ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ޣައްޒާގެ ކުށެއް ނެތް ރައްޔިތުން ޝަހީދުކޮށް އަނިޔާކުރަމުންދާއިރު، ބައެއް ޤައުމުތަކުން ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައި، "މާދަން މަރުވާނެ މީހަކަށް މިއަދު ކާން ދިނުމަކީ ބޭނުން ހުރިކަމެއްތޯ" ވިދާޅުވެ، ފަލަސްތީނުގެ ބޮޑުވަޒީރު މުހަންމަދު ޝްތާޔޭ ސުވާލު އުފައްދަވައިފިއެވެ.
އޭނާ މިގޮތަށް ސުވާލު އުފެއްދީ ބައިނަލްއަޤްވާމީ މުޖުތަމައަށް ފަލަސްތީނުގެ ރައްޔިތުން އުޅެމުންދާ ނިކަމެތި ހާލު އަންގައި ދިނުމުގެ ގޮތުންނެވެ
ޝްތާޔޭ މިގޮތަށް ވިދާޅުވީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމާ ބެހޭގޮތުން ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ބޭއްވި ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސަހްޔޫނީ އިސްރާއީލުން ހަމާސްއާ ދެކޮޅަށް ހިންގަމުންދާ އުދުވާން 7 އޮކްޓޫބަރުގައި ފެށުނު ފަހުން، ދެ ފަރާތުން ވެސް ހަނގުރާމައިގެ ކުށްތަކަށް އަރައިގެންފައިވާ ކަމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރު ވޮލްކޯ ޓާކް ވަނީ އިއްޔެ ވިދާޅުވެފައެވެ. އޭނާ މިހެން ވިދާޅުވެފައިވާ ވިދާޅުމަށް ބިނާކުރައްވައި، ޝްތާޔޭ ވިދާޅުވީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކުރިން ހަނގުރާމަ ނިންމާލަން ޖެހޭ ކަމަށެވެ.
"މާދަން މަރުވާނެ މީހަކަށް މިއަދު ކާން ދިނުމަކީ ބޭނުމެއް އޮތް ކަމެއް ހެއްޔެވެ؟" އޭނާ ސުވާލު ކުރެއްވިއެވެ.
ފަލަސްތީނުގެ ބޮޑުވަޒީރު ވިދާޅުވީ، ފަލަސްތީނުގެ ހިތާމަތަކަށް 75 އަހަރު ވެފައިވާ ކަމަށާއި އެ ހިތާމަތައް ފެށުނީ 7 އޮކްޓޯބަރުގައި ނޫން ކަމަށާއި، އިސްރާއިލަކީ ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ބައެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
"މިތަނުގައި އަހަރެމެންނަކީ އަނިޔާ ލިބެމުންދާ މީހުން … އަމިއްލަ ދިފާއުއޭ ބުންޏަސް އެއީ އެހެން ބައެއްގެ ބިންތަކަށް ވެރިވެގަތުމެއް ނޫން،" އޭނާ ވިދާޅުވިއެވެ.
އިސްރާއީލުން ހަނގުރާމަ ކުރަމުން ދަނީ ހަމާސް އަކާ ނޫން ކަމަށާއި ފަލަސްތީނުގެ ހުރިހާ ރައްޔިތުންނާ ކަމަށް ޝްތާޔޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިޒްރޭލުން ކަނޑައެޅިގެން ބައިނަލްއަޤްވާމީ އިންސާނިއްޔަތާ ބެހޭ ޤާނޫނުތަކާ ހިލާފު ވެފައި ވާކަމަށާއި ޖަރީމާތައް ހިންގަމުންދަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ނުވަތަ ކުށެއް ނެތް ބަޔަކާ ދެކޮޅަށް ކަމަށެވެ.
މީގެއިތުރުން، ޓެރަރިސްޓް އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން ކާބޯތަކެތި ހުސްވުމާއި، އިސްރާއީލުގައި މަސައްކަތް ކުރަމުންދާ ޣައްޒާގެ ރައްޔިތުން ވަޒީފާތަކުން ކަނޑަމުންދާ މައްސަލަ ފާހަގަކުރެއްވިއެވެ.