1968 ގެ ފަހުން ރާއްޖޭގެ ވެރިކަން ބަދަލުވަމުން އައިސްފައިވަނީ އަމާންކަމާއެކު؛ މިފަހަރު އެކަންޏެއް ނޫން: ރައީސް މައުމޫން

1968 ގެ ފަހުން ރާއްޖޭގެ ވެރިކަން ބަދަލުވަމުން އައިސްފައިވަނީ އަމާންކަމާއެކު ކަމަށާއި، އެކަން އެގޮތަށް ހިނގާފައިވަނީ މިފަހަރު އެކަނި ނޫންކަމަށް ވިދާޅުވެ ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމް ރައީސް ޞާލިޙަށް ރައްދުދެއްވައިފިއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ، ރައީސް ޞާލިޙް މިއަދު ޤައުމާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅަކަށް ރައްދުދެއްވައި، އެކްސްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޤައުމާ މުޚާޠަބުކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުޙަލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރުކަމަށެވެ. މީގެކުރިން އެކަން ހިނގާފައި އޮތީ ވޯޓުން ނުވިއްޔާ، ކޯޓުން ނުވަތަ މަގުމަތިންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގައި އޮންނަ ރިޔާސީ އިންތިޚާބުތަކާއި، ވެރިކަން ބަދަލުވެގެންދިޔުން މިގޮތުގައި ހިނގަމުންދާތަން ދިވެހިރައްޔިތުން ދެކޭހިތްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މި ހޯދުނު ކާމިޔާބީތައް ހިފަހައްޓައި، ދަމަހައްޓައި، ޤައުމުގައި އެކަން އަށަގެންނެވުމަކީ، ދެން އަންނަ ހުރިހާ ސަރުކާރުތަކާއި ވެރިންގެ މަސްއޫލިއްޔަތެއްކަމަށްވެސް ރައީސްގެ ޚިޠާބުގައި ވިދާޅުވިއެވެ.

"ސަރުކާރުތައް ބަދަލުވާނެ. ވެރިން އައިސް ގޮސްވާނެ. ޤާއިމްވެ، ދާއިމްވެ، ދެމިއޮންނާނީ ޤައުމާއި ރައްޔިތުން." ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

"ނުހަނު އިޙްތިރާމާއެކު ދަންނަވަން. 1968 ގެ ފަހުން ރާއްޖޭގެ ވެރިކަން ހުރިހާ ފަހަރަކުވެސް ބަދަލުވަމުން އައިސްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިން އަމާންކަމާއި އޮމާންކަމާ އެކު. މިފަހަރު އެކަންޏެއް ނޫން." ރައީސް ޞާލިޙްގެ ވާހަކަފުޅުތަކަށް ރައްދުދެއްވައި ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ތާރީޚުގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ފަރާތެވެ. އެމަނިކުފާނުވަނީ 30 އަހަރު ވެރިކަން ކުރައްވައި ޒަމާނީ ޑިމޮކްރެސީއަށް ޤައުމު ވާޞިލުކޮށްދެއްވައި، ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމަށް ޤައުމު ގެނެސްދެއްވައި، ޑިމޮކްރެސީގެ އަސާސްތަކުގެ މަތީގައި އައު ޤާނޫނު އަސާސީއަށް ދަތުރުކުރުމަށް މަގުފަހިކޮށްދެއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު