އަދީބު އާއި ޒިޔަތު މިނިވަންކޮށްފި

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަދި ކުރީގެ ނައިބު ރައީސް، އަޙްމަދު އަދީބު އާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ، ޢަބްދުﷲ ޒިޔަތަށް މާފުދެއްވައި މިނިވަން ކޮށްފިއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ދިގު މުއްދަތަކަށް ހުކުމް ކޮށްފައިވާ އަދީބު އާއި ޒިޔަތު މިނިވަންވެފައިވަނީ އަދަބު ލުއިކޮށްދިނުމާއި މައާފުދިނުމުގެ ޤާނޫނުގެ ދަށުން ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މައާފުދެއްވައި ގުޅިގެންނެވެ.

އަދީބުއާއި ޒިޔަތުގެ އަދަބު ރައީސް ލުއިކޮށްދެއްވުމުން ދެބޭފުޅުން ވެސް މިނިވަން ވެފައިވާކަން ކަރެކްޝަންސް ސާވިސްގެ މީޑިއާ އޮފިޝަލް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ކުރި ދައުވާތަކަށް އަދީބު އާއި ޒިޔަތު ވަނީ ދައުލަތާއެކު ހެދި އެއްބާރުލުދިނުމުގެ އެއްބަސްވުމާއި އެއްގޮތަށް އިއުތިރާފުވެވަޑައިގެންފައެވެ. އޭގެ ފަހުން ކުރީގެ ރައީސް  ޔާމީންއާއި ދެކޮޅަށް އެ ދެބޭފުޅުން ވެސް ވަނީ ހެކިބަސް ދެއްވާފައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އަދީބު މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. ދައުލަތާ އެކީގައި އަދީބު އިއުތިރާފް އެއްބަސްވުމެއް ހަދާފައިވާއިރު، ސިއްހީ ހާލަތު ހުރި ގޮތުން އަދީބު މިހާތަނަށްވެސް ހުންނެވީ ގޭބަންދުގައެވެ.

އަދީބު ޖަލުގައި ހޭދަކުރައްވާފައިވަނީ، 2015 އިން 2018 އަށެވެ. އޭނާ ގެއަަށް ބަދަލުކުރީ ދިމާވި ސިއްހީ މައްސަލަތަކާއި ގުޅިފައިވާ ކަންކަން ކަމަށް ބެލެވޭ ކަމަށް އޭނާގެ ޕާޓީ، އެމްޓީޑީން ބުނެފައިވެއެވެ. އަދި ދާދި ފަހުން އަދީބު ބޭސް ފަރުވާއަށް ސިންގަޕޫރަށް ވެސް ވަޑައިގެންނެވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު