Thursday, 18 April 2024

ޣައްޒާ ހަނގުރާމަ ވަގުތުން ހުއްޓާލަން ޢަރަބި އިސްލާމީ ވެރިން ގޮވާލައިފި

އަނިޔާވެރި އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތައް ވަގުތުން ހުއްޓާލައި، ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ފަހިކޮށްދިނުމަށް އަރަބި-އިސްލާމީ ވެރިން އިއްޔެ ގޮވާލައްވައިފިއެވެ. 

މިކަމަށް ގޮވާލައްވާފައި ވަނީ، ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒްގައި އިއްޔެ ބޭއްވި، ޖޮއިންޓް އަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓްގައެވެ.

އެ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި، އިސްލާމީ ގައުމުތަކުގެ ހުރިހާ ވެރިން ވެސް ގޮވައިލެއްވީ ޣައްޒާއާ ދެކޮޅަށް އިޒްރޭލުން ކުރަމުންދާ ހަނގުރާމަ، އެއްވެސް ޝަރުތެއް ނެތި ވަގުތުން ހުއްޓައިލުމަށެވެ.

"މިހާރުން މިހާރަށް އަޅަންވީ ފިޔަވަޅަކީ ހަމަލާ ދިނުން ހުއްޓައިލުން. ޒަޔަނިސްޓުންގެ އިސްތިއުމާރީ ދައުލަތާ އެކު ވިޔަފާރި ކުރުމާއި އެކި ކަންކަމުގައި އެއްބާރުލުން ހުއްޓާލައި، އިޒްރޭލުގެ އުފެއްދުންތައް ބޮއިކޮޓް ކުރުން،" އީރާންގެ ރައީސް ވިދާޅުވި އެވެ.

ތަޖިކިސްތާނުގެ ރައީސް ގޮވައިލެއްވީ އިޒްރޭލުގެ ހަމަލާތައް ވަގުތުން ހުއްޓާލައި ސުލްހައިގެ މަޝްވަރާގެ މޭޒު ދޮށަށް އައުމަށެވެ. އަދި އިރުމަތީ ގުދުސަކީ ވެރިރަށުގެ ގޮތުގައި އޮންނަ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމުގެ މަޝްވަރާތައް ވަގުތުން ފެށުމަށް ވެސް އޭނާ ގޮވައިލެއްވިއެވެ.

"ޣައްޒާގެ ރައްޔިތުންނަށް މިހާރުން މިހާރަށް އިންސާނީ އެހީތެރިކަން ބޭނުންވޭ. ޣައްޒާގެ ރައްޔިތުންނަށް ބޭނުންވަނީ ހަމަލާތައް ވަގުތުން ހުއްޓައިލުން. އެއްވެސް ޝަރުތެއް ނެތި، އިންސާނީ އެހީތެރިކަމުގެ ސާމާނު ޣައްޒާ އަށް ވެއްދޭނެ ގޮތެއް ހަމަޖައްސަން ޖެހޭ،" ޕާކިސްތާނުގެ ރައީސް އާރިފް އަލްވީ ވިދާޅުވިއެވެ.

ލީބިޔާގެ ރައީސް މުހައްމަދުލް މަންފީ ވިދާޅުވި ގޮތުގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ އުދުވާންތައް ހުއްޓައިލުމަށް، ސިޔާސީ ގޮތުން އިޒްރޭލަށް ފިއްތުންތައް ކުރުމަކީ އިސްލާމީ ގައުމުތަކުން ކުރަންޖެހޭނެ ކަމެކެވެ.
ކުވައިތުގެ ވަލީ އަހުދު ވިދާޅުވީ އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ޣައްޒާގައި ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް، ބައިނަލްއަގުވާމީ މުޖްތަމައުން ވަކިން ޚާއްސަކޮށް އދ.ގެ ސަލާމަތީ މަޖިލީހުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އެ ސަމިޓްގައި އަރަބި-އިސްލާމީ ބައެއް ގައުމުތަކުގެ އެންމެ އިސް ވެރިންނާއި ބައެއް ގައުމުތަކުގެ ޚާރިޖީ ވަޒީރުން ބައިވެރިވެވަޑައިގަތެވެ. އޭގެ އިތުރުން އަރަބި ލީގްގެ ސެކްރެޓަރީ ޖެނެރަލް އާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކްރެޓަރީ ޖެނެރަލް އާއި ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އޭޖެންސީ ފޯރ ޕަލެސްޓައިން ރެފިއުޖީސް އިން ނިއާ އީސްޓް (އުންރުވާ)ގެ ކޮމިޝަނަރ ޖެނެރަލް ފިލިޕް ވެސް ބައިވެރިވެވަޑައިގަތެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 11,078 އަށް އުފުލިފައެވެ. އޭގެ ތެރޭގައި 4,500 އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ވެސް ހިމެނެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 24,000 އަށް އަރައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *