މާދަމާ ދެ ޖަލްސާ ބާއްވަނީ؛ އެޖެންޑާގައި އޮތީ ބަޖެޓު ހުށަހެޅުމާއި، ނަޝީދު ގޮނޑިން ބޭލުމުގެ މައްސަލަ

ރައްޔިތުންގެ މަޖިލީހުގެ ދެ ޖަލްސާއެއް މާދަމާ ބޭއްވުމަށް މަޖިލީހުގެ އިދާރާއިން ނިންމަވައި، އެ ދެ ޖަލްސާގެ އެޖެންޑާ އާންމުކުރައްވައިފިއެވެ.

މަޖިލީހުން އާންމުކޮށްފައިވާ އެޖެންޑާގައިވާ ގޮތުން ފުރަތަމަ ޖަލްސާ އޮތީ ހެނދުނު 9:00 ގައި، އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ހުށައެޅުމާއި ސަޕްލިމަންޓަރީ ބަޖެޓް ހުށަހެޅުމެވެ.

މީގެ އިތުރުން، ދެވަނަ ޖަލްސާ ބޭއްވުމަށް އެޖެންޑާކޮށްފައި ވަނީ މާދަމާ ހެނދުނު 11:00 ގައެވެ. އެ ޖަލްސާގެ އެޖެންޑާގައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރާ މެދުގައި ގޮތެއް ނިންމުމެވެ.

ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އިއްވި ހުކުމާއެކު، މިއަދުގެ މަޖިލީސް ޖަލްސާގެ އެޖެންޑާގައި އޮތީ ނަޝީދުގެ މަގާމުން ވަކިކުރަން އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވައި ހުށަހެޅި ޤަރާރު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމެވެ.

މަޖިލީހުގެ ނައިބު ރައީސް ނެތި ވެސް ނަޝީދު މަޤާމުން ވަކިކުރުމުގެ ޤަރާރު ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާއިރު، މިއަދުގެ ޖަލްސާއަށް ވެސް ނައިބު ރައީސް އީވާ ވަނީ ސަލާމް ވިދާޅުވެފައެވެ. އެހެންވެ، މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލިފުށީ ދާއިރާގެ ޑިމޮކްރެޓްސްގެ މެންބަރު ހަސަން އަފީފްއެވެ.

ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސް ތަމްސީލުކުރައްވާ އަފީފް ނިންމެވީ އެ ޕާޓީގެ ޕީޖީން ނިޒާމީ މައްސަލަ ނަގައި އެދުނު ގޮތަށް، އެމްޑީޕީން ޤަރާރު ހުށަހަޅާފައި ވަނީ ގަވާއިދާ ޚިލާފު ކަމަށެވެ. އަދި އެ ޤަރާރު އަލުން ހުށަހެޅުމަށް ވެސް އޭނާ އެންގެވިއެވެ.
ޤަރާރު އަލުން ހުށަހެޅުމަށް މިއަދު 11:30 އަށް އެ ޤަރާރާ ގުޅޭ އިތުރު ޖަލްސާއެއް ތާވަލުކޮށްފައިވާއިރު، އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި އީވާ ނިންމެވީ ނަޝީދު ވަކިކުރުމުގެ ޤަރާރާ މެދު މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ގޮތެއް ނިންމާފައިވާ ކަމަށާއި، އެހެންވެ އެ ޤަރާރު އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުނު ޤަރާރު މަޖިލިހުގެ ރިޔާސަތުން މިއަދު ހެނދުނު ބޭރުކޮށްލީ ގަރާރުގައި ދިބާޖާއެއް ނެތްކަމަށް ވިދާޅުވެއެވެ.

މި މައްސަލައިގައ،ި މިއަދު ރިޔާސަތުން ކަންކުރެއްވި ގޮތް އަސްލަމް ސިފަކުރެއްވީ މަޖިލީހުގެ ޤަވާއިދާއި ގާނޫނުއަސާސީ "މުގުރާލުމުގެ" ގޮތުގައެވެ. އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާ ދެކޮޅަށް ވެސް އެބޭ ފުޅުން ބޭނުންފުޅުވަނީ "ގަދަބާރުން" ނަޝީދު ރިޔާސަތުގައި ބެހެއްޓެވުމަށް ކަމަށެވެ.

އަސްލަމް ވިދާޅުވީ، މަޖިލީހުން އެޖެންޑާކުރާ މައްސަލައެއް ބޭރުކޮށްލުމުގެ އިޚްތިޔާރެއް މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް ނޯންނާނެ ކަމަށާއި، އެއީ މަޖިލީހުގެ ޤަވާއިދު ތަންދޭ ކަމެއް ނޫންކަމަށެވެ.

އަސްލަމް އެ އިންޓަވިއު ދެއްވި ފަހުން އެމްޑީޕީން ވަނީ އަފީފްގެ އިތުރުން އީވާ ވެސް މެމްބަރުންގެ އިމްތިޔާޒްތަކަށް އަރައިގަތް ކަމަށް ބުނެ މަޖިލީހަށް މައްސަލަ ހުށަހަޅާފަ އެވެ.

ރިޔާސަތުން މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުތަކަށް އަރައިގެންފައިވާ ކަމަށް، މަޖިލީހުގެ އިމްތިޔާޒާއި ސުލޫކް ކޮމިޓީން ދެންމެއަކު ވަނީ ނިންމާފައެވެ. އެހެންވެ، އީވާ އާއި އަފީފް ހިމެނިވަޑައިގަންނަވާހެން ޑިމޮކްރެޓްސްގެ އެއްވެސް މެމްބަރަކަށް، ނަޝީދު ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް ވެސް ކޮމިޓީން ވަނީ ނިންމާފައެވެ.

މި މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގައި އިތުރު މަސައްކަތެއް ކުރިއަށް ގެންދިއުމަށް އެ ޕާޓީން އެއްބާރުލުން ނުލިބޭނެ ކަމަށް އަނެއްކާވެސް ވިދާޅުވެ، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވާ ޖަލްސާގެ ރިޔާސަތު ނަޝީދު ބަލަހައްޓަވާނަމަ، އެ ޖަލްސާއަށާއި އޭގެ ފަހުން އެކުލަވާލާ ކެބިނެޓަށް ރުހުންދިނުމުގައި ވެސް އެއްބާރުލުން ނުދެއްވާނެ ކަމަށް އަސްލަމް ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު