނުގެ ބިމުގެ ޙައްޤުގައެވެ. މަތިވެރިވެގެންވާ މަސްޖިލްއަޤްޞާ ޙިމާޔަތްކުރުމުގެ މާތް ނިޔަތުގެ މަތީގައެވެ. އެކަމުގައި ވަނީ ނަޞްރެވެ. ސަހްޔޫނީން ވާނީ ފެއިލެވެ. އިރާދަކުރެއްވިއްޔާ ސަހްޔޫނީން ވާނީ ބޮޑު ބައްޔަކުން ބައްޔެވެ. ގިނަ ބަޔަކު ޝަހީދުކޮށްލައި ފަސްގަނޑު ދަށަށް ލެވިދާނެއެވެ. އެހެނަސް، އެކަމުގައި ވަނީ ރޫޙެވެ. އަލިކަމެވެ. ނޫރެވެ.
އެހެނީ، ޝަހީދުންނަކީ ވަރަށް މަތިވެރި ދަރަޖަ ލިބިގެންވާ ބައެކެވެ. އިމާމު އަޙްމަދު ރިވާކުރައްވައި އައްތިރްމިޛީ ޞައްޙަ ކުރެއްވި ޙަދީޘެއްގައި ރަސޫލާ ހަދީޘްކުރެއްވިއެވެ. ޝަހީދުން މަރުވުމާއެކު ފާފަ ފުއްސަވާނެއެވެ. ސުވަރުގެއިން އޭނާއަށް ލިބޭ ތަން ސުވަރުގެ ދިއުމުގެ ކުރިން ފެންނާނެއެވެ. އޭނާ އީމާނުގެ ފޭރާމުން ފޭރާން ލެއްވޭނެއެވެ. ޙޫރުލް ޢީނުންނާ ކައިވެނި ކޮށްދެވޭނެއެވެ. ޤަބުރުގެ ޢަޒާބުން ސަލާމަތްކުރެވޭނެއެވެ. ޤިޔާމަތުގެ ބޮޑުވެގެންވާ ބިރުވެރިކަމުން ސަލާމަތްވާނެއެވެ. އަދި ޝަރަފުވެރިކަމުގެ ތާޖެއް އޭނާގެ ބޮލުގައި އެޅުވޭނެއެވެ. އޭގައިވާ އެންމެ ޔާޤޫތެއްގެ އަގު ދުނިޔެ އާއި އެ ތާނގައި ވާހާ އެއްޗަކަށް ވުރެ ހެޔޮކަން ބޮޑުވެގެންވާނެ އެވެ. އަދި ގާތް މީހުން ކުރެ 70 މީހުންނަށް އޭނާއަށް ޝަފާޢަތްތެރި ވެވޭނެއެވެ.