މިއަދަކީ މިއަހަރުގެ ޖުމްހޫރީ ދުވަހެވެ. ނޮވެންބަރު އެގާރައެވެ. ތާރީޚީ ޞަފްޙާތަކަށް ކަޅިއެއް އެއްލާލާމުން އެނގެނީ، "އިސްތިޢުފާ" ދިނުމަކީ ވެރިކަމުގެ މިސްރާބަށް ބޮޑު ބަދަލެއް އަންނަ ކަމެއް ކަމެވެ. މީލާދީން 1943 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު، ރާއްޖޭގައި އޭރު ހުންނެވި ރަދުން އައްސުލްޠާން ޙަސަން ނޫރައްދީނާއި ބޮޑުވަޒީރު އަލްއަމީރު މުޙަންމަދު ފަރީދު ދީދީ އާއި ދެބޭފުޅުން އެއްފަހަރާ އިސްތަޢުފާ ދެއްވިއެވެ. މި އާދަޔާ ޚިލާފު ސިޔާސީ އޮއިވަރު އެނބުރުމާއެކު، ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް އާދަޔާ ޚިލާފު ބަދަލުތަކެއް އަންނަން ފެށިއެވެ.
ވެރިކަމުގެ ކޮއިލުގެ ޞަފުޙާތަކުން އަންގައިދިން އެންމެ މުހިއްމު ހިނދުކޮޅުތަކުން، އެކިފަހަރު އެކިގޮތަށް އިވެމުންދިޔަ އަޑުތަކެއްގެ ތެރެއިން ރާއްޖޭގެ އެންމެމަތީވަލީ، މަތީ ދަރަޖައިގެ ބޭފުޅުންކޮޅެއްގެ އިސްތަށިފުޅުގައި އެޅިގެން ދިޔަތަންވެސް ފެނިގެން ދިޔައެވެ. ވެރިކަމުގެ ބާރުތައް އޮތީ އެކެއްގެ އަތްމައްޗަކު ނޫނެވެ. ތަޚުތު ހުރީ ފަޅަށެވެ. މިއީ "ޔޯލަ" ވާހަކައެއް ނޫނެވެ. ޙަޤީޤީ ސިޔާސީ ފެންޑާއިން ވާރުތަވެފައިވާ ހާދިސާއެކެވެ. ނަމަވެސް އެނގިގެން ދިޔަ ކަމަކީ، މާގިނަދުވަސްތަކެއްނުވެ ސުމުއްވުލްއަމީރު އަލްޙާއްޖަ ޢަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނަށް ދިވެހިރާއްޖޭގެ ރަސްކަން ނުހަނު ލޯތްބާއި އިޚްތިރާމާއެކު ދިވެހީން އެރުވި ކަމެވެ. މިކަން ހިނގާފައިވަނީ މީލާދީ ތާރީޚުން 11 އޭޕްރީލް 1943 ގައެވެ. މުޅިން ތަފާތު ގޮތަކަށެވެ. ރަސްކަން ޙަވާލުކުރެވުނީ އެމަނިކުފާނު ރާއްޖެއިން ބޭރުގައިި ހުންނަވަނިކޮށެވެ. ކޮންމެ އަކަސް، އޭރު އެމަނިކުފާނު ހުންނެވީ ރާއްޖެއިން ބޭރުގައި ކަމުން ޤާނޫނީ ގޮތުން ރަސްކަމާ ހަވާލުވެ ވަޑައިގަތުމުގެ ކަންތައްތައް ހަމަނުޖެހި ގިނަދުވަސްތަކެއް ވިކަން ތާރީޚީ ޞަފްޙާތަކުން ޞަރީޙަކޮށް އަންގައިދެއެވެ.
ތަޚުތު ހުރީ ހުހަށެވެ. ތަޚުތު ހުހަށް ހުންނަތާ ގިނަދުވަސްވާން ފެށުމުން ރާއްޖޭގެ ވެރިކަން ހަމަޖައްސާނެ ގޮތަކާމެދު ގޮތެއް ނިންމުގެ މަސައްކަތްތަކެއް ފެށުނެވެ. ނަތީޖާއަކަށްވީ ގިނަ ބައްދަލުވުންތަކާއި ސައްލާތަކަކަށްފަހު، ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ކޮންމެގޮތަކަށް އޮތްކަމުގައިވިޔަސް ޤައުމުގެ އެންމެމަތީ ވެރިއެއްގެ މަޤާމުގައި ހުންނެވުމަށް ދިވެހީން އެދެނީ އަލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު ކަމުގައި ކަނޑައެޅުމެވެ.
