އަމީރުވެސް އާލާސްކަންފުޅާ؛ ބަޖެޓަށް ފިއްލަވައިފި

ޞީއްޙީ ހާލަތު ހުރި ގޮތުން ކަމަށް ވިދާޅުވެ، ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ހުށަހެޅުމަށް މިއަދުގެ މަޖިލީހަށް ވަޑައިނުގެންނެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އަންގަވައިފިއެވެ.

އެމަނިކުފާނު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިރޭ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، މާދަމާގެ ޖަލްސާއަށް ބަޖެޓު ހުށަހެޅުމަށް އެޖެންޑާކޮށްފައިވީ ނަމަވެސް ޞިއްޙީ ހާލަތު ހުރި ގޮތުން ވަޑައިގެންނެވެން ނެތް ކަމަށެވެ.

"އަޅުގަނޑުގެ ބަލިހާލަތު ހުރި ގޮތުން މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވެން ނެތް ވާހަކަ ހިތާމައާއެކު ދެންނެވީމެވެ،" އަމީރު ފޮނުއްވި ސިޓީގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެ ޖަލްސާއެއް މިއަދު ކުރިއަށް ގެންދިއުމަށް ނިންމާ ދެ ޖަލްސާގެ އެޖެންޑާ މަޖިލީހުގެ އިދާރާއިން ވަނީ މެންބަރުންނަށް ފޮނުވާފައެވެ. އެގޮތުން މިއަދު ކުރިއަށް ގެންދަން ނިންމާ ފުރަތަމަ ޖަލްސާއަށް ސަޕްލިމެންޓްރީ ބަޖެޓާއި އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް ހުށަހެޅުން އެޖެންޑާކޮށް ދެވަނަ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ވަނީ އެޖެންޑާކޮށްފައެވެ.

ފުރަތަމަ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 9:00 ގައެވެ. ދެވަނަ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 11:00 ގައެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ހުށަހެޅުމަށާއި މިއަހަރުގެ ބާކީ ދުވަސްތަކަށް ކުރަންޖެހޭ ހަރަދުތައް ކުރުމަށް ބޭނުންވާ ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހަށް ހުށަހެޅުމަށް މިދިޔަ މަހުގެ 31 ވަނަ ދުވަހު ބާއްވަން އުޅުނު ޖަލްސާއަށް ވެސް އެޖެންޑާ ކުރިއެވެ. އެކަމަކު، ރައީސް ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ އޭރު މަޖިލީހަށް ހުށަހެޅިފައިވާތީ އެ މައްސަލަ ނުނިމެނީސް އިތުރު ކަމެއް މަޖިލީހުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ބަންޑާރަނައިބް އިބްރާހީމް ރިފްއަތު ޤާނޫނީ ލަފާ ދެއްވިއެވެ. އެހެންކަމުން، އެ ދުވަހުގެ ޖަލްސާއަށް އަމީރު ހާޒިރުވެވަޑައެއް ނުގަންނަވައެވެ. އެކަމަކު މަޖިލީހުގެ އިދާރާއަށް ބަޖެޓް ފޮނުއްވާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު