ރާއްޖޭގައި ކުރިއަށްދާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ %54 މަސައްކަތް ނިމިފައިވާ އެ މަޝްރޫޢު އަވަހަށް ނިންމަން އިސްކަންދެއްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ވީއައިއޭ ޓާމިނަލްގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލެއްވުމަށް ފަހު، އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ވީއައިއޭ ޓާމިނަލްގެ މަސައްކަތް ވެގެންދާނީ އެންމެ އިސްކަން ދޭނެ މަޝްރޫއަށް ކަމަށާއި، އެހެނީ ރާއްޖޭގެ އިޤްތިސާދު މިއަދު އޮތް ހާލަތުން ނަގާ ކޮޅަށް ޖެހުމަށް ބަލާއިރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ އިޤްތިސާދުގެ މައި ދޮރާށި ކަމަށެވެ.
"މި މަޝްރޫއު އަވަސްކޮށް ނިންމުން އެއީ އަޅުގަނޑުމެން ސަރުކާރުގައި އެންމެ އިސްކަން ދޭނެ އިގްތިސާދީ މަސައްކަތަކަށް ވާނީ. އެހެންވެ، ބަލާލަން މި ތަނަށް މިއައީ." ޓާމިނަލްގެ މަސައްކަތް ހަވާލުކޮށްފައިވާ ސައުދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕްގެ ފަރާތުން ހިންގާ މަޝްރޫއުގެ ތަފްސީލް ދެއްވައި މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، މި ކުރެވޭ މަސައްކަތުގެ ތެރެއިން ސައުދީ ބިންލާދިން ގްރޫޕާ ޙަވާލުކޮށްފައި އޮތް މަސައްކަތް، އެބޭފުޅުންގެ ސްކޯޕްގެ ގާތްގަނޑަކަށް %54 ނިމިފައިވާ ކަމަށް އެބޭފުޅުން ވިދާޅުވާ ކަމަށާއި، އެބޭފުޅުންގެ ސްކޯޕްގައި މަޝްރޫއު ނިންމަން 2025 ގެ މެދަކާ ހިސާބަށް ސްކޯޕްގައި އޮތް ކަމަށެވެ.
މުއިއްޒު ވިދާޅުވި އެމަނިކުފާނު 2024 ގެ އޮކްޓޯބަރު މަހަށްދާއިރު، އެ މަސައްކަތް ނިންމުމަށް އިސްކަންދެއްވާނެ ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބިން ލާދިން ގްރޫޕްގެ ސްކޯޕްގައި ނުހިމެނޭ މަސައްކަތްތައް ވެސް އެބަހުރި ކަން ފާހަގަކުރައްވަމުން، އޭގެ ތެރެއިން އެއް މަސައްކަތަކީ މަގު ހެދުން ކަމަށާއި، މަގު ހަދަން ދިހަ ވަރަކަށް މަސް ދުވަސް ހޭދަވާ އިރު، މިހާރުން މިހާރަށް އެކަން ބަޔަކާ ހަވާލުކޮށްގެން ނޫނީ އެއާޕޯޓު ޓާމިނަލް ނިމެންވާ އިރަށް މަގު ހަދާ ނުނިމޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
ދެވަނަ ކަމެއްގެ ގޮތުގައި މުއިއްޒު ފާހަގަ ކުރެއްވީ ޓާމިނަލް މަސައްކަތް ކުރާއިރު، ޑިއުޓީ ފްރީ ސަރަހައްދު ނިންމަން ބަޔަކާ ހަވާލުކޮށްފައި ނުވާ ކަމަށާއި، ޑިއުޓީ ފްރީއާ ނުލައި ޓާމިނަލަށް ފުރިހަމަ ކަމެއް ނުލިބޭނެ ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، ވެލާނާ އެއާޕޯޓު ރަނގަޅަށް ބޭނުން ކުރާ ކަމަށްވާ ނަމަ، އެޕްރޮން ވެސް ބޮޑު ކުރަން ޖެހެއެވެ. ނަމަވެސް އެ މަސައްކަތް ވެސް ސްކޯޕްގެ ތެރޭގައި ހިމަނާފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެއާޕޯޓުގެ ފުރިހަމަކަން ހޯދުމަށްޓަކައި ޖެޓްތަކަށް ޚާއްސަކޮށް ޖެޓް ޓާމިނަލެއް ހަދަން ޖެހޭ ކަން ފާހަގަކުރައްވަމުން، ވެހިކަލްތައް ޕާކް ކުރުމަށް ޕްލޭން ކުރެވިގެން ހައްލެއް ގެންނަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެއާޕޯޓުގެ ޓާމިނަލްގެ މަސައްކަތަކީ ނުނިމި ވަރަށް ބޮޑަށް ދިގުލައިގެން ދިޔަ މަސައްކަތެެއް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އަދި އަންނަ އާ ޓާމިނަލްގެ މަޝްރޫއު ނިންމަން ބޭނުންވާ 1.2 ބިލިއަން ރުފިޔާ ހަމަޖައްސައި ދިނުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން، އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން މި އެހީ ދިނުމަށް ނިންމީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު އަބޫ ދާބީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގެ ތެރެއިން ކަން ފާހަގަކުރެވެއެވެ. ހަމައެހެންމެ، އެ މަޝްރޫއު ނިންމަން ސައުދީއަރަބިއްޔާ އިން 100 މިލިއަން ޑޮލަރު ދޭން ނިންމާފައިވާކަންވެސް ފާހަގަކުރެވެއެވެ.