ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލި ފުރުޞަތުގައި 7500 އަށްވުރެ ގިނަ ޝަކުވާ ހުށައަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
"ޕީއެސްއެމް ނިއުސް"އަށް މަޢުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ މުއްދަތު ހަމަވިއިރު 7521 ޝަކުވާ ހުށައަޅާފައިވާކަމަށާއި، މިހާރު ކުރަމުންދަނީ ހުށައެޅުނު ޝަކުވާތައް ބެލުމުގެ މަސައްކަތް ކަމަށާއި، އެ މަސައްކަތް، މިއަދު ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭކަމަށް އަކްރަމް ވިދާޅުވިއެވެ. ނަމަވެސް ހުށައަޅާފައިވަނީ ކޮން ބާވަތެއްގެ ޝަކުވާކަމެއް އަކްރަމް ވިދާޅެއް ނުވެއެވެ.
ގިނަ މީހުން ހުށަހަޅާފައިވާ ޝަކުވާތަކަށް ބަލާއިރު:
- މާކްސް ދީފައިވަނީ ދިރިއުޅުމުގެ ޙާލަތަށް ބެލުމެއް ނެތި، ނުޙައްގުންކަމަށް.
- އަމިއްލަ މަސްލަހަތު އޮންނަ މީހުންނަށް ފްލެޓްތައް ބަހާލާފައިވާކަމުގެ ތުޙުމަތު
ހައުސިންގ މިނިސްޓްރީން ވިދާޅުވެފައި ވަނީ ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުން ކަނޑައަޅާފައިވަނީ ފޯމުގައިވާ މަޢުލޫމާތަށް ބެލުމަށްފަހުކަމަށެވެ. އަދި ހޮވާލެވުނު ބައެއް ގޭގެއަށް ޒިޔާރަތްކޮށް ޙާލަތު ބަލާފައިވާކަމަށެވެ. މިކަމާގުޅިގެން އާއްމުންގެ ޝަކުވާ ބޮޑުވެ، ގިނަ ތުޙުމަތުތަކެއް ކުރަން ފެށުމުން އޭސީސީއިން އަންނަނީ މި މައްސަލަ ބަލަމުންނެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ 4000 ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ފުރަތަމަ ފުރުޞަތު ދިނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހަވީރު 4 އަކާއި ހަމައަށެވެ. ނަމަވެސް ގިނަ ބައެއްގެ އެދުމުގެ މަތިން ޝަކުވާ ހުށައެޅުމުގެ މުއްދަތު ރޭ 12 ޖެހުމާއި ހަމައަށް އިތުރުކުރިއެވެ.
"ގެދޮރުވެރިޔާ" ސްކީމަށް ފޯމު ހުށައެޅި 20،697 މީހުންގެ ތެރެއިން 13000 އަށްވުރެ ގިނަ މީހުން ފްލެޓަށް ޝަރުތު ހަމަވާކަމަށް ސަރުކާރުން ނިންމެވިއެވެ. ޕްލޭނިން މިނިސްޓްރީން ނެރުއްވާފައިވާ ދާއިމީ ލިސްޓާއެކު، މިވަގުތު ސަރުކާރުން ތަރައްޤީކުރަމުންދާ 4000 ފްލެޓް ލިބޭ މީހުން ކަށަވަރުކޮށްފައިވަނީ އެންމެ މަތިން މާކްސް ލިބުނު މީހުންގެ ތަރުތީބުންކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.
އެގޮތުން ފްލެޓްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި ދޫކުރާ ހަތަރުހާސް ފްލެޓު ލިބޭނީ 3 ކޮޓަރީގެ ފްލެޓުތަކުގެ ތެރެއިން 76 އިން މަތިން މާކްސް ލިބިފައިވާ މީހުންނަށްކަމަށާއި، 2 ކޮޓަރީގެ ފުލެޓް ލިބޭނީ 73 އިން މަތިން މާކްސް ލިބިފައިވާ ފަރާތްތައްކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ. ފްލެޓް ލިސްޓް ކަނޑައެޅުމުގައި ގިނަ އޮޅުވާލުންތަކެއް ހުރިކަމަށްބުނެ އާއްމުންގެ ގިނަ ބަޔަކު ވަނީ މިނިސްޓްރީދޮށަށް އެއްވެ ކަންބޮޑުވުން ފާޅުކޮށްފައެވެ.