12 ފެބުރުވަރީ 2025

ހަމަޖެހުން އަންނަން ބޭނުންވަނީ، ބަދަލު ހިފުމާއި ދެކޮޅުވެރިކަން ބޭނުމެއް ނޫން: މުއިއްޒު

އެންމެން އެކީގައި ކުރިއަށްދާން ބޭނުންފުޅުވާ ކަމަށާއި، ބައިބައިވުމާއި ބަދަލުހިފުމާއި އަބަދު ދެކޮޅުވެރިކަމުގެ ރޫހުގެ ތެރޭގައި ކުރިއަށްދާން ބޭނުން ނުވާކަމަށް، އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، މިއަދު ފާހަގަކުރާ ރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޕީއެސްއެމް އަށް ދެއްވި އިންޓަވިއުގައެވެ.

އެމަނިކުފާނު ވިދާޅުވީ، ޤައުމަށް ހަމަޖެހުން އަންނަން ބޭނުންވާ ކަމަށާއި، ބައިބައިވުމާއި ބަދަލު ހިފުމާއި ދެކޮޅުވެރިކަން ބޭނުން ނުވާކަމަށެވެ.
"އަޅުގަނޑު ދެންނެވިން ބޭނުމޭ އެންމެ އެކީގައި ކުރިއަށް ދާން. ޤައުމަށް ހަމަޖެހުން އަންނަން ބޭނުމޭ. ބައިބައިވުމާއި ބަދަލުހިފުމާއި އަބަދު ދެކޮޅުވެރިކަމުގެ ރޫހުގެ ތެރޭގައި އަޅުގަނޑުމެން އަބަދު ކުރިއަށް ދާކަށް ބޭނުމެއް ނޫނޭ. ކުރިއަށް ދާން ބޭނުމީ އެކުވެރިކަމުގައި، ހަމަޖެހުން އަންނަން ބޭނުންވަނީ،" މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ކެބިނެޓް އެކުލަވާލައްވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވައުދުވެވަޑައިގެންނެވި ގޮތަށް ކަމަށާއި، އެ ވައުދުތައް ފުއްދަވައިދެއްވުމަށް އެމަނިކުފާނު ވެރިކަމަށް މި ވަޑައިގަންނަވަނީ އާންމުންނަށް ޚިދުމަތް ކުރެއްވުމަށް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ކެބިނެޓާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނަށާއި ސަރުކާރުގެ އިސް އެހެން މަގާމުތަކުގައި ވެސް ތިއްބަވާނީ އެމީހެއްގެ މައްޗަށް އެމަނިކުފާނަށް ފަހު ބަސް ބުނެވޭ އަދި އެހެން މީހެއްގެ ހުއްދަ ހޯދަން ނުޖެހޭ ފެންވަރުގެ ގާބިލު ބޭފުޅުން ކަމަށެވެ.

ކެބިނެޓް އެކުލަވާލުމުގައި ބެއްލެވި ކަންކަމުގެ ތެރޭގައި، ދާއިރާއަކާ ގުޅޭ ނުވަތަ އެ ދާއިރާއަކުން ކިޔަވާ ވިދާޅުވެގެން ހުންނެވި ނުވަތަ އެ ދާއިރާއެއްގެ ތަޖުރިބާ ވީހާ ވެސް ރަނގަޅަށް ލިބިވަޑައިގެން ހުންނެވި ބޭފުޅުން ނެގުމާއި، ހަވާލުކުރައްވާ އެއް ޕޯޓްފޯލިއޯއެއް ހިންގޭނެ ފަދަ އަދި އެ ދާއިރާއަކާ ވީހާ ވެސް ގާތް ގުޅުމެއް އޮތް، ވީހާ ވެސް ހިންގުންތެރި، މެނޭޖުމަންޓް ވައިސް އަދި ތަޖުރިބާގެ ގޮތުން ހިންގުންތެރި ބޭފުޅުން ނެގުމާއި، ތައުލީމީ ރޮނގުން އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީ ނެތް ބޭފުޅުން ނެގުމާއި، ޕީއެޗްޑީ ހޯލްޑަރުންގެ ގޮތުގައި ނުވަ ބޭފުޅުން ތިއްބެވުމާއި، މާސްޓާސް ލެވެލްގެ ބޭފުޅުން ތިއްބެވުން ހިމެނެއެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތައް ވެސް 700 އަށް ވުރެ އިތުރު ނުކުރައްވާނެ ކަމުގެ ޔަގީން މުއިއްޒު އަނެއްކާވެސް ދެއްވިއެވެ.

މުއިއްޒު ވިދާޅުވީ މިނިސްޓްރީތައް އިތުރު ކުރެއްވީ އެއް މިނިސްޓްރީއެއްގެ މެންޑޭޓުގެ ދަށުން މާ ގިނަ ކަންކަން ކުރަން އުޅެގެން ނަތީޖާ ނުނެރެވޭ ކަން ތަޖުރިބާ ކުރެވިފައި ވާތީ ކަމަށެވެ. އޭނާގެ ކެބިނެޓުގައި 2-3 މިނިސްޓްރީއެއް އިތުރުވިޔަސް، ހިންގުމުގެ ހަރަދު ބޮޑުނުވާނެ ކަމަށް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު