Thursday, 18 April 2024

ޣައްޒާގައި ޒަޚަމްކޮށްލާފައިވާ މީހުންނަށް ފަރުވާދޭން ތުރުކީން ތައްޔާރަށް އޮތް ނަމަވެސް މަގުތައް ބަންދު

ފަލަސްޠީނަށް ވެރިވެގަނެގެން އުޅޭ އަނިޔާވެރި ޔަހޫދީން ޣައްޒާއަށް ދެމުންދާ ހަމަލަތަކުގައި ޒަޚަމު ކޮށްލާފައިވާ މުސްލިމުންނަށް ޞިއްޙީ ފަރުވާ ފޯރުކޮށްދޭން ތުރުކީވިލާތުން ތައްޔާރަށް އޮތް ކަމުގައި އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ. އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ހައްދުފަހަނަ އަޅާފައިވާ ޔަހޫދީން މެދުކެނޑުމެއް ނެތި ޣައްޒާއަށް ދެމުންދާ ހަމަލަތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 24,000 އަށް އުފުލިފައެވެ.

އަނިޔާވެރި އިސްރާއީލުން ޣައްޒާ ފުރަބަންދު ކޮށްފައިވާއިރު، ކާބޯތަކެއްޗާއި ފެނާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ވައްދަން ޔަހޫދީން ހުރަސް އަޅަމުން ދިޔުމާއެކު، ޣައްޒާގައި ޞިއްޙީ ފަރުވާއަށް ބޭނުންވެފައިވާ އެތަކެއް ހާސް މީހުންނަށް އެ ޚިދުމަތް ފޯރުކޮށްދޭނެ މަގު ތަނަވަސްވެފައެއް ނުވެއެވެ. ހަމައެހެންމެ، ތެޔޮ ހުސްވުމާއެކު ގިނަ ޢަދަދެއްގެ ހޮސްޕިޓަލްތަކާއި ކްލިނިކުތައް ވަނީ ބަންދު ކުރަން މަޖުބޫރުވެފައެވެ.

ޔަހޫދީންގެ ޖަރީމާތަކުގެ ސަބަބުން ޣައްޒާގައި ހުންނަ 35 ހޮސްޕިޓަލްގެ ތެރެއިން 16 ތަނެއް މިހާރު ވަނީ ބަންދު ކޮށްފައެވެ. އަދި، 72 ކްލިނިކުގެ ތެރެއިން 51 ތަން ވަނީ ބަންދު ކޮށްފައެވެ. އެ ތަންތަން ބަންދު ކުރަން ޖެހުނީ، ޔަހޫދީންގެ ހަމަލަތަކުގައި ލިބިފައިވާ ގެއްލުންތަކުގެ އިތުރުން، އެ ތަންތަނަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ތެޔޮ ހޮސްވުމުންނެވެ.

ތުރުކީ ވިލާތުގެ ރައީސް އުރުދުޣާން ވިދާޅުވީ، ޣައްޒާގައި ޒަޚަމު ކޮށްލާފައިވާ މީހުން ތުރުކީވިލާތަށް ގެންގޮސް، އެ މީހުންނަށް ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް އެ ޤައުމުން ތައްޔާރަށް އޮތް ކަމުގައެވެ. އަދި، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް ވެސް އެ ފުރުޞަތު ފަހިކޮށްދޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ. ނަމަވެސް، ޣައްޒާގައި ތިބި ޞިއްޙީ ފަރުވާއަށް ބޭނުންވާ މީހުން އެ ސަހަރުން ބޭރަށް ގެންދާނެ ގޮތަކާ މެދު ސުވާލު އުފެދެއެވެ. ސަބަބަކީ، އެ ސަހަރަށް ވަދެނިކުމެ ހެދެން އޮތް ހުރިހާ މަގެއް ޔަހޫދީން އޮތީ ބަންދުކޮށްފައެވެ.

އުރުދުޣާން މިހެން ވިދާޅުވެފައިވަނިީ، ދާދިފަހުން އުޒްބަކިސްތާނަށް ކުރެއްވި ދަތުރުފުޅެއް ނިންމަވައިލެއްވުމަށް ފަހު އެނބުރި ތުރުކީވިލާތަށް ވަޑައިގަންނަވައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ގަތުލުއާންމު ހުއްޓުވަން ވެސް ތުރުކީވިލާތުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އަދި، ޒަޚަމު ކޮށްލާފައިވާ މީހުން ތުރުކީވިލާތަށް ގެންދެވޭނެ ގޮތެއް ހޯދައިދިނުމަށް ޒަޔަނިސްޓު އިސްރާޢީލަށް ބާރު އަޅުއްވާނެ ކަމުގައި ވެސް އުރުދުޣާން ވިދާޅުވިއެވެ.

އުރުދުޣާން މިހެން ވިދާޅުވެފައިވާއިރު، ޣައްޒާގައި ރައްކާތެރި ކަމަށް ބުނެވޭނެ އެންމެ ޢިމާރާތެއް ވެސް ނެތް ކަމެވެ. އަދި، ޢާންމު ރައްޔިތުން ދިރިއުޅޭ ހުރިހާ ޢިމާރާތަކަށް ޔަހުދީން ހަމަލަ ދެމުންދާ ކަމެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކާއި ސްކޫލްތައް ވެސް ހިމެނެއެވެ. ޔަހޫދީންގެ ޙަމަލަތަކުން ސަލާމަތް ވާން ޣައްޒާގެ ދެކުނަށް ދަތުރުކުރާ މީހުންނަށް ވެސް ޔަހޫދީން ދަނީ ހަމަލަ ދެމުންނެވެ.

ސިނާޢީ ގޮތުން އެންމެ ކުރިއަރާފައިވާ ހަތް ޤައުމުގެ މައްޗަށް އެކުލެވިގެންވާ 'ގްރޫޕް އޮފް ސެވަން' (ޖީ7)ން ވަނީ، ޔަހޫދީންގެ މިނިވަންކަން ދިފާޢު ކުރުމުގެ ނަމުގައި ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމެއް ހިންގައި އެތަކެއް ހާސް މުސްލިމުންނެއް ޝަހީދު ކޮށްލުމަކީ ޔަހޫދީންނަށް ލިބިގެންވާ ހައްޤެއް ކަމުގައި ބުނެފައެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ދެމުންދާ ހަމަލަތަކުގައި ޝަހދީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 10,812 އަށް އަރާފައެވެ. އޭގެ ތެރޭގައި 4,300 އަށްވުރެ ގިނަ ޢަދަދެއްގެ ކުޑަކުދިން ވެސް ހިމެނެއެވެ. ޔަހޫދީން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމެއް ހިންގަމުން މި ދަނީ އެމެރިކާގެ ރުހުމާއި، ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުމާ އެކުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *