Saturday, 13 April 2024

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަޑު އިއްވުމަށް، މުބީން މަޖިލީހަށް ވާދަކުރައްވަނީ

ދާއިރާގެ ރައްޔިތުންގެ އަޑާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަޑު މަޖިލީހުގައި އިއްވުމަށް، މުޙައްމަދު މުބީން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށް ނިންމަވައިފިއެވެ.

އޭނާ ރައްްޔިތުންގެ މަޖިލީހަށް ނިކުންނަވަން ނިންމަވާފައިވަނީ ޕީޕީއެމް ޕީއެންސީ ޓިކެޓުގައެވެ.

މުބީން އެކްސްގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ބުނުއްވާފައިވަނީ، އޭނާ މަޖިލީހަށް ކުރިމަތިލައްވަން ނިންމެވީ، ދާއިރާގެ ރައްޔިތުންގެ އަޑާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަޑު މަޖިލީހުގައި އިއްވުމަށް ކަމަށެވެ.

"ރައްޔިތުންގެ މަޖިލިސް ގަލޮޅުއުތުރު ދާއިރާގެ ގޮނޑިއަށް ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރުމަށް އަޅުގަނޑު މުޙައްމަދު މުބީން ނިންމައިފީމެވެ." މުުބީން ބުނުއްވިއެވެ.

އަދި އޭނާވަނީ، މިމަސައްކަތުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ އެންމެހާ ފަރާތްތަކުން އެކަން އޭނާއާ ހިއްސާކުރެއްވުމަށް އެދި ލައްވާފައެވެ.

"މިމަސައްކަތުގައި އަޅުގަނޑާއެކު ބައިވެރިވެލައްވަން ބޭނުންފުޅުވާ އެންމެހާ ފަރާތްތަކުން އެކަން އަޅުގަނޑާއި ހިއްސާކުރެއްވުމަކީ ލިބޭނެ ވަރަށް ބޮޑު އެހީތެރިކަމެކެވެ." މުބީން ބުނުއްވިއެވެ.

މުބީންއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުގައި މަސައްކަތްކުރަމުންދާ ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު އިސް ދައުރެއް އަދާކުރައްވަމުން ގެންދަވައި، އަދި އެފަރާތްތަކާ ގާތްގުޅުމެއް ބާއްވަވަމުން ގެންދަވާ ޙަރަކާތްތެރި ޒުވާނެކެވެ.

ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލުކުރައްވާފައިވާ މުބީން ވަނީ ޔޫތު ކައުންސިލުގެ މެންބަރުކަމާއި، ޖަމްޢިއްޔާތަކާ ގުޅޭގޮތުން ޖަމްޢިއްޔާތަކުގެ ރަޖިސްޓްރާއަށް ލަފާދޭ ކޮމެޓީގެ މެންބަރުންކަންވެސް ކުރައްވާފައެވެ.

މުބީންއަކީ ކުޅިވަރުގެ ދާއިރާގައިވެސް ޙަރަކާތްތެރިވަމުން އަންނަ ޒުވާނެކެވެ. އެގޮތުން އޭނާވަނީ ރާއްޖޭގެ ޕެރަލިމްޕިކް ކޮމިޓީގެ މަޤާމުތައް ފުރުއްވައި، ބައިނަލްއަޤްވާމީ އެކި އެކި މުބާރާތްތަކާއި ގޭމްސްތަކުގެ އޮފިޝަލުކަން، ޕެރަލިމްޕިކް ކޮމިޓީގެ ފަރާތުން ކުރައްވާފައެވެ. އަދި އޭނާވަނީ ޕެރާ އެތުލީޓެއްގެ ގޮތުގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ މުބާރާތްތަކުގައިވެސް ވާދަކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ތީހަމަ އެއްމެ ރަނގަޅުކަމެއް ކުރިމަތިލާ ވަކިބަޔަކު އެކަނިކުރިމަތިލާން ޖެހޭތަނެއްނޫން މަޖިލީހަކީ މުބީނުއައް ކާމިޔާބީއައް އެދެން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *