Thursday, 18 April 2024

ބައްސާމް ހޮވުމުގެ ފުރުޞަތު ހަނި؛ ޓޮމްއާއި ދަގަނޑޭ ގުޅިގެން އެހެން ކެންޑިޑޭޓެއް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ އަޙްމަދު ޠާރިގު (ޓޮމް) އާއި އަލީ އަޝްފާޤް (ދަގަނޑޭ) ވާދަކުރޭނެ ކަމަކަށް ނުބެލެވެއެވެ. އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ކަމުގެ މަޤާމުގައި މިހާރު ހުރި ބައްސާމް އަދީލް ޖަލީލް ވާދަކުރެއްވި ނަމަވެސް އޭނާއަށް ކާމިޔާބު ނުވާނެ ކަމަށް އިތުރުބާރު ހުރި މަސްދަރަކުން، "ފިޔަ އޮންލައިން" އަށް ކަށަވަރު ކުރެވިއްޖެއެވެ.

އެފްއޭއެމްގެ އިންތިޚާބާ ގުޅޭގޮތުން "ފިޔަ" އިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި އެފްއޭއެމްގެ ރައީސް ކަމުގެ މަޤާމުގައި މިހާރު ހުރި ބައްސާމަށް ލިބޭނީ ގިނަވެގެން 3 ކުލަބުގެ ވޯޓެވެ. އަދި ޓޮމްއާއި ދަގަނޑޭގެ މި އިންތިޚާބުގައި ފަހަތަށް ޖެހި، އިންތިޚާބު ކާމިޔާބު ކުރުމަށް އެންމެ ރަނގަޅު ފޯމިއުލާއެއް ނެރޭނެއެވެ. އެހެންކަމުން މި އިންތިޚާބުގައި ވާދަކުރާ ތަން ފެނިގެން ދާނީ ބައްސާމުގެ އިތުރުން، އަޝްފާޤާއި ޓޮމް އެންޑޯޒުކުރާ އެހެން ކެންޑިޑޭޓެކެވެ.

ފުޓްބޯޅައިގެ ޝައުޤުވެރިކަން ހުންނަ ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި އެފްއޭއެމްއަށް އެންމެ ފައިދާ ބޮޑު ގޮތަކީ، ޓޮމްއާއި ދަގަނޑޭ ގުޅިގެން މަސައްކަތްކުރުމެވެ. މިކަން ވަނީ ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކޯޗު ޞަބާހު މުޙައްމަދު ހާމަކޮށްފައެވެ.

އެފްއޭއެމުގެ ރައީސްގެ މަގާމަށް ވާދަކުރައްވާނެކަން، މީގެ ކުރިންވެސް އެ މަޤާމު ފުރުއްވި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަދި ރައްޔިތުންގެ މަޖިލީހުގެ އދ. މަހިބަދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުން އަންނަ ޓޮމް ވަނީ ރަސްމީކޮށް އިއުލާންކުރައްވާފައެވެ. އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ދަގަނޑޭވެސް އެ މަގާމަށް ވާދަކުރަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަންނަނީ ޕޯސްޓުތަކެއް ދައުރުވަމުންނެވެ.

ރާއްޖޭގެ ފުޓްބޯޅައިގަ މިހާރު ދިމާވެފައިވާ ހާލަތުން އަރައިގަތުމާ ގުޅޭގޮތުން ޓީވީއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ސޮބާ ބުނީ ރާއްޖޭގެ ފުޓްބޯޅައިގެ ހާލުތު ރަނގަޅުވާން އޮތީ ވީ އެންމެ އަވަހަކަށް ބަދަލުތަކެއް ގެނެސްގެން ކަމަށެވެ. އެހެންނަމަވެސް، ދަގަނޑޭ ރަނގަޅީ އެފްއޭއެމުގެ ރައީސްކަމަށް ވާދަކުރުމަށް ވުރެން ރާއްޖޭގެ ފުޓްބޯޅަ މާކެޓުކޮށް ޕްރޯޓްކުރަން ހުރުމަށް ކަމަށް ބުންޏެވެ. އެކަމަކު ދެން ވާދަކުރާނެކަން އިއުލާންކޮށްފައިވާ ޓޮމްއަކީ ތައުލީމީ ހިންގުތެރި ޤާބިލު ކެނޑިޑޭޓެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ޞަބާހް ބުނީ މި ވަގުތު ރާއްޖެގެ ފުޓްބޯޅައަށް މުހިންމީ ތައުލީމީ ހިންގުންތެރި ޤާބިލު މީހެއް ކަމަށާއި، އެކަމަކު ދަގަނޑޭއަކީ މި ވަގުތަށް ބަލާއިރު އެންމެ ގާބިލް ކެނޑިޑޭޓް ނޫން ކަމަށެވެ.

އަދި އިތުރަށް ބުނެފައިވަނީ، އެފްއޭއެމުގެ ރައީސް ކަމަށް އަންނީ ކާކުތޯ ބެލުން މުހިންމު ނޫން ކަމަށާއި، ރާއްޖެއަށް މިވަގުތު ބޭނުންވަނީ ހާލަތުން އަރައިގަނެވި، ދެމެވެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދެވޭނެ ނިޒާމެއް ގާއިމުކުރުން ފަދަ ކަންކަން ކަމަށާއި، އެފްއޭއެމްގެ ރައީސްގެ މަޤާމުގައި ބައްސާމް ދެވަނަ ދައުރެއް ފުރިހަމަކުރައްވަމުން އަންނައިރު، ދިވެހި ފުޓްބޯޅައިގެ ހާލަތު ދުވަހެއް ދުވަހަކަށް އަންނަނީ ގޯސްވަމުން ކަމަށެވެ.

ބައްސާމު އެފްއޭމްގެ ރައީސް ކަމުގައި ބަހައްޓަން ނުޖެހޭ ސަބަބުތައް ބައިވަރެވެ. އެހެނީ، އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަ އާއި އެ އިދާރާގެ ދަރަނީގެ ބޮޑެތި މައްސަލަތައް ވަނީ އިތުރުވެފައެވެ. ހަމައެހެންމެ، އެފްއޭއެމަށް ފީފާ އާއި އޭއެފްސީން އަދި އެނޫންވެސް ގޮތްގޮތުން ދޭ ފައިސާ، އެތަނުގެ ވެރިން ނަހަމަގޮތުގައި ބޭނުންކުރާކަމުގެ ތުހުމަތުގައި ފުލުހުން ވަނީ އެ އިދާރާއަށް ވަދެ ތަހުގީގުގެ ބޭނުމަށް ބައެއް ތަކެތި ގެންގޮސްފައެވެ.

އެފްއޭއެމުގެ ހާލަތު ގޯހުން ގޯހަށް ގޮސްފައިވާއިރު، އެ އިދާރާގެ ނައިބު ރައީސްގެ މަޤާމުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އާއި އެކްސްކޯ މެންބަރުކަމުން ކުލަބު ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ޚަލީލް ވަނީ އިސްތިއުފާ ދެއްވާފައެވެ.

އެފްއޭއެމްގެ ޙާލަތު ގޯސްވެފައިވަނީ މި ފަހަކުން ނޫނެވެ. ބައްސާމް ބަދަލުކުރުމުގެ މަސައްކަތް ރައީސް ޞާލިޙްގެ ސަރުކާރު ފެށުނު ތަނާހެން ކުރަންފެށިއެވެ. އެހެންނަމަވެސް، ބަައެއް ސަބަބުތަކާހުރެ އެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު. "ސޭވް އެފްއޭއެމް" ގެ ނަމުގައި އޭނާ ދުރުކުރުމުގެ މަސައްކަތް މި އަހަރުގެ ކުރީކޮޅު ފަށައިފިއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ކަމުން އައީ މަފްލޫހާއި ބައްސާމް ގުޅިގެން ދެކޮޅަށް ހަމަޔަށް ބައިއަޅަމުންނެވެ. މައިމުލު ވަގަކީ މިހާރުވެސް ކަރަޕްސަން ސާބިތުވެފައިވާ އަދީބެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *