ޣައްޒާގައި ކޮންމެ 10 މިނެޓުން ކުޑަކުއްޖަކު ޝަހީދުވަމުން އެބަދޭ: ޑަބްލިއުއެޗްއޯ

އޮކްޓޫބަރު މަހުގެ 7 އިން ފެށިގެން ލާއިންސާނީ އިސްރާއީލުގެ ޔަހޫދީ ފައުޖުން ހިންގާ ޖަރީމާތަކާ ގުޅިގެން، ޣައްޒާގައި ކޮންމެ 10 މިނެޓުން ކުޑަކުއްޖަކު ޝަހީދުވަމުން ދާކަމަށް ޑަބްލިއުއެޗްއޯ އިން ހާމަކޮށްފިއެވެ.

މިކަމާ ގުޅިގެން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯގެ ޑައިރެކްޓަރ ޖެނަރަލް ޓެޑްރޮސްް އަދްނޮމް، އދ. ގެ ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ، ޣައްޒާގައި އެއްވެސް ތަނެއް ރައްކާތެރި ނޫންކަމަށާއި، ކޮންމެ 10 މިނެޓަކުން ކުޑަކުއްޖަކު ޝަހީދުވަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ، ޣައްޒާގައި ހުރި 36 ހޮސްޕިޓަލުގެ ތެރެއިން ދެބައިކުޅަ އެއްބައި ހޮސްޕިޓަލު ސުންނާފަތިވެފައިވާއިރު، ޕްރައިމަރީ ހެލްތުކެއަރ ސެންޓަރުގެ ތެރެއިން ތިންބައިކުޅަ ދެބައި ސެންޓަރު ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. ޣައްޒާގައި ހިންގަމުންދާ އުދުވާނު ސަބަބުން، އެ ސަހަރުގެ ޞިއްޙީ ނިޒާމުވަނީ "ކުޑަކަކޫ މައްޗަށް ތިރިވެފައިވާ" ކަމުގައިވެސް އޭނާ ސިފަކުރެއްވިއެވެ.

"ހޮސްޕިޓަލްތައް ވަނީ ފުރިފައި، އެތަންތަނުގެ ކޮރިޑޯތައް ވަނީ ފުރިފައި، ޒަޚަމުވެފައިވާ މީހުންނާއި، ބަލިމީހުންނާއި މަރުވަމުންދާ މީހުން. އެތައްހާސް ބަޔަކުވަނީ ހޮސްޕިޓަލުތަކަށް ވަދެ ހިމާޔަތް ހޯދާފަ." ޓެޑްރޮސް ސަލާމަތީ މަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

އޮކްޓޫބަރު މަހުގެ 7 އިން ފެށިގެން ލާއިންސާނީ އިސްރާއީލުގެ ޔަހޫދީ ފައުޖުން ހިންގާ ޖަރީމާތަކާ ގުޅިގެން، ހުޅަނގު އައްސޭރީގައިވެސް 250 ސިއްޙީ ޚިދުމަތްދޭ ތަނަކަށް ޙަމާލަ ދީފައިވާ ކަމަށްވެސް އޭނ ފާހަގަކުރެއްވިއެވެ.

"އިވެނީ ބަޑީގެ އަޑު، ދުވަނީ ދުމުގެ ވަސް. ރޭގަނޑުގެ ކަނުއަނދިރީގައި ފެންނަނީ އުންޑައިގެ ކަނިތައް. ބިރާއި ތަދާއި، ވޭނުން ފުރިފަ." އޭނާ ވިދާޅުވިއެވެ.

ޓެޑްރޮސް މިހެން ވިދާޅުވެފައިވާއިރު،  އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 11,078 އަށް އުފުލިފައެވެ. އޭގެ ތެރޭގައި 4,500 އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ވެސް ހިމެނެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 24,000 އަށް އަރައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު