Thursday, 18 April 2024

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، މީގެ 45 އަހަރު ކުރިން ފެއްޓެވި ޚިދުމަތުގެ ދަތުރަށް ރައީސް މައުމޫންގެ ނަޒަރެއް

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، މިއަދަކީ މީގެ 45 އަހަރު ކުރިން، އެމަނިކުފާނު ޤައުމާއި ރައްޔިތުންނަށްޓަކައި ޚިދުމަތް ކުރުމުގެ ވަރަށް ޚާއްޞަ ދަތުރެއް ފެއްޓެވި ދުވަހެއް ކަމަށް ކުރީގެ ރައީސް، ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ 56 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ނެރުއްވި ބަޔާނެއްގައެވެ.

"މިއަދަކީ، މީގެ 45 އަހަރު ކުރިން، އަޅުގަނޑުގެ ޤައުމާއި ރައްޔިތުންނަށްޓަކައި ޚިދުމަތް ކުރުމުގެ ވަރަށް ޚާއްޞަ ދަތުރެއް އަޅުގަނޑު ފެށި ދުވަހެވެ." ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫނުގެ ބަޔާނުގައި ވިދާޅުވީ، 11 ނޮވެމްބަރު 1978 ން 8 އޮކްޓޫބަރު 2008 އަށް ހިނގާ ދިޔަ ދިގު 30 އަހަރު ދުވަހު ދިވެހި ޤައުމަށާއި ރައްޔިތުންނަށް އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ތަފާތު ކުރިއެރުން ތަކާއި ތަރައްޤީ ޙާޞިލުކުރެވުނީ، اللّه سبحانه وتعالـى އެމަނިކުފާނަށް މަގު ދައްކަވައި، އެމަނިކުފާނުގެ މައްޗަށް ލެއްވި އެކަނލާގެ ހެޔޮ ރަޙްމަތްފުޅުން ކަމަށެވެ.

"އަދި އަޅުގަނޑަށް އެކަނލާގެ ދެއްވި މަތިވެރި ތައުފީޤުންނެވެ. ހަމަ އެހެންމެ، އަޅުގަނޑުގެ ޢާއިލާ އާއި ލޮބުވެތި ދިވެހި ރައްޔިތުން އަޅުގަނޑަށް ދެއްވި މަތިވެރި ހިތްވަރާއި އިތުބާރުން އަޅުގަނޑުގެ ހިތުގައި އުފެދުނު ޝައުޤުވެރި ކަމެއްގެ ބޮޑު ކަމުންނެވެ." ރައީސް މައުމޫންގެ ބަޔާނުގައިވެއެވެ.

ޤައުމީ ޚިދުމަތް އެމަނިކުފާނު ދޭއްވަން ފެއްޓެވި ތާރީޚުގައި (11 ނޮވެމްބަރު) ހުރެ، ފަހަތަށް އެނބުރި އެދުވަސް ތަކުގެ މައްޗަށް ނަޒަރު ހިންގަވާލައްވަމުން، އެ މުއްދަތުގެ ތެރޭގައި ޙާޞިލު ކުރެވުނު ތަރައްޤީގެ ލަނޑު ދަނޑިތައް ޙާޞިލު ކުރުމުގައި ދިވެހި ލޮބުވެތި ރައްޔިތުންނާއި ރާއްޖެއަށް ހެޔޮ އެދި ވަޑައިގަންނަވާ ބޭރުގެ ޢިއްޒަތްތެރިން ދެއްވި އެހީތެރިކަމާއި އެއްބާރު ލެއްވުމުގެ އަގު ޝުކުރުވެރި ހިތަކުން އިޚްލާޞްތެރިކަމާއެކު ވަޒަން ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ނަޒަރު މި ހިންގާލީ، އެ މުއްދަތުގެ ތެރޭގައި ޙާޞިލު ކުރެވުނު ތަރައްޤީގެ ލަނޑު ދަނޑިތައް ޙާޞިލު ކުރުމުގައި ދިވެހި ލޮބުވެތި ރައްޔިތުންނާއި ރާއްޖެއަށް ހެޔޮ އެދި ވަޑައިގަންނަވާ ބޭރުގެ ޢިއްޒަތްތެރިން ދެއްވި އެހީތެރިކަމާއި އެއްބާރު ލެއްވުމުގެ އަގު ޝުކުރުވެރި ހިތަކުން އިޚްލާޞްތެރިކަމާއެކު ވަޒަން ކުރަމުންނެވެ." ރައީސް މައުމޫން ވިދާޅުވިއެވެ.

އެމަނިކުފާނުގެ ބަޔާން ނިންމަވާ ލައްވާފައިވަނީ، ދިވެހި ޤައުމާއި ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ތަރައްޤީއަށް އެދިވަޑައިގަންނަވަމުން، އަމިއްލަ މިނިވަން ކަމާއި ސިޔާދަތު ރައްކާތެރިކޮށް، އަމާން ކަމާއި އޮމާން ކަމާއި އެކުގައި ތަރައްޤީގެ އިތުރު ލަނޑު ދަނޑިތަކެއް ޙާޞިލު ވެގެން ދާތަން ފެނިގެން ދާނެ ކަމަށް އުއްމީދުކުރައްވަމުންނެވެ.

"އަޅުގަނޑު އެދެނީ ދިވެހި ޤައުމާއި ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ތަރައްޤީއެވެ. އަޅުގަނޑުމެންގެ އަމިއްލަ މިނިވަން ކަމާއި ސިޔާދަތު ރައްކާތެރިކޮށް، އަމާން ކަމާއި އޮމާން ކަމާއި އެކުގައި ތަރައްޤީގެ އިތުރު ލަނޑު ދަނޑިތަކެއް ޙާޞިލު ވެގެން ދާތަން ފެނިގެން ދިއުމެވެ." ރައީސް މައުމޫން ވިދާޅުވިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވިއިރު، ރައީސް މައުމޫންގެ މަސައްކަތްޕުޅުތަކުގެ ތެރެއިން އެންމެ އަލިގަދަކޮށް ފާހަގަވެގެންދިޔަ އެއް މަސައްކަތްޕުޅަކީ، ސަރަޙައްދީ އެއްބައިވަންތަކަމަށާއި، އިސްލާމީ އުންމަތުގެ ޙައްޤުތައް ޙިމާޔަތްކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅެވެ. ރައީސް މައުމޫނަކީ، ސަރަޙައްދީ ޖަމްޢިއްޔާ [ސާރކް]ގެ އެއް ބާނީއެވެ. އޭގެއިތުރުން، އެމަނިކުފާނަކީ، ބައިނަލްއަޤްވާމީ ބޮޑެތި ބައްދަލުވުންތަކުގައި ފަލަސްޠީނުގެ މައްސަލައިގައި މެދުނުކެނޑި ވަކާލާތު ކުރެއްވި ބަޠަލެކެވެ.

1987 ގައި ރައީސް މައުމޫން މުޅި ދުނިޔޭގެ ސަމާލުކަން ހޯއްދެވީ، އެ އަހަރު ވެންކޫވަރގައި އޮތް ކޮމަންވެލްތް ސަމިޓުގައާއި، އަދި އެ އަހަރު އ.ދ.ގެ ޢާންމު މަޖިލީހުގައި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ރާއްޖެއާއި އެހެނިހެން ކުދި ޖަޒީރާ ޤައުމުތަކަށް ހުރި ނުރައްކަލާ ބެހޭގޮތުން ބައިނަލްއަޤްވާމީ ސަމާލުކަން ހޯއްދެވުމާ ގުޅިގެންނެވެ. އެކަން ފާހަގަވެގެންދިޔައީ، ޤައުމެއްގެ އެންމެ އިސްވެރިއަކު މިމައްސަލައާމެދު އެންމެ މަތީ ފެންވަރުގައި އެންމެ ފުރަތަމަ އަޑުއުފުއްލެވި ފަހަރު ކަމުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *