އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ޕެޓިޝަނެއް

އިންތިޤާލީ އިންސާފުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ މުއްދަތު އިތުރު ހަ މަސް ދުވަހަށް އިތުރު ކޮށްދިނުމަށް އެދި އެ އޮފީހުގެ މުވައްޒަފުންގެ ފަރާތުން ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް މި ސަރުކާރުން އުފެއްދެވި އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު 17 ނޮވެންބަރަށް ހަމަވާނެއެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު 17 ނޮވެންބަރު 2023 ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިތުރުކުރެއްވީ، 17 ނޮވެންބަރު 2022 ގައެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު އިތުރުކުރައްވާފައި ވަނީ އިންތިޤާލީ އިންސާފުގެ ޤާނޫނު (ޤާނޫނު ނަންބަރު 28/2020) ދަށުން އުފައްދާފައިވާ "އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް" ގެ މަސައްކަތްތަކަށް ކަނޑައަޅުއްވާފައިވާ 2 އަހަރު ދުވަހުގެ މުއްދަތު 17 ޑިސެންބަރު 2022 ގެ ނިޔަލަށް ހަމަވާއިރު، އެ އޮފީހުން ތަޙުޤީޤުކުރައްވަމުން ގެންދަވާ ބައެއް މައްސަލަތައް ފުރިހަމަކުރެއްވުމަށްޓަކައި މި މުއްދަތު އިތުރުކޮށްދެއްވުން އެދި އޮމްބަޑްސްޕަރސަނުން އެދިލައްވާފައިވާތީ ކަމަށް އޭރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވެއެވެ.

އެ އޮފީހުގެ ފަރާތުން ހުށަހެޅި ޕެޓިޝަނުގައި ބުނެފައި ވަނީ އެ އޮފީހުގެ މުައްދަތު ހަމަވުމަށް މަދު ދުވަސްކޮޅަކަށް ވެފައިވާއިރު، މިހާރުވެސް އެ އޮފީހަށް ހުށަހެޅުނު 489 މައްސަލައިގެ ތެރެއިން 170 އެއްހާ މައްސަލަ ނުނިމި އޮތް ކަމަށެވެ، އަދި އެތަކެއް މައްސަލަތަކެއް މީޑިއޭޝަން މަރުހަލާގައި ވާއިރު، މީޑިއޭޝަނަށް އަންނަންޖެހޭ އެތަކެއް މައްސަލައެއް އެ އޮފީހުގެ ބިއުރޯގައި ޕްރޮސެސިންގައި އޮތް ކަމަށްވެސް ބުނެފައިވެއެވެ.

އެ އޮފީހުން ބުނީ ހުށަހަޅާފައިވާ ގިނަ މައްސަލަތަކަކީ އެ މައްސަލަތަކުގެ ހާދިސާތައް މީގެ އެތަކެއް އަހަރުތަކެއް ކުރިން ހިނގާފައިވާ މައްސަލަތަކެއް ކަމުގައި ވެފައި، އެ މައްސަލަތަކާ ގުޅޭ މައުލޫމާތު އެ އޮފީހުގެ ތަހުގީގަށް ހޯދުމަށް ބަލާއިރު، ގިނަ ދުވަސްވީ ލިޔުންތަކެއް ކަމަށްވާތީ ދައުލަތުގެ މުއައްސަސާތަކުން އެ ލިޔުންތަކާއި މައްސަލައާ ގުޅޭ މައުލޫމާތު ހޯދުމަށް ގިނަ ވަގުތުތަކެއް ނަގާކަން ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، އިންތިގާލީ އިންސާފުގެ އޮފީހުން ބުނެފައި ވަނީ އެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަހުގީގު އެކަށީގެންވާ ގޮތެއްގައި ހިންގި، ގޮތް ނިންމަން ޖެހޭ ކަމަށާއި، ގިނަ މައްސަލަތަކަކީ ޝަރުއީ މަރުހަލާއަށް ހުށަހެޅުމުގެ އިތުރު ފުރުސަތުތަކެއް މިހާރު ފަހިވެފައި ނެތް މައްސަލަތަކެއް ކަމަށެވެ.

އެ އޮފީހުގައި މަސައްކަތް ކުރާ 36 މުވައްޒަފުންނަކީ އޮންބަޑްސްޕާސަންގެ އޮފީހުގެ މުއްދަތުގެ ތެރޭގައި ވަޒީފާއާ ގުޅޭގޮތުން ދައުލަތުގެ ތެރެއިން ގޮތްތަކެއް ކަނޑައެޅިގެންދާނެ ކަމުގެ އުއްމީދެއް ދެވިގެން، އެކަމުގެ ބަރޯސާގައި ތިބި މުވައްޒަފުންތަކެއް ކަމަށާއި، އިތުރު ގޮތެއް ނެތި މުވައްޒަފުން މަގުމަތިވެގެންދާ ހާލަތެއް ކުރިމަތި ވެދާނެ ކަމަށް ވެސް ޕެޓިޝަނުގައި ބުނެފައިވެއެވެ.

އެހެންކަމުން އެކަންކަމަށް ރިއާޔަތް ކުރުމަށް ފަހު، އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ މަސައްކަތްތައް ފުރިހަމަކޮށް ނިންމައި، މުވައްޒަފުންނާ ގުޅޭ ކަންކަމުގައި ފަހި ގޮތްތަކެއް އެކަށައެޅުމަށް ވަގުތު ދިނުމުގެ ގޮތުން، އެ އޮފީހުގެ މުއްދަތު އިތުރު ހަ މަސް ދުވަހަށް އިތުރު ކޮށްދިނުމަށް ވަނީ އެދިފައެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު 17 ނޮވެންބަރު 2023 ގެ ނިޔަލަށް ރައީސް ޞާލިޙް އިތުރުކުރެއްވިއިރު، އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގައި ތިއްބެވީ 3 ބޭފުޅެކެވެ.

  • އަލްއުސްތާޛު ޢަބްދުއްސަލާމް ޢާރިފް، އީޓުޖެހިގެ/ ނ. މާފަރު (ޗީފް އޮމްބަޑްސްޕަރސަން)
  • އަލްއުސްތާޛާ ޖިހާދާ އަނީސް، ބްލޫރޯޒް/ ގއ. ކަނޑުހުޅުދޫ (އޮމްބަޑްސްފަރސަން)
  • އަލްއުސްތާޛު މުޞްޠަފާ ޙަމީދު، ކަނީރުމާގެ/ރ.އަނގޮޅިތީމު (އޮމްބަޑްސްފަރސަން)

އިންތިޤާލީ އިންސާފުގެ ޤާނޫނަކީ، 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި، ތަޙްޤީޤުކޮށް، ޙަޤީޤަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ޤާނޫނެއް ކަމަށް ބަޔާންކޮށްފައިވެއެވެ.

އެ ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި ޢަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ޙައްޤެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާނަމަ، އެ ޢަމަލުތަކަށް ޒިންމާވާ ފަރާތްތައް މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖަވާބުދާރީކުރުވައި، އެފަރާތްތަކުގެ ޢަމަލުތަކުގެ ސަބަބުން އަނިޔާ ލިބުނު ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތަކުގެ ޒަރީއާއިން އިންސާފު ހޯދައިދިނުމާއެކު، ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ނުވާނެކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، ޤާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކުރުން ހިމެނެއެވެ.

އެ އޮފީހުގެ މުއްދަތު ހަމަވުމުން، އެ އޮފީހާމެދު އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަމަލުކުރައްވާނެ ގޮތެއް، މިހާތަނަށް އިންތިޚާބީ ރައީސްގެ އޮފީހުން ހާމަކުރައްވާފައެއް ނުވެއެވެ.

އެހެންނަމަވެސް، އަންނަ އަހަަރަށް ލަފާކުރާ ބަޖެޓުގައި ދައުލަތުުގެ އޮފީސްތަކަށާއި މުއައްސަސާތަކަށް ދޭން ނިންމާފައިވާ ބަޖެޓުގެ ތަފްސީލު ހިމަނާފައި އޮތް ނަމަވެސް އިންތިޤާލީ އިންސާފުގެ އޮފީހުގެ ނަމެއް ބަޖެޓު ފޮތުން ފެންނާކަށްނެތެވެ.

އެ އޮފީހުގެ މަަސައްކަތާ ދޭތެރޭ ގިނަ ބަޔަކު ސުވާލު އުފައްދަމުންދާއިރު، އެ އޮފީސް އުފެއްދުމުންވެސް ގިނަ ބަޔަކު ފާޑުކިޔާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު