Saturday, 12 October 2024

ސަހްޔޫނީ މުޖުރިމުން އަލްޝިފާ ހޮސްޕިޓަލުގެ ހިތުގެ ބަލިތަކަށް ފަރުވަދޭ ވޯޑު ސުންނާފަތިކޮށްލި އަނިޔާވެރި ޢަމަލު

ޔަހޫދީ އިސްރާއީލުގެ ސަހްޔޫނީ މުޖުރިމުން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އުދުވާނުގައި، ޣައްޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލް ކަމުގައިވާ އަލްޝިފާ ހޮސްޕިޓަލަށް ބޮންއަޅައި، އެ ތަނުގައި ހުންނަ ހިތުގެ ބަލިތަކަށް ފަރުވާދޭ ވޯޑު ސުންނާފަތި ކޮށްލައިފިއެވެ. ޔަހޫދީ މުޖުރިމުން އަލްޝިފާ ހޮސްޕިޓަލު ސުންނާފަތިކޮށްލުމަށް ހިންގަމުންދާ ޖަރީމާތަކުގައި އެތަކެއް ފަހަރު އުދުވާން ހިންގައިފިއެވެ.

ޣައްޒާގެ ހޮސްޕިޓަލްތަކަށް އަމާޒުކޮށް ޔަހޫދީން ދެމުންދާ މިފަދަ ހަމަލާތައް އިތުރުކޮށްފައިވާއިރު، އަލްޝިފާ ހޮސްޕިޓަލުގެ އިތުރުން އަލް-އަހްލީ ހޮސްޕިޓަލާއި، އަލް-ޤުދުސް ހޮސްޕިޓަލާއި، އަލް-ނަޞްރު ކުޑަކުދިންގެ ހޮސްޕިޓަލާއި، އިންޑޮނީޝިޔާ ހޮސްޕިޓަލަށް ވެސް ޔަހޫދީންގެ އުދުވާންގައި ހަމަަލަތައް އަމާޒުކޮށްފައިވެއެވެ. އަދި، އެ ހޮސްޕިޓަލްތަކުގެ އެމްބިޔުލާންސްތަކަށް ވެސް ބޮން އަޅާ ސުންނާފަތިކޮށްލާފައިވެއެވެ.

އަލް-ޝިފާ ހޮސްޕިޓަލުގެ ހިތުގެ ބަލިތަކަށް ފަރުވާދޭ ވޯޑު ހުންނަނީ ދެ ފަންގިފިލައަށް ނަގާފައިވާ ޢިމާރާތެއްގައެވެ. މި ހަމަލާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ސާފެއް ނުވިނަމަވެސް، އެ ހޮސްޕިޓަލުގައި ތިބި 15،000 އަށްވުރެ ގިނަ މީހުން ވަނީ މަގުމަތިވެ ހަދާނެ ގޮތް ހުސްވެފައެވެ. އޭގެ ތެރޭގައި ބަލިމީހުންނާއި، ހިމާޔަތް ހޯދަން އެ ހޮސްޕިޓަލަށް ވަދެ ތިބި މީހުން ހިމެނެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗްއޯ އިން ހާމަކުރައްވާފައިވާ ގޮތުގައި އެ ހޮސްޕިޓަލުން ވަނީ ކަރަންޓުގެ ކެނޑި މުވާސަލާތީ ޚިދުމަތް އެއްކޮށް މެދުކެނޑިފައެވެ. އަލްޝިފާ ހޮސްޕިޓަލް މިހާރު ބަދަލުވެފައިވަނީ މަރުގެ ހާއްޔަކަށް ކަމަށާއި، އެތަނުގައި ވަނީ ވޭނާއި ހިތްދަތިކަން ކަމަށް ވެސް އެ ޖަމްޢިއްޔާއިން ހާމަކުރައްވާފައިވެއެވެ.

ޣައްޒާގައި އަލްޝިފާ ހޮސްޕިޓަލަށް ޔަހޫދީން ދިން ރަޙުމު ކުޑަ ހަމަލަތަކާ ގުޅިގެން ޙަމާސް ޖަމާޢަތުން ވަނީ އެ ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރުމާ ގުޅޭ ގޮތުން ކުރަމުންދިޔަ މަޝްވަރާތައް މެދުކަނޑައިލަން ނިންމާފައެވެ. އަސީރުން މިނިވަން ކުރުމާ ގުޅޭ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން ދަނީ ޤަޠަރުންނެވެ.

މުޖުރިމުންނާއެކު ކުރާ މަޝްވަރާތައް މެދުކަނޑައިލަން ޙަމާސް ޖަމާޢަތުން ނިންމާފައިވީ ނަމަވެސް، އަސީރުން މިނިވަން ކުރުމާ ގުޅޭ އެއްބަސްވުމެއް އެކުލަވައިލުމުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށްދާ ކަމުގައި ޒަޔަނިސްޓު އިސްރާޢީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވެއެވެ.. އަދި، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެއްބަސްވުމެއް އެކުލަވައިލެވޭނެ ކަމުގައި ވެސް އޭނާ ބުންޏެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 11,100 އަށް އުފުލިފައެވެ. އޭގެ ތެރޭގައި 4,500 އަށްވުރެ ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނޭއިރު، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 24,000 އަށް އަރައެވެ. ޔަހޫދީންގެ ގަތުލުއާންމު ހިންގަމުން ދަނީ އެމެރިކާގެ ރުހުމާއި، އެއްބާރުލުމާއި އެހީތެރިކަމާ އެކުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު