12 ފެބުރުވަރީ 2025

ފަހު ނޭވާއާ ޖެހެންދެން، ވެފައިވާ ވަޢުދުގެ މަތީގައި ޣައްޒާއަށްޓަކައި ޣައްސާން

އިނގިރޭސި ވިލާތަށް ނިސްބަތްވާ ޑޮކްޓަރ ޣައްސާން އަބޫ ސިއްތާ ޤަބޫލުކުރާ ގޮތުގައި ޣައްޒާއަކީ ބިރުވެރިކަމުން ފުރިގެންވާ، ހަނގުރާމައިގެ ހާއްޔެކެވެ. ވެރިވެފައިވަނީ ނާމާންކަމާއި ބިރުވެރިކަމެވެ. ވޭނީ ކެކުޅުންތަކެވެ.

މިއީ އޭނާގެ ވާހަކައެވެ.

އިސްރާއީލުން ޙަމާލާތައް އަމާޒުކުރަމުންދަނީ އެމްބިއުލާންސްތަކަށެވެ. ޒަޚަމުވާ ފަރާތްތައް ސަލާމަތް ވިޔަ ނުދިނުމަށްޓަކައެވެ.

ދުއްވާއެއްޗަކަށް އަޅާނެ ޕެޓްރޯލެއް ނެތެވެ. މަގުތަކުގައި ވަނީ ބޮމެވެ. ބޮމުގެ އަޑުފައްގަނޑެވެ. ދިރިއުޅުމުގެ ކަމަކާ ވިސްނާލުމުގެ ޖާގައެއް ނެތެވެ. ފުރުޞަތެއް ނެތެވެ. އަދި ހިތްވަރެއްވެސް ނެތެވެ. ޣައްޒާއަކީ ސަހަރާއެއް ފަދަ ތަނެކެވެ. ފެންނަނީ ފަނާވަމުންދާ މަންޒަރެވެ.

ލޯބިވާ މީހުން ދުނިޔެ ދޫކުރަމުންދަނީއެވެ. ހަށިތައް ފިހެމުންދަނީއެވެ. ދުވަނީ ހަށިތައް ފިހެމުންދާ ވަހެވެ. ވިރިކެކޭ ހޫނު އަލިފާނުގެ ކިލަނބުކަން ވަށާލެވިފައިވާ ޣައްޒާ ބަނަކޮށްފައިވަނީ ކަޅު ދުންތަކުންނެވެ. ބޮންތަކުގެ ދުމާއި، އަޅިޔާއި ހިރަފުހުންނެެވެ.

އަލްޝިފާ ހޮސްޕިޓަލަކީ ޣައްޒާގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލެވެ. އެތަނުން ފެންނަނީ ވޭނުން ފުރިގެންވާ ކެކުޅުންތަކެވެ. ރުއިމާއި ގިސްލުމުގެ އަޑެވެ. ފަރުވާ ދިނުމަށް ނުކުޅެދިއްޖެއެވެ. ހޮސްޕިޓަލު ފުރިއްޖެއެވެ. ހޮސްޕިޓަލު ކުއްލި ނުރައްކަލަކަށް ހުށަހެޅިއްޖެއެވެ. އިވެނީ އެތަނަށްވެސް ބޮން އަޅަން އުޅޭ ކަމުގެ ޚަބަރުތަކެވެ.

"ޣައްޒާގެ ވަޒަންވެރިންނަށް އޮތީ ދެ ގޮތެކެވެ. މަރުވުން ނުވަތަ ދިރިހުރުމެވެ." ޣައްސާން ބުނެފައިވެއެވެ.

ހޮސްޕިޓަލުގެ ކޮރިޑޯއިން ވެސް ފެންނަނީ އޮހެރެމުންދާ ލެއެވެ. ލެއިން ތަތްތެޅިފައިވާ ހަށިތަކެވެ. ހޮސްޕިޓަލުގެ ބޭރުން ފެންނަނީ ފުރާނަ ނެތް މަސްގަނޑުތަކެވެ. ކޮތަޅުތަކަށް ލާ ބަނދުކޮށްފައިވާ ދިިރުމެއް ނެތް ހަށިތަކެވެ. އެއްވަސް ވެފައިވަނީ މަރުވެފައިވާ ހަށިތަކުގެ ވަހުންނެވެ.

ކަރަންޓް ކެނޑެނީއެވެ. ވިހަން ތައްޔާރުވެފައިވާ ނާޒުކު ޙާލަތުގައި ތިބި 130 މާ ބާނޑު އަންހެނުންނަށް ހެދޭނެ ގޮތެއް ނެތެވެ. އެނދެއް ނެތެވެ. ވިއްސަން ވައްދާނެ ކޮޓަރިއެއް ނެތެވެ. އިވެނީ ކެކުޅުންތަކަށް ޝިފާއެއް ލިބޭތޯ ޤުރުއާން ކިޔަވަމުންދާ އަޑެވެ.

މިހިތްދަތިކަމުގެ ތެރޭގައިވެސް ޑރ. ޣައްސާންގެ ޢަޒުމަށް ގުޑުމެއް ނާދެއެވެ. އޭނާ ހުރީ ސާބިތުކަން މަތީގައެވެ. ފަހު ނޭވާއާ ޖެހެންދެން، އޭނާ ހުރީ ވަޢުދުގެ މަތީގައި ޣައްޒާއަށްޓަކައެވެ.

ހައްދުފަހަނައަޅާފައިވާ ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ބައިވެރިވުމުގެ ގޮތުން 320 މިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ހަތިޔާރު ޔަހޫދީންނަށް ފޯރުކޮށްދޭން އެމެރިކާއިން ނިންމާފައިވާ ކަން ހާމަވެއްޖެއެވެ. މި ކަން ފުރަތަމަ ރިޕޯޓު ކޮށްފައިވެއެވެ. އެމެރިކާއިން ޔަހޫދީންނަށް ފޯރުކޮށްދޭން ނިންމާފައިވާ ހަތިޔާރުގެ ތެރޭގައި 'ހައި-ޕްރިސިޝަން' ބޮމާއި މިސައިލް ފަދަ ހަތިޔާރު ހިމެނެއެވެ.

އެމެރިކާއިން ޔަހޫދީންނަށް އިތުރު ހަތިޔާރު ފޯރުކޮށްދޭން ނިންމާފައިވާއިރު، އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 10,328 އަރާފައެވެ. އޭގެ ތެރޭގައި 4,000 އަށްވުރެ ގިނަ ޢަދަދެއްގެ މައުސޫމު ކުޑަކުދިން ހިމެނޭއިރު، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 24,000 އަށްވުރެ އިތުރުވެފައެވެ.

ނިރުބަވެރި ޔަހޫދީން ޣައްޒާއަށް ބޮން އަޅަމުން މި ދަނީ އެމެރިކާގެ ރުހުމާއި، ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައި ކަން މުޅި ދުނިޔެ ވެސް ދަނެއެވެ. ހަތިޔާރު ފޯރުކޮށްދިނުމުގެ އިތުރުން އެމެރިކާއިން ދަނީ ޣައްޒާގެ ގަތުލުއާންމު ހުއްޓުވަން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އަޅަމުންނެވެ. ގަތުލުއާންމު ހުއްޓުވަން އ.ދގެ ސަލާމަތީ މަޖިލީހުން ކުރަމުންދާ މަސައްކަތްތަކަށް ވެސް ހުރަސް އަޅާފައި ވަނީ އެމެރިކާއިންނެވެ

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު