29 އެޕްރީލް 2025

މިދިޔަ މަހު އެކަނިވެސް 1.7 ބިލިއަން ރުފިޔާ އިތުރަށް ޗާޕުކުރުން؛ އިޤްތިޞާދު ފުން އަނދަވަޅަކަށް!

މަރުކަޒީ ބޭންކް، އެމްއެމްއޭ މެދުވެރިކޮށް މިދިޔަ މަހު 1.7 ބިލިއަން ރުފިޔާ ޗާޕުކޮށްފިއެވެ. މިއީ އިޤްތިޞާދު ފުން އަނދަވަޅަކަށް ވައްޓާލުމުގެ ފިޔަވަޅެއް ކަމުގައި ނޫނީ ނުވާނެއެވެ.

މިހާ ބޮޑު އަދަދެއްގެ ފައިސާ ޗާޕުކުރިކަން އެމްއެމްއޭގެ ތަފާސްހިސާބުތަކުން ފެންނަ އޮތްއިރު، މިއީ އޭގެ ކުރީ މަހާ އަޅާބަލާއިިރު 300 މިލިއަން ރުފިޔާ އިތުރު އަދަދެއް ކަމަށް ފާހަގަކުރެވެއެވެ.

މިސިލްސިލާ އިޤްތިޞާދީ ކާރިސާއާ ދިމާއަށް ދައުލަތުގެ މާލީ ނިޒާމު ބައްޓަންކޮށް، މި ސަރުކާރުން އަންނަނީ 2020 ވަނަ އަހަރުން ފެށިގެން ކޮންމެ މަހަކު ވެސް ގިނަ އަދަދަށް ދިވެހި ނޫޓު ޗާޕްކޮށް، ދިވެހި އިޤްތިޞާދު އިނދަޖެހޭނެ މިސްރާބަކަށް ކަންކަން ބައްޓަން ކުރަމުންނެވެ.

އިޤްތިޞާދީ ކާރިސާއެއް

މިއަހަރުގެ ކުރީކޮޅު ސަރުކާރުން ޗާޕުކުރި 4.2 ބިލިއަން ރުފިޔާ ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލުކޮށް، އޭގެ ފަހުން ކޮންމެ މަހަކު ޗާޕުކުރާ އަދަދު ދެ ބިލިއަން ރުފިޔާއަށް ލިމިޓުކޮށް، ކޮންމެ މަހަކު އެއަށް ވުރެ އިތުރަށް ސަރުކާރަށް ފައިސާ ޗާޕެއް ނުކުރެވޭނެ ގޮތް ހެދިކަމުގައި ވިޔަސް މިއީ ދައުލަތެއްގެ މާލީ ނިޒާމަށް ފޫނު ބެއްދޭ ވަރުގެ ގެއްލުން ލިބިގެންދާނެ ކަމެކެވެ.

އެހެންނަމަވެސް، މިއަހަރު 4.2 ބިލިއަން ރުފިޔާ ބޮންޑަކަށް ބަދަލު ކުރުމުން، އަހަރު ނިމޭއިރު ދެ ބިލިއަން ޗާޕުކޮށްފިނަމަ، މިއަހަރު ޖުމްލަ ޗާފުކުރާ ވަރު 6.2 ބިލިއަން ރުފިޔާއަށް އެރުމުގެ ފުރުސަތު އެބަ އޮތެވެ.

އެމްއެމްއޭއަށް ދިގު މުއްދަތުގައި ދައްކާ ބޮންޑުގެ ގޮތުގައި 13 ބިލިއަން ރުފިޔާ ދައްކަންޖެހޭއިރު، މިކަމަކީ އައު ސަރުކާރަށް ވާރުތަވެގެންދާ އިޤްތިޞާދީ ބޮޑު ކާރިސާއެއްގެ ނުރަނގަޅު ފިޔަވަޅެކެވެ.

ރައީސް އިބްރާހީމް މުޙައްމަދު ސަރުކާރުން ވަނީ 2020 އިން ފެށިގެން، ޕަބްލިކް ބޭންކް އެކައުންޓް (ޕީބީއޭ) އިން 4.4 ބިލިއަން ރުފިޔާއާ ހަމައަށް ފައިސާ ޗާޕު ކުރެވޭނެ ލިމިޓެއް ކަނޑައަޅައިފައެވެ. އެ ލިމިޓަށް މި އަހަރުގެ ނިޔަލަށް ފައިސާ ނެގޭނެ ގޮތަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ތަކެތީގެ އަގުތައް އުފުލުން

ފައިސާ ޗާޕު ކުރުމުން އިޤްތިސާދުގައި ދައުރުވާ ފައިސާ އެތައް ގުނައެއް އިތުރުވެ، ތަކެތީގެ އަގުތަކަށް ބޮޑު ބަދަލެއް ފެންނާނެ ކަމަށެވެ. ތަކެތީގެ އަގުތައް އުފުލުމުން އިތުރަށް ހޭދަކުރަން ޖެހޭނެ މިންވަރު މަތިވާނެއެވެ. މިކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ، އާމްދަނީ އެންމެ މަދުން ލިބޭ މީހުންނަށެވެ. އަނެއްކާ ވެސް ފަގީރުން އިތުރަށް ފަގީރު ވުން ނޫން ކަމެއް ނުވާނެއެވެ.

ޑޮލަރުގެ އަގު އުފުލުން

ފައިސާ ޗާޕުކޮށް ޕަމްޕުކުރުމުން، އިޤްތިޞާދުގައި ދައުރުވާ އެކްސަސް ރުފިޔާގެ ލިކުއިޑިޓީ އިތުރުވެ، ބޭރު ފައިސާއަށް އޮންނަ ޑިމާންޑް ބޮޑުވެ، އެކްސްޗޭންޖް ރޭޓަށް ނޭދެވޭ އަސަރު ކުރާނެއެވެ.

މިހާރު ވެސް މިވަނީ ޑޮލަރުގެ އަގު އެތައްތަނަކުން އުފުލިފައެވެ. ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 18ރ. އިން މަތީގައެވެ. މިކަމުން ކުރިއަށް އޮތްތަނުގައި އަނެއްކާ ވެސް ޑޮލަރުގެ އަގު އިތުރަށް އުފުލޭނެ ކަމަށް ބެލެވެއެވެ.

ފައިސާ ޗާޕުކުުރުން ހުއްޓާލަންޖެހޭ

މިއީ ސަރުކާރުގެ ޒިންމާދާރު ކަމެއްނެތި ކުރަމުންދާ ކަމެކެވެ. ފައިސާ ޗާފުކުރުން އާދައަކަށް ހަދައިިފިއެވެ. މިކަމުގެ ސަބަބުން ވާނެ ގެއްލުމާމެދު ވިސްނުމެއްވެސް ނުބަހައްޓައެވެ.

ފައިސާ ޗާޕުކޮށްގެން ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަކީ ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށް އިގްތިސާދީ މާހިރުން އެއްބަސްވެ ވަޑައިގަންނަވައެވެ. އަދި ލިބޭ އާމްދަނީއާ އެއްވަރަށް ޚަރަދުތައް ހަމަޖައްސައި، ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ފިޔަވައި، އެހެން ޚަރަދުތައް ކުޑަކުރުމަށް އިސްކަންދޭން ޖެހެއެވެ. ޤައުމުގެ ހާލަތު ރަނގަޅު މަގަށް ގެންދިއުމަށް، އެމްއެމްއޭ އިން ދޭ އިރުޝާދުތަަކަށް ބޯލެނބުން ވެސް މުހިންމު ކަމުގައިވެސް ދެކެމެވެ.

ފައިސާ ޗާޕުކުރުން ހުއްޓުވޭނީ ދެކަމެއް ބެލެންސްކޮށްގެންނެވެ. އެއީ އާމްދަނީ އިތުރުކުރުމާއި، ޚަރަދުތައް މެދުމިންކުުރުމެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު