އިންސާނާގެ ހެޔޮކަމުގެ ނާރެހަކީ ހިތް: ޚުތުބާ

އިންސާނާގެ ހެޔޮކަމުގެ ނާރެހަކީ ހިތް ކަމަށާއި، އިންސާނާގެ ހިތް ގައުވިޔަ ނުދިނުމަށްޓަކައި އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ﷲ ހަނދުމަކުރުންމަތީ ދެމިހުރު ކަމަށް ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.
"ސަލާމަތްވެގެންވާ ހިތް" މި މަޢުޟޫއަށް ހާއްސަކޮށްގެން މިއަދު ދިން ހުތުބާގައި ވިދާޅުވި ގޮތުގައި އިންސާނާއަށް ޖަޒާ ލިބުން އޮތީ ހިތުގެ ރަނގަޅުކަމާއި ނުބައިކަމުގެ މައްޗަށެވެ. އަދި އިންސާނާގެ ހެޔޮކަމުގެ ނާރެހަކީ ހިތް ކަމުގައެވެ.
އިންސާނާއަށް ގިޔާމަތްދުވަހުން ސަލާމަތްކަމާއި، އަމާންކަން ލިބޭނީ ހިތް ރަނގަޅު ކުރެވުނު މިންވަރަކުން ކަމަށެވެ. އެގޮތުން އީމާންކަމުން ފުރިގެންވާ ހިތަކަށް މެނުވީ ދުނިޔޭގައި ރަނގަޅު ހަޔާތެއް ނުލިބޭނެ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.
"ކުފުރާއި، ފާސިގުކަމުން ފުރިފައިވާ ހިތުގެ ވެރިޔާއަށް ލިބޭނީ ﷲ ގެ ކޯފާއާއި މީސްތަކުންގެ ރުޅިވެރިކަން،" ހުތުބާގައި ވިދާޅުވިއެވެ.
ހުތުބާގައި ވިދާޅުވީ، އިންސާނާގެ ހިތް އިސްލާހު ކުރަންވާނީ އެނާގެ ދުނިޔެއާއި އާހިރަތް ރަނގަޅު ކޮށްދޭނެ މަންހަޖާ އެއްގޮތަށެވެ.
ހުތުބާގައި ވިދާޅުވި ގޮތުގައި، ގޮތުގައި، ފިތުނަ ފަސާދައިން ހިތް ހިމާޔަތްކޮށް ރައްކާތެރި ކުރުމަށާއި، ﷲ އަށް އުރެދުމުން ހިތް ރައްކާތެރިކުރުމަށާއި، ތެދުމަގުގައި ހިތް ދެމެހެއްޓުމަށެވެ. އަދި ދުނިޔެއަކީ އާހިރަތަށްޓަކައި މާތް ﷲ ލައްވާފައިވާ ވަސީލަތެއް ކަމަށް ދެކި، ދުނިޔެއަށް ހެއްލުންތެރި ނުވުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.
ތިބާގެ ހިތަކީ ސަލާމަތްވެގެންވާ އެއްޗަކަށް ހެދޭނީ، ހިތް ޝިރުކުން ތާހިރުކޮށްގެންނާއި، ބިދުއަތަކުން ސަލާމަތްކޮށްގެންނާއި، އަފްލަތްތެރިކަމުން ސަލާމަތްކޮށްގެންނާއި، ޝަހްވަތްތަކާ ދުރުހެލި ކޮށްގެންނާއި، އިހްލާސްތެރިކަން ނައްތާލައި ހަވާނަފްސުން ސަލާމަތްކޮށްގެން ކަމަށް ބުނެ، އެކަންކަމުން ދުރުހެލިވުމަށް ހުތުބާގައި ވަނީ ގޮވާލައްވާފައެވެ.
"އީމާންކަމުން ބަބުޅާ ހިތްތަކަކީ މި ބިންމަތީގައި ނަސީބުވެރީންނެވެ. އެއީ އާހިރަތުގެ ބާއްޖަވެރީންނެވެ. އެމީހުންނަކީ އިސްލާމްދީން ތަމްސީލުކުރާ ހެޔޮ ނަމޫނާތަކެވެ،" ހުތުބާގައި ބުނެފައިވެ އެވެ.
އެހެންކަމުން ކޮންމެ އިންސާނަކު ވެސް އޭނާގެ ހިތް ރަނގަޅުކޮށް، އިސްލާހު ކުރުމަށާއި، ހެޔޮ އަމަލުކުރުންމަތީ ދެމިހުރުމަށް މަސައްކަތް ކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
ހުތުބާގައި ވިދާޅުވި ގޮތުގައި ހިތް ގައުވިޔަ ނުދިނުމަށްޓަކައި ހިތަށް ދޭންޖެހޭ އެންމެ ފުރިހަމަ ފަރުވާއަކީ ﷲ ހަނދުމަކުރުންމަތީ ދެމިހުރުމެވެ. އަދި ﷲ އަށް ތަކްބީރު، ތަހްމީދު، އަދި ތަސްބީހަ ކިޔުންފަދަ އަމަލުތައް ގިނަ ކުރުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު