ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ރައީސް މުޙައްމަދު ނަޝީދު އިސްތިއުފާ ދެއްވައިފިއެވެ.
ރައީސް ނަޝީދު ވަނީ އިސްތިޢުފާ ދެއްވިކަން ކަށަވަރުކޮށްދެއްވާފައެވެ. އެ ގޮތުން ރައީސް ނަޝީދު އިސްތިޢުފާދެއްވައި ފޮނުވި ސިޓީ މަޖިލީހުގެ ތަޅުމަށް ފޮނުވިކަން ކަށަވަރު ކޮށްދެއްވާފައެވެ.
ރައީސް ނަޝީދު މަޤާމުން ވަކިކުރުމަށް އެމްޑީޕީން ކުރަމުން އައި މަސައްކަތް ކާމިޔާބު ވެފައިވަނީ، މިއަދު ހަވީރު 16:00 ގައި އެމައްސަލަ އެޖެންޑާކޮށް ޖަލްސާ ފެށި ހިސާބުންނެވެ.
މަރަދޫ ދާއިރާގެ މެމްބަރު، އިބްރާހިމް ޝަރީފް ރިޔާސަތުގައި ހުންނަވައިގެން މިއަދުގެ ޖަލްސާ ފެއްޓެވިތާ ކުޑައިރުކޮޅެއް ތެރޭގައި ވަނީ ނަޝީދު މަޤާމުން އިސްތިއުފާ ދެއްވިކަން އިއުލާނު ކުރައްވާފައެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީން 8 ފަހަރެއްގެ މަތިން މަޖިލީހުގެ ޖަލްސާއަށް އެމައްސަލަ އެޖެންޑާ ކުރިއެވެ. ނަމަވެސް މިހާތަނަށް އެމައްސަލަ ކުރިއަށް ނުގެންދެވި އެތައް ގޮންޖެހުމެއް ވަނީ ކުރިމަތިވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ:
- އެންމެ ފުރަތަމަ ވެއްދީ މިދިޔަ ޖޫން މަހު؛
- ޖުމްލަ 54 މެމްބަރުންގެ ސޮޔާއެކު ހުށަހެޅި މައްސަލައާއެކު މަޖިލިސް މަރުތަޅު އެޅި އެތަކެއް ދުވަހެއް ހޭދަވި؛
- ނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ބަލިވުމުން، ރައީސް ނަޝީދަށް ދޫ ދިނުން ނޫން ގޮތެއް ނުފެނި މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން އެ މައްސަލަ އަނބުރާ ގެނައި؛
- ދެވަނަ ބުރަށް ރައީސް ނަޝީދުގެ ތާއިދުވެސް ރައީސް ޞާލިހަށް ނުލިބުނު؛
- އިންތިހާބުން ބަލިވަޑައިގަތުމާއެކު އޮކްޓޫބަރު 12 ވަނަ ދުވަހު އެމްޑީޕީން ރައީސް ނަޝީދު ވަކިކުރަން މައްސަލަ ހުށަހަޅައިފައި.
ޝަރީފް މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކި ކުރުމުގެ ޤަރާރެއް ކުރިއަށްދާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ޤަވާއިދު މާނަކޮށްފައިވަނީ ގޯސްކޮށް ކަމަށާއި، މަޖިލިސް ހުއްޓުމަކަށް އަތުވެދާނެ ގޮތަކަށް ޤަވާއިދު މާނަ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްވެސް ކޮށްފައެވެ.
މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތްތަކުގައި މަޖިލީހުގެ ގަވާއިދުގެ ދަށުން ކަނޑައަޅަންޖެހޭ ފަސް މެމްބަރުންނަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް އޮންނަ އޮތުމަކީ މިފަދަ މައްސަލައެއް ދިމާވާ ހާލަތުގައި އަތުވެދާނެ ޤާނޫނީ ހުސްކަމަން އޮތް ހައްލެކެވެ. އެ ފަސް މެންބަރުންނަށް ރިޔާސަތު ނުބެލެހެއްޓޭނެ ހާލަތެއް ޤަވައިދުގައި ނެތްކަން ހުކުމުގައި ފާހަގަކުރިއެވެ.
ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު ހުކުމް އިއްވަވަނީ މަޖިލީހުގެ ރައީސްގެ މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ޤަވާއިދުގައި ސާފުކޮށް ބުނާތީ، އިތުރު މެމްބަރަކަށް އެފަދަ ގަރާރެއްގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ޤަބޫލުކުރިޔަސް، އެއީ ހުކުމްގައި ބުނި ގޮތުގައި ރަނގަޅު މާނަކުރުމެއް ނޫނެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
އަންނިސޮރުގެ ބަލާވެރިކަމުން މަޖުލިސްގެ ރައީސްގެ ގޮނޑި ސަލާމަތްވި ކަމަށްޓަކައި އަލްހަމްދު ލިއްލާހް
ދެން އެހެން ތިބެފާ އަމިއްލައަށް މިވެރިން އިސްތިއުފާ ދީފާ ދެން ކިޔާނީ ބަޣާވާތެއް ކުރިއްޔޭއެވެ. އެއީ ވެރިކަމުގައިވެސް ހެދިގޮތެވެ. ދުވަހަކުވެސް ދައުރެއް ހަމައެއް ނުކުރާނެއެވެ.
މިއީ މީނަގެ ނުލަފާކަމުން ދިވެހިން ސަލާމަތްވި ދެވަނަ ފަހަރެވެ. ދެނެއް މަޖްލީހަކަށްވެސް ދުވަހަކުވެސް ނުހޮވޭނެއެވެ.