އެހެނީ، ރަސްކަލެއްގެ މަޤާމު ފުރުއްވާކަށް މުޙަންމަދު އަމީން ބޭނުންފުޅެއް ނުވެއެވެ. ރާއްޖޭގެ ދާޚިލިއްޔާއާއި ޚާރިޖިއްޔާގެ ހާލު ހުރިގޮތުންނެވެ. ސަރީހަ ޢިބާރާތަކުން ދަންނަވާނަމަ ދިވެހި ދަރިންނަށްޓަކައި ސިލޯނުގަޔާއި، އަދިވެސް ބޭރުގެ އެތަންމިތާގައި މުޙަންމަދު އަމީން ކުރައްވާ ޚިދުމަތްތަކުން ދިވެހި ޤައުމު މަޙުރޫމް ކުރެއްވުމަކީ، އެމަނިކުފާނުގެ ބަހުރުވައިންނަމަ، ޤައުމުގެ "ޙުއްބުލްވަޠަންގެ" ޙައްޤުގައި ކުރައްވަން ހެޔޮނުވާނެ ކަމެއްކަމުގައި އެމަނިކުފާނަށް ފެނިވަޑައިގެންނެވުމެވެ.
އެހާ ހިސާބުން އަނެއްކާވެސް ސިޔާސީ އޮއިވަރަށް އަނެއްވާވެސް ބަދަލުތަކެއް އަންނާން ފެށިއެވެ. އެންމެފަހުން ރާއްޖޭގެ ވެރިކަން އޮންނާނެ އުޞޫލެއްގެ ބަހުސް ސިޔާސީ ތިލަފަތުން ކިރަން ފެށިއްޖެއެވެ. މިނިވަން ޚިޔާލުތައް ތިލަވާން ފަށައިފިއެވެ. މިގޮތުން ފާޅުކަން ބޮޑު ބަހުސްތަކާއި މަޝްވަރާތަކަށްފަހު އެންމެފަހުން ނިންމެވީ ދިވެހިރާއްޖެ ޖުމްހޫރިއްޔާއަކަށް ހެދުމަށް، ޙުއްބުލްވަޠަންގެ ޙައްޤުގައި ޟަރޫރަތްތެރިކަން މަޖުބޫރުކޮށްފި ކަމުގައެވެ.
ޙުއްބުލްވަޠަންގެ މިސްރާބު މުޅިން ބަދަލުވެގެން ދިޔައީ ދިވެހީންގެ ބޭނުންވި ޙަޤީޤީ ސިޔާސީ އޮށް އިންދޭނެ މަގަށެވެ. މިގޮތުގެމަތިން އުފެދިގެން އައި ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ދުނިޔޭގެ އަލިކަން ދުށީ 1 ޖެނުއަރީ 1953 ގައެވެ.
ނަމަވެސް ޤައުމަށް ދިމާވީ ދެރަގޮތެކެވެ. ޙުއްބުލްވަޠަންގެ ދަރިން ޤައުމާމެދު ކުރި އުއްމީދު ވެއްޔާ މޮޑެވުނެވެ. ޚުޠޫރަތްތެރި ހިނދުކޮޅަކާ ޤައުމު ކުރިމަތިލާންޖެހުނެވެ. މި ޖުމްހޫރީ ދެމިއޮތީ 7 މަހާއި ދުވަސްކޮޅަކުއެވެ. އަނެއްކާވެސް ރަސްކަމަކަށް ބަދަލުވެއްޖެއެވެ. އެއީ 7 މާޗް 1954 ގައެވެ. މިފަހަރު ރަސްކަމަށް އިސްކުރެވުނީ އައްސުލްޠާން މުޙަންމަދު ފަރީދުލްއައްވަލް އެވެ. މުޙަންމަދު ފަރީދުގެ ރަސްކަން 1968 ވަނަ އަހަރާ ހަމައަށް ދެމިއޮތުމަށްފަހު ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ޤާއިމް ކުރެވުނެވެ. އެއީ މީލާދީ ސަނަތުން 11 ނޮވެމްބަރ 1968 ގައެވެ. ރައީސަކަށް އިންތިޚާބު ކުރެވުނީ އަލްފާޟިލް އިބްރާހީމް ނާޞިރެވެ.
އެގޮތުގެމަތިން، ދިވެހިރާއްޖޭ ޖުމްހޫރީ ދުވަސް ފާހަގަ ކުރެވެމުންމިދަނީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ.