Monday, 14 October 2024

ކޮންމެ ދުވަހަކު ހަތަރު ގަޑިއިރަށް ޣައްޒާ ސިޓީގެ އުތުރަށް ދެމުންދާ ހަމަލާތައް މެދުކަނޑައިލަނީ

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގެ ތެރެއިން އެ ސިޓީގެ އުތުރަށް ދެމުންދާ ހަމަލާތައް ކޮންމެ ދުވަހަކު ވެސް ހަތަރު ގަޑިއިރަށް މެދުކަނޑައިލަން ޔަހޫދީން އެއްބަސްވެފައިވާ ކަން އެމެރިކާއިން ހާމަކޮށްފިއެވެ.

އެމެރިކާއިން މިކަން ހާމަކުރައްވާފައިވަނީ، ވައިޓް ހައުސްގެ ޤައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ ތަރުޖަމާނު ޖޯން ކަރބީއެވެ.

އޭނާ ވިދާޅުވީ، ޔަހޫދީންގެ ހަމަލަތައް ހަތަރު ގަޑިއިރަށް ހުއްޓައިލުމަކީ ރަނގަޅު ނިންމުމެއް ކަމުގައެވެ. ޔަހޫދީން މި ކަމަށް އެއްބަސްވެފައި ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަނާއި ޒަޔަނިސްޓު އިސްރާޢީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެމެދު ކުރި މަޝްވަރާތަކަކަށް ފަހުގައެވެ. ޔަހޫދީން އެއްބަސްވެފައި ވަނީ، ޣައްޒާގެ އުތުރުގައިވާ ސަރަޙައްދުތަކަށް ދެމުންދާ ހަމަލަތައް ވަގުތީ ގޮތުން މެދުކަނޑައިލާށެވެ.

ޣައްޒާގެ އުތުރަށް ދޭ ހަމަލަތައް ކޮންމެ ދުވަހަކު ވެސް ހަތަރު ގަޑިއިރަށް މެދުކަނޑައިލުމުން، އެ ސަރަޙައްދުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ޣައްޒާގެ ދެކުނަށް ދަތުރު ކުރުމުގެ ފުރުޞަތު ލިބޭނެ ކަމަށް ފާހަގަކުރައްވަމުން ޣައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަނެއްހާ މީހުންނަށް އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދެވޭނެ ކަމަށާއި، ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރަން މަގުފަހިވެގެން ދާނެ ކަމުގައި ކަރބީ ވިދާޅުވިއެވެ.

ކުޑަ ވަގުތު ކޮޅަކަށް ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކަށް ހަމަލަ ދިނުން މެދުކެނޑައިލި ނަމަވެސް، ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމު ހުއްޓައިލަން ޔަހޫދީން އެއްބަސްވެފައި ނުވާ ކަމަށާއި، މުސްލިމުން ޝަހީދު ކުރުން ހުއްޓައިލުމަކީ ޙަމާސް ޖަމާޢަތަށް ލިބޭނެ ކުރިއެރުމެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ޣައްޒާއަށް ދެމުންދާ ހަމަލަތައް ކޮންމެ ދުވަހަކު ވެސް ކުޑަ ވަގުތު ކޮޅަކަށް މެދުކަނޑައިލަން ޔަހޫދީން އެއްބަސްވެފައި މި ވަނީ، އޮކްޓޫބަރު 7 ގައި ފެށި ގަތުލުއާންމަށް މަހެއް ފުރުނު ފަހުންނެވެ.

އަނިޔާވެރި ޔަހޫދީން މި ކަމަށް އެއްބަސްވެފައިވާއިރު، އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 10,812 އަށް އުފުލިފައެވެ. އޭގެ ތެރޭގައި 4,300 އަށްވުރެ ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނޭއިރު، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 24,000 އަށް އުފުލިފައެވެ.

ޔަހޫދީން ޣައްޒާގައި ގަތުލުއާންމު ހިންގަމުން ދަނީ އެމެރިކާގެ ރުހުމާއި، ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުމާ އެކުގައި ކަމެވެ. މުސްލިމުންގެ ގެދޮރާއި ހޮސްޕިޓަލްތަކަށް އަޅަމުންދާ ބޮންތަކާއި މިސައިލްތަކަކީ އެމެރިކާއިން ފޯރުކޮށްދީފައިވާ ހަތިޔާރު ކަމެވެ. ޔަހޫދީންނަށް 320 މިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ބޮންތަކެއް ފޮނުވަން އެމެރިކާއިން ދާދިފަހުން ނިންމާފައިވާ ކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ.

ޣައްޒާގައި ރައްކާތެރި ކަމަށް ބުނެވޭނެ އެންމެ ޢިމާރާތެއް ވެސް ނެތް ކަމެވެ. އަދި، ޢާންމު ރައްޔިތުން ދިރިއުޅޭ ހުރިހާ ޢިމާރާތަކަށް ޔަހުދީން ހަމަލަ ދެމުންދާ ކަމެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކާއި ސްކޫލްތައް ވެސް ހިމެނެއެވެ. ޔަހޫދީންގެ ޙަމަލަތަކުން ސަލާމަތް ވާން ޣައްޒާގެ ދެކުނަށް ދަތުރުކުރާ މީހުންނަށް ވެސް ޔަހޫދީން ދަނީ ހަމަލަ ދެމުންނެވެ.

ސިނާޢީ ގޮތުން އެންމެ ކުރިއަރާފައިވާ ހަތް ޤައުމުގެ މައްޗަށް އެކުލެވިގެންވާ 'ގްރޫޕް އޮފް ސެވަން' (ޖީ7)ން ވަނީ، ޔަހޫދީންގެ މިނިވަންކަން ދިފާޢު ކުރުމުގެ ނަމުގައި ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމެއް ހިންގައި އެތަކެއް ހާސް މުސްލިމުންނެއް ޝަހީދު ކޮށްލުމަކީ ޔަހޫދީންނަށް ލިބިގެންވާ ހައްޤެއް ކަމުގައި ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު