ބ. އަތޮޅު ނެލިވަރާއި ހުރާފަރަކީ ހިމާޔަަތްކޮށްފައިވާ ސަރަހައްދެއް ގޮތުގައި ތިމާވެއްޓާބެހޭ ވުޒާރާއިން ނިންމައިފިއެވެ.
އެ ވުޒާރާއިން ވަނީ ނެލިވަރާއި ހުރާވަރަކީ ހިމާޔާތްކުރެވިފައިވާ ދެ ފިނޮޅުކަމަށް ކަނޑައަޅައި ދެ އިއުލާނެއް ގެޒެޓުކޮށްފައެވެ.
އެ ވުޒާރާގެ އިޢުލާނުގައި ވަނީ، ބ. އަތޮޅަކީ ދުނިޔޭގެ ފެންވަރުގައި އެންމަޑީގެ އެންމެ ބޮޑު އާބާދީއެއް އުޅޭ ތަނަށް ވުމުން އެ ދެ ފިނޮޅު ހިމާޔަތްކުރީ އެ ތަކެތި އާލާކޮށް ދިރުމުގެ މަޤްސަދުގައި ކަމަށެވެ.
ނެލިވަރު ސަރަހައްދަކީ ބ. ކުންފުނަދޫ އުތުރަށް އޮންނަ އެންމަޑި އެއްވާ ސަރަހައްދެކެވެ. މި ފިނޮޅު އޮންނަ ސަރަހައްދަކީ ރެކޯޑް އަދަދަކަށް ޕްލާންކްޓަންސް އާއި އެންމަޑި އެއްވާ ސަަރަހައްދެކެވެ.
މި ދެސަރަޙައްދު ހިމާޔަތްކޮށްފައިވާއިރު، މީގެ ކުރިން 2020 ވަނަ އަހަރުގެ ނިޔަލަށް 119 ފަހަރު 105 އެންމަޑި މި ސަރަހައްދުން ފެނިފައިވާއިރު، އެއީ އެންމަޑި އާލާވުމާއި ވިހުމަށް މުހިންމު ސަރަހައްދެއް ކަމަށް އެންވަޔަރަމެންޓު މިނިސްޓްރީން ވިދާޅުވެއެވެ.
ހަމައެހެންމެ، މި ހިސާބުގެ އެންމެ ހާއްސަ ސިފައަކަށް ފާހަގަކޮށްލެވޭ ކަމަކީ މި ތިލައިގައި އެންމަޑި ސާފުކުރުމަށް ބޭނުންވާ 'ކްލީނިން ޝްޓޭޝަނެއް' ހުންނައިރު ނެލިވަރު ފިނޮޅަކީ އައިންމަތީ ދޫނިގެ މުހިންމު މާހައުލެއް ކަމަށް އެ އިއުލާނުގައިވެއެވެ.
އެ އިޢުލާންގައިވާ ގޮތުން ނެލިވަރު ސަރަހައްދުގެ އިތުރުން ހިމާޔަތްކުރި ހުރާފަރު ސަރަހައްދަކީ ހަނިފަރު ސަރަހައްދުގެ އުތުރަށް އޮންނަ އެންމަޑީގެ ބޮޑު އާބާދީއެއް ދިރިއުޅޭ ސަރަހައްދެކެވެ. އެގޮތުން މި ސަރަހައްދުގައި އެންމަޑީގެ ދިރުންތައް އާލާވެ އެންމަޑީގެ ކާނާ ހޯދުމަށް ފަސޭހަ ހިސާބެކެވެ.
އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، 2020 ވަނަ އަހަރުގެ ނިޔަލަށް 436 އެންމަޑި މި ސަރަހައްދުން ފެނިފައިވާއިރު ހުރާފަރު ފިނޮޅަކީ ވެސް އައިންމަތީ ދޫނީގެ މާހައުލެއް ކަމުގައެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ނިންމި ނިންމުމާ ގުޅިގެން، މި ސަރަހައްދުތަކުގައި ކުރުން މަނާ ބައެއް ކަންތަކަށް ބަލާއިރު އެއްވެސް ދިރުމެއްގެ ބިސް ނެގުމާއި ދިރުންތަކަށް ގޯނާ ކުރުމާއި ބިން ހިއްކުމާއި ފަޅު ހިއްކުން ފަދަ ކަންކަން ނުކުރުމަށް އެ ބަޔާނުގައި ގޮވާލަފައިވެއެވެ. އަދި، ކަނޑައެޅިފައިވާ އުސޫލުތަކެއްގެ މަތިން ކުރެވޭ ކަންތައްތަކެއް ވެސް މިނިސްޓްރީން ހުށައަޅާފައިވެއެވެ.
އެ ވުޒާރާއިން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ސަރަހައްދަށް ކަނޑައަޅާފައިވާ ވަކި ވަގުތެއްގައި ފަތުރުވެރިންނާއި އާންމުން ޒިޔާރަތްކުރުމާއި ތިމާވެއްޓާއި ރައްޓެހި ފަތުރުވެރިކަމުގެ މަސައްކަތެއް ކުރުމާއި ދިރާސާކުރުމުގެ އިތުރުން ރިހެބިލިޓޭޝަނަށް މަސައްކަތް ކުރުން ހިމެނެއެވެ